1 އޮކްޓޯބަރ 2010
ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މެނޭޖްމަންޓްތަކާ ދެމެދު ދިމާވާ މައްސަލަތަކުގެ އަޞްލަކީ ކޮބައިތޯ ދެނެގަނެ، އެމައްސަލަތަކަށް ޞުލްޙަވެރި ގޮތުގައި ޙައްލު ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މިހާރު ރާއްޖޭގައި ފާހަގަކުރެވެމުންދާ ފަތުރުވެރިކަމުގެ ހަފްތާއާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިފަދަ މައްސަލަތަކަށް ޙައްލެއް ހޯދުމުގައި ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާ ފަރާތުގެވެސް ޒިންމާއެއް އެބައޮތް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“އެކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެން ޢަމަލުކުރާ ގޮތްތަކުގެ ސަބަބުން، އަޅުގަނޑުމެންގެ މުސްތަޤްބަލް އަޅުގަނޑުމެންނަށް ގެއްލިދާފަދަ ޙާލަތެއް މެދުވެރިވެގެން ނުވާނެ” ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މައްސަލަތަކަށް ޞުލްޙަވެރި ޙައްލެއް ހޯދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން، މިކަންތައް ރަނގަޅު މަގަކަށް ގެންދިޔުމަށްޓަކައި ބޭނުންވާ ގަވާއިދުތަކާއި ޤާނޫނުތައް ހަމަ މިހާރުން މިހާރަށް އެބަ ބޭނުންވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
ހަޅުތާލު ކުރުމުގެ ޙައްޤާއި، ހަމައެއާއެކު މުދަލުގެ ވެރިފަރާތަށް ޙިމާޔަތްކޮށްދިނުމަކީވެސް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތަކެއް ކަމަށްވާއިރު، ރަނގަޅު ވަޒީފާގެ ގަވާއިދުތަކަކާއި، ހަރުދަނާ އުޞޫލުތަކެއް އޮތުމަކީ ޤައުމު ތަރައްޤީވެ ދިޔުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި، ޓުއަރިޒަމް އިންޑަސްޓްރީ ސަލާމަތްކޮށް ހިފެހެއްޓުމަށްވެސް، މި ހަމަތައް އެބަ ސާފުކޮށް އަޅަންޖެހޭ ކަމުގައި ވިދާޅުވެ، މިހާރުން މިހާރަށް ޢަމަލު ކުރެވޭނެ ގޮތްތަކެއްވެސް ހޯދަންޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންވީމާ، މިކަންކަމާ ގުޅޭ ޤާނޫނެއް ފާސްވަންދެން، ސަރުކާރުން މިހާރު ދަނީ ޓުއަރިޒަމް އިންޑަސްޓްރީއާއި އަދި އެއިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާ އެކުގައި މަޝްވަރާކޮށް ގަވާއިދުތަކެއް އެކުލަވައިލުމަށް ތައްޔާރުވަމުން ކަމުގައި ރައީސް ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ހިޠާބުގައި، ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު މާދަމާ އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގެ މައްޗަށްވެސް ވާހަކަފުޅުދެއްކެވިއެވެ.
” ކޮމަންވެލްތްގެ މިބާވަތުގެ ޙަރަކާތެއް، ޚާއްޞަކޮށް ދިއްލީގައި ބާއްވާއިރުގައި، މިދިވެހިރާއްޖެ މިވަގުތު ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް ދިއްލީއިންވެސް އަދި ކޮމަންވެލްތުންވެސް ދެކިވަޑައިގަންނަވާތީވެ، އަޅުގަނޑު ވަގުތު ހޯދައިގެން މިކަމުގައި ބައިވެރިވުމަށް މިދަނީ” ކަމުގައި ރައީސް ވިދާޅުވިއެވެ.