ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު އެކުލަވާލުމަކީ ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞާ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނަށް 2009 ވަނަ އަހަރު ޢަމަލުކުރާން ފެށުމާއެކު އެޤާނޫނުގެ 57 ވަނަ މާއްދާގައި ކުށްވެރިންގެ ދަފްތަރެއް ޝާޢިއުކުރުމަށް ލާޒިމްކޮށްފައިވާ ފަދައިން ހޯމަ ދުވަހު ޤާނޫނުގައި ބުނާ ދަފްތަރު އެކުލަވާލައި ޢާންމުކޮށްފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން މަރުޙަބާ ދަންނަަވަމެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ގުޅޭ އެކިއެކި މައްސަލަތައް މިއަދު ފެންމަތިވަމުން އަންނައިރު، މި ދަފްތަރު އެކުލަވާލުމަކީ މިފަދަ އަނިޔާއިން ކުޑަކުދިންނާ ޢާއިލާތަކަށް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމުގައި އެމްޑީޕީން ޤަބޫލު ކުރަމެވެ.

ހޯމަ ދުވަހު ޢާންމު ކުރެވުނު ދަފްތަރާމެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަކީ މުހިއްމުކަމެެއް ކަމުގައި އެމް.ޑީ.ޕީން ދެކެމެވެ. އެހެންކަމުން ދައުލަތުގެ މުވައްސަސާތަކާއި، ނޫސްވެރިން އަދި މަދަނީ ޖަމްޢިއްޔާތަކުންނާއި ވަކީން ޚާއްސަކޮށް ކުޑަކުދީންނާ ގުޅޭ ކަންކަމުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް މި ދަފްތަރު ޤަވާއިދުން ބައްލަވައި ދަފްތަރުގެ ބޭނުން ކުރެއްވުމަށް އެމް.ޑީ.ޕީން ގޮވާލަމެވެ.