ބ. ތުޅާދޫ ކައުންސިލްގެ ހުރިހާ މެންބަރުން އެއް މަސްދުވަހަށް ސަސްޕެންޑުކުރި ކުރުން އެމް.ޑީ.ޕީ އިން ހަރު އަޑުން ކުށްވެރިކުރުން

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އެންގުމަށް ތަބަޢަނުވިކަމަށް ބުނެ، އެއޮތޯރިޓީއިން ބ. ތުޅާދޫ ކައުންސިލްގެ ހުރިހާ މެންބަރުން އެއް މަސްދުވަހަށް ސަސްޕެންޑުކުރި ކުރުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ޙައިސިއްޔަތުން އެލްޖީއޭގެ ރައީސްކަމުގައި ހުންނެވި ޢުމަރު ނަސީރު ސޮއެކުރައްވާ މިއަދު ބ. ތުޅާދޫގެ ކައުންސިލަށް އަންގާފައިވަނީ މުސާރަޔާއި، ޢިނާޔަތްތައްވެސް ނުލިބޭގޮތުން 15 ނޮވެންބަރު 2015 ވާ އާދިއްތަ ދުވަހުން ފެށިގެން އެކައުންސިލްގެ ފަސް މެންބަރުން ސަސްޕެންޑުކޮށްފައިވާކަމަށެވެ. އަދި ކައުންސިލްގެ އެއްވެސް މަސައްކަތެއް ކައުންސިލަރުން ނުކުރުމަށާއި، އެއްވެސް ބާވަތެއްގެ ރަސްމީ މަޝްވަރާއެއްވެސް ނުކުރެއްވުމަށް ޢުމަރު ނަސީރުވަނީ އަންގަވާފައެވެ.
މިއީ ލާމަރުކަޒީ ނިޒާމަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ދުސްތޫރީގޮތުންނާއި، ޤާނޫނީގޮތުން އެކަށައެޅިފައިވާ ތަރުތީބުތަކަށް ސަރުކާރުން އިޙްތިރާމް ނުކުރާކަމުގެ ހެއްކެއްކަމުގައިވެސް މިޕާޓީއިން ދެކެމެވެ.
ރައްޔިތުންގެ ސީދާ ސިއްރު ވޯޓަކުން އިންތިޚާބުކޮށްފައިވާ ބ. ތުޅާދޫ ކައުންސިލްގެ މެންބަރު ޒިޔާއު އިބްރާހިމަށް މުސާރަޔާއި، ޢިނާޔަތްތައް ނުލިބޭނެމަގުން ދެމަސްދުވަހުގެ މުއްދަތަށް މީގެކުރިންވެސް އެލްޖީއޭއިން ނިންމާފައިވެއެވެ. މީގެ އިތުރުން ހަމަ އެކައުންސިލްގެ މެންބަރެއްގެގޮތުގައި އިންތިޚާބުވެވަޑައިގެން ހުންނެވި ޢަބްދުލް ރަޙީމްވެސް އެލްޖީއޭއިންވަނީ އެއް މަސް ދުވަހަށް ޖޫން 11ގައި ސަސްޕެންޑުކޮށްފައެވެ.
މީގެއިތުރުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރުތައް ހަނިވާގޮތުން، ލާމަރުކަޒީ ނިޒާމުގެ މަޤްސަދު ގެއްލޭގޮތެއްގައި އަދި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ރޫޙާއި، މަހްފޫމާއި ޚިލާފަށް ވެރިކަންކުރާ ޕާޓީއިން ލާމަރުކަޒީ ނިޒާމަށް މީގެކުރިންވެސް ބަދަލުގެނެސްފައިވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.
އެހެންކަމުން ބ. ތުޅާދޫގެ ކައުންސިލުގެ ޤާނޫނީ ވާޖިބުއަދާކުރެއްވުމުގައި އެކައުންސިލުގެ މެމްބަރުން ދެމިތިއްބަވަނިކޮށް ސަރުކާރުން އެ ބޭފުޅުންގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅައި ކުރަމުންގެންދާ ދުއްތުރާތަކުގެ ސިލްސިލާއަށް ބޮޅެއް އިތުރުކުރުމުގެގޮތުން މުޅި ކައުންސިލް މިހާރު ސަސްޕެންޑުކޮށްފައިވާ ނިންމުން ބާތިލުކުރުމަށާއި، ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކުރުމަށް ސަރުކާރުން ހިންގަމުންދާ އެފަދަ ވިޔާނުދާ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް އެލްޖީއޭއަށާއި، ހޯމް މިނިސްޓަރަށް މި ޕާރޓީން ގޮވާލަމެވެ.
އަދި ބ. ތުޅާދޫ ކައުންސިލުގެ މެމްބަރުންގެ ކިބައިން އަބަދުވެސް ފެންނަމުންދާ ހިތްވަރުފުޅު ގަދަކަމާއި ރައްޔިތުންގެ ޙައްޤުގައި ސާބިތުކަމާއެކު ތިއްބަވާ ތިއްބެވުން މި ޕާރޓީން ފަޚުރުވެރިކަމާއެކު ފާހަގަކުރަމެވެ.

12 ނޮވެމްބަރ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް