ރާއްޖޭގެ ރައްޔިތުންގެ ބާރުވެރިކަމަށާއި ޖުމްހޫރިއްޔަތަށް ބޮޑެތި ގޮންޖެހުންތަކެއް ރައީސް ޢަބްދުﷲ ޔާމިން ކުރިމަތިކުރައްވާފައިވާކަމުގެ ކަންބޮޑުވުން ފާޅުކުރުން

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަޙުނިޔާ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އަރިސްކުރަމެވެ.

ޖުމްހޫރީ ދުވަހުގެ ނަމުގައި މިދުވަސް މިއަދު ފާހަގަކުރެވެމުންދާއިރު، ރާއްޖޭގެ ރައްޔިތުންގެ ބާރުވެރިކަމަށާއި ޖުމްހޫރިއްޔަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވެވަޑައިގަތް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ބަޔަކު ބައިވެރިވެގެން ވައްޓާލުމަށްފަހު ރައްޔިތުންގެ ތާއީދު ނެތް ފަރާތްތަކެއް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފައިވަނީ ޤާނޫނު އަސާސީއާއި ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލެއްވުމަށްފަހުގައިކަން ފާހަގަކުރަމެވެ. މިގޮތުން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ވެރިކަމާ ޙަވާލުވެވަޑައިގަތް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ރިޔާސީ އިންތިޚާބުން އެންމެ5% ވޯޓު ގެ ތާޢީދު ލިބިވަޑައިގަތް އިރު، މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ އެންމެ 25% ވޯޓުގެ ތާޢީދުކަން ފާހަގަކުރަމެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފައިވަނީ ސްޕްރީމް ކޯޓާއި ފުލުހުން މެދުވެރިކޮށް ރިޔާސީ އިންތިޚާބުގެ ސައްޙަ ނަތީޖާ ޤާނޫނު އަސާސީއާ ޚިލާފަށް ބާތިލުކޮށް އަދި އިންތިޚާބުގެ އެކި ބުރުތައް ހުއްޓުވައި، މުޅި އިންތިޚާބު ޚަރާބުކުރެއްވުމަށްފަހުގައިކަން ފާހަގަކުރަމެވެ. މިގޮތުން ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވެރިކަމުގެ ހުވާކުރައްވައި މި ޖުމްހޫރިއްޔަތުގެ ވެރިކަމާ ޙަވާލުވެވަޑައިގެންފައިވަނީ ވެސް ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ތާރީޚު ފަހަނާޅައި ދިއަފަހުންކަން ފާހަގަކުރަމެވެ.

އިންތިޚާބުތައް ޚަރާބުކުރެއްވުމަށްފަހު ރައްޔިތުންގެ ތާޢީދު ނެތި ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ދެން ފެންނަންފެށި މަންޒަރަކީ ރާއްޖޭގެ ރައްޔިތުންގެ ބާރުވެރިކަން އިތުރަށް ކަނޑުވާލައި، ރާއްޖޭގެ ޖުމްހޫރިއްޔާ އެއްކޮށް ފަނާކުރެއްވުމުގެ މަސައްކަތްޕުޅުކަން ފާހަގަކުރަމެވެ. މިގޮތުން އިދިކޮޅު ސިޔާސީ ލީޑަރުން ނުޙައްޤުން ޖަލަށްލެއްވުމާއި، ސިޔާސީ ދަޢުވާތައްކުރެއްވުމާއި، އިދިކޮޅު ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ޖާގަ ހަނިކުރެއްވުން ހިމެނެއެވެ. އަދި އެމަނިކުފާނުގެ ވެރިކަމަށް 2 އަހަރު ނުފުރެނީސް ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމާއި، ޤައުމުގައި ސުލްޙައާއި އަމާންކަމާއި ރައްކާތެރިކަމާއި އަދި ޢަދަލު އިންސާފު ޤާއިމުކޮށްދެވިފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ހަމަ އެފަދައިން އެއްދައުރުގެ މިހާތަނަށް 2 ނައިބް ރައީސުން ވަކިކުރައްވައި، 2 ޑިފެންސް މިނިސްޓަރުން ވަކިކުރައްވައި، އުއްތަމަ ފަނޑިޔާރާއި އަދި ސްޕރީމް ކޯޓުގެ އެހެން ފަނޑިޔާރަކު ވަކިކުރައްވައި، އޯޑިޓަރ ޖެނެރަލް ވަކިކުރައްވައި، ޕްރޮސިކިޔުޓަރ ޖެނެރަލް ވަކިކުރައްވާފައިވާކަން ފާހަގަކުރަމެވެ. އަދި މީގެ ތެރެއިން ބައެއް ބޭފުޅުން ޖަލަށްލައްވާފައިވާކަން ވެސް ފާހަގަކުރަމެވެ.

މި ޙަޤީޤައްތައް މިހެންހުރުމުގެ ސަބަބުން، ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމިން ދެއްވި ތަޤުރީރު ބިނާވެފައި ވަނީ ވެސް އެ ބޭފުޅާ ރައްޖޭގެ ރައްޔިތުންގެ ކުރިމަތީގައާއި މުޅި ދުނިޔޭގެ ކުރިމަތީގައި ޑިފެންސަށް ވެއްޓިވަޑައިގެންފައިވާކަމުގެ މައްޗަށްކަން ފާހަގަކުރަމެވެ. އަދި މީގެ ކުރިއެކޭ އެއްފަދައިން އެކި އެކި ބަލިތަކުގެ ނަން ގެންނަވައި ރާއްޖޭގެ ރައްޔިތުންނަށް ފުރައްސާރަކުރައްވާފައިވާކަން ފާހަގަކުރަމެވެ. މިގޮތުން މީގެ ކުރިން “އޯޓިޒަމް” އާ ގުޅުވައި ރައްޔިތުންނަށް ފުރައްސާރަކުރައްވާފައިވާއިރު، ރޭގައި ފުރައްސާރަކުރައްވާފައިވަނީ “ބައިޕޯލާ” އާ ގުޅުވައިގެންކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މިއީ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ ފަރާތްޕުޅުން އިވުމަކަށް ރައްޔިތުން އެދޭ ޒާތުގެ ފެންވަރުގެ ވާހަކަފުޅެއް ނޫނެވެ.

އަދި މި ސަރުކާރަށް 2 އަހަރު ފުރެމުންދާއިރު، އިޤްތިޞާދުގެ ވާހަކަފުޅު ދެއްކެވުން ފިޔަވައި އިޤްތިޞާދީ އެއްވެސް ތަރައްޤީއެއް ޤައުމަށް ގެނެވިފައިނުވާކަން ފާހަގަކުރަމެވެ. މިކަން މިހެން އޮތްއިރު، ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާކަން ވެސް ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ރާއްޖެއާއި އަވައްޓެރި ޤައުމުތަކާއި އެނޫންވެސް ދުނިޔޭގެ ފަރާތްތަކާ ގުޅުންކެނޑޭ ސިޔާސަތުތައް އިސްކުރައްވައި އެގުޅުންތައް ޚަރާބުކުރައްވަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މިކަންކަން މިހެން މެދުވެރިވާންޖެހުނު ސަބަބަކީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ނާޤާބިލުކަމުންނާއި ރައްޔިތުންގެ ތާޢީދެއް ނެތި ވެރިކަމުގައި ހުންނެވުމުންކަމަށް ދެކެމެވެ. އަދި މިގޮތުން މިޤައުމަށާއި ޖުމްހޫރިއްޔަތަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ ސިދާ ރައީސް ޢަބްދުﷲ ޔާމިން ނަންގަވަން ޖެހިވަޑައިގަންނަވާނޭކަމަށް މި ޕާރޓީން ދެކެމެވެ.

11 ނޮވެމްބަރ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް