ރައްޔިތުން އެދޭ ފަދަ ހެޔޮވެރިކަމެއް ބިނާ ކުރުމުގެ މަސައްކަތުގައި އެމްޑީޕީ ދެމި އޮންނާނެ

ތިމަރަފުށި ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު މުޙައްމަދު މުޞްޠަފާ ހޯމަ ދުވަހު މި ޕާޓީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ ގުޅޭ ގޮތުން ޓްވީޓް ކުރައްވާފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުންގެ މެދުގައި ފިތުނަ އާއި ބައިބައިވުން އުފެއްދުމުގެ މަޤްޞަދުގައެވެ.

ބިރުވެރިކަމުން ފުރިފައިވާ މާޙައުލެއްގައި ސިޔާސީ ފިއްތުން ތަކާއެކުވެސް ރައްޔިތުންގެ ޙައްޤުގައި މެދުކެނޑުމެއް ނެތި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި އާންމު މެމްބަރުން އަބަދުމެ މިއަންނަނީ މަސައްކަތް ކުރަމުންނެވެ. އެމްޑީޕީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ މި ޕަޓީއަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅުން ކަމުގައި ފާހަގަ ކުރަމެވެ.

މިއަދު ރާއްޖެއަށް ކުރިމަތިވެފައިމިވާ ސިޔާސީ ހަލަބޮލިކަމުގައި އިޚްލާސްތެރިކަމާ، އެކުވެރިކަމާއެކު ރައްޔިތުންގެ މަންފާއަށް އެމްޑީޕީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ޢާންމު މެމްބަރުން ކުރައްވާ މަސައްކަތްތައް
ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރަމެވެ. އަދި ރައްޔިތުން އެދޭ ފަދަ ހެޔޮވެރިކަމެއް ބިނާ ކުރުމުގެ މަސައްކަތުގައި މި ޕާޓީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއެޓް

10 ނޮވެމްބަރ 2015