ރައްޔިތުންގެ މަޖިލީހުގެ ސާރޖެންޓް އެޓް އާރމްސް ގެ ދަށުން މަޖިލީހުގެ ސިކިޔުރިޓީ ބެލެހެއްޓެވުމުގެ މަސައްކަތްކުރެއްވުމަށްޓަކައި މަޖިލީހުން ވަޒީފާދެއްވާފައިވާ ހުރިހާ ސިކިޔުރިޓީ ބޭފުޅުން ވަޒީފާއަށް ނުކުމެވަޑައިނުގެން ގޭގައި މަޑުކޮށްލެއްވުމަށް މަޖިލީހުން އަންގަވާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުން ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކުރަމެވެ.
މިގޮތުން ވަޒީފާއަށް ނުކުމެވަޑައިނުގެން ގޭގައި މަޑުކޮށްލެއްވުމަށް މަޖިލީހުން އަންގަވާފައިވަނީ ޑެޕިޔުޓީ ސާރޖެންޓް އެޓް އާރމްސް އާއި އެސިސްޓެންޓް ސާރޖެންޓް އެޓް އާރމްސް ގެ މަޤާމުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ހުރިހާ ސިކިޔުރިޓީ އޮފިސަރުންނަށެވެ. އަދި އެބޭފުޅުންނަށް ވަޒީފާއަށް ނުކުމެވަޑައިނުގެން ގޭގައި މަޑުކޮށްލެއްވުމަށް އެންގެވި ސަބަބުކަމަށް އެނގިފައިވަނީ ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވާފައިވާތީއެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމަކީ މަޖިލީހުގެ ޗޭމްބަރުގެ ސިކިޔުރިޓީއާއި އަދި އެނޫންވެސް ވަކި ޚާއްޞަ ސަރަޙައްދުތަކެއްގެ ސިކިޔުރިޓީ ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު ޤަވާޢިދުން ޙަވާލުކުރެވި، ވަޒީފާދެވިފައިވާ އެ ހުރިހާ ފަރާތްތަކެއް ފަޒީފާއަށް ނުކުވެވަޑައިނުގެން ގޭގައި މަޑުކޮށްލެއްވުމަށް އަންގަވަންޖެހޭ ސަބަބެއްކަމަށް ނުދެކެމެވެ. އަދި އެބޭފުޅުންނަށް އެފަދައިން އަންގަވާފައިވަނީ އެބޭފުޅުންގެ ވަޒީފާ ނުވަތަ ވާޖިބު އަދާކުރެއްވުމުގައި އެއްވެސް އިޙްމާލެއް އޮވެގެން ނޫންކަން ވެސް ފާހަގަކުރަމެވެ. އެހެންކަމުން އެ ބޭފުޅުންނަށް ވަކި ޚާއްޞަ މަސްއޫލިއްޔަތުތަކަކާއެކު ސިކިޔުރިޓީގެ ވަޒީފާ ޙަވާލުކުރެއްވުމަށްފަހު އެބޭފުޅުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވަމުން ގެންދަވަނިކޮށް އެ ބޭފުޅުންގެ ކުށެއް ނުވަތަ އިޙްމާލެއްނެތި އެބޭފުޅުން ވަޒީފާއަށް ނުކުމެވަޑައިނުގެން ގޭގައި މަޑުކުރެއްވުމަށް އެންގެވުމަކީ އިންސާފެއް ނޫންކަމާއި އަދި އެކަން އެގޮތަށް ކުރެއްވިގެން ނުވާނޭކަމަކަށް އެމް.ޑީ.ޕީ ގެ ޕީޖީ ގްރޫޕުން ދެކެމެވެ.
10 ނޮވެމްބަރ 2015