އެމް.ޑީ.ޕީގެ ފަރާތުން ފުލުސް އޮފީހަށް ސިޓީއެއް ފޮނުވައިފި

930042995

ދިވެހި ރއްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ފޮނުވި ސިޓީގެ ޖަވާބުގައި ފުލުހުންނަށް އެމް.ޑީ.ޕީން މިއަދު ސިޓީއެއް ފޮނުވައިފިއެވެ. މި ސިޓީގައި ބަޔާކްކޮށްފައިވާގޮތުން 28 ސެޕްޓެމްބަރ 2015 ގައި ރިޔާސީ ލޯންޗުކޮޅުގައި ހިނގި ނުރައްކާތެރި ޙާދިސާއަށްފަހު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ސިފައިންނާއި ފުލުހުންގެ މެދުގައި ސިޔާސީ އަދި ފައިސާގެ ނުފޫޛު އިންތިހާއަށް އޮތްކަން ވަނީ ހާމަކުރައްވާފަކަން ފާހަގަކުރިއެވެ.

އަދި ރައީސް ޔާމީން ގެ މި ޚިޠާބުގައި ފާހަގަކުރެއްވި ފަދައިން ފުލުހުންގެ ފަރާތުން އެކަންކަން އެ ގޮތަށް އޮތްކަމަށް ހެޑް އޮފް މާލެ ސިޓީ ޕޮލިސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުޙުﷲ ވަޙީދު މި ޕާޓީއަށް ފޮނުއްވާފައިވާ ސިޓީއިން އެއްބަސްވެވަޑައިގެންފައިވާތީ އެމް.ޑީ.ޕީން އެކަމަށް މަރުހަބާ ދެންނެވިއެވެ. އަދި އެމް.ޑީ.ޕީން ކެނޑިނޭޅި ފުލުހުންގެ މުވައްސަސާ އިޞްލާޙް ކުރުމަށް އެދޭ ކަންކަން ކުރުމަށް ލިބުނު ހިތްވަރެއް ކަމުގައިވެސް ބުނެފައިވެއެވެ.

7 ފެބްރުއަރީ 2012 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓން އަބަދުވެސް ފާހަގަ ކުރަމުން އަންނަނީ ފުލުހުންގެ މުއައްސަސާގެ ތެރެއަށް ސިޔާސީ އަދި ފައިސާގެ ނުފޫޛު ވަދެ މުޅި މުއައްސަސާ އިންތިހާއަށް ފަސާދަވެފައިވާކަމެވެ. 7 ފެބްރުއަރީ 2012 ގެ ހިންގި ޣައިރު ޤާނޫނީ ކަންކަން ބަލައި ވަކިވަކި ފުލުހުންނާ މެދު ފިޔަވަޅު އެޅުމަށްފަހު އިސްވެ ދެންނެވުނު ދެ މުއައްސަސާ އިޞްލާޙުކުރުމަށް ‘ކޯނީ’ ރިޕޯޓުގައިވެސް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާމެދު މުޙައްމަދު ވަޙީދު ޙަސަން މަނިކު ހުންނެވި ދުވަސް ވަރުގައިވެސް އަދި މިވީހާތަނަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުވެސް އެއްވެސް ފިޔަވަޅެއް އެޅުއްވިތަނެއް ނުފެނެއެވެ.

ފުލުސް އޮފީސް އިޞްލާޙުކުރުމަށް ފުލުހުންގެ އިދާރާއިން އަޅަމުންދާ ފިޔަވަޅުތައް ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް އެމް.ޑީ.ޕީގެ ސިޓީގައިވެއެވެ. ނަމަވެސް ރައީސް ޔާމީނުގެ ޚިޠާބުގައި ފުލުހުންގެ މުއައްސަސާގެ ތެރެއަށް ފައިސާގެ ނުފޫޛު ފޯރުވާކަމަށް ބަޔާންކޮށްފައިވާއިރު އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި ސަރުކާރުގެ އިސް މަޤާމުތަކަށް އެފަރާތްތައް ޢައްޔަނުކުރުމަކީ ފުލުހުންގެ އިދާރާގެ ތެރެއަށް އެކިއެކި ނުފޫޛުތައް ފޯރުވުމަށް ދެވޭ ހިތްވަރެއްކަމުގައި އެމް.ޑީ.ޕީން ދެކޭކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެމް.ޑީޕީއަށް ފޮނުވި ސިޓީ ބެއްލެވުމަށް މި ލިންކަށް ފިތާލާ