28 ސެޕްޓެމްބަރ 2015 ގައި ރިޔާސީ ލޯންޗ؛ [ފިނިފެންމާ] ގައި ހިނގި ނުރައްކާތެރި ހާދިސާއާއި ގުޅިގެން، އޭގެ އެތަކެއް ދުވަސްފަހުން، ގައުމުގެ ސަލާމަތީ ޙާލަތު ގޯސްކަމަށް ބުނެ، މުޅި ރާއްޖޭގައި މިހާރު އިއުލާންކުރެވިފައިވާ “ކުއްލި ނުރައްލަކުގެ ހާލަތު” ގެ ސަބަބުން، ދިވެހިރާއްޖޭގެ އިޤްތިސާދައް އިޔާދަނުކުރެވޭނެ ގެއްލުންތައް ލިބެމުންދާ ކަމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ކަންބޮޑުވުން ފާޅު ކުރަމެވެ.
ނޮވެމްބަރ 4 ވަނަ ދުވަހު ކުއްލި ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ “ކުއްލި ނުރައްލަކުގެ ހާލަތު” ޢިއުލާން ކުރެއްވުމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތަށް މިހާރު ލިބެމުންދާ ގެއްލުމަކީ، މުޅި އިޤްތިސާދު ފުޑުފުޑުވެގެންދާނެ ކަމެކެވެ. ރާއްޖޭގެ ޤަވްމީ އުފެއްދުންތެރިކަމުގެ 30 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ވީހިނދު، މިދުވަސްވަރަކީ، ފަތުރުވެރިކަމުގެ ސިނާޢަތުގެ “ހައި ސީޒަން” އަށްވެފައި، ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާން ކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ބުކިންގްސްތައް ރިސޯޓްތަކުން ކެންސަލްވަމުންދާކަމުގެ ކަންބޮޑުވުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިން އަންނަނީ މި ޕާޓީއާއި ހިއްސާކުރަމުންނެވެ.
މިއަހަރުގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން މީގެ ކުރީގެ އަހަރުތަކާ އަޅާ ބަލާއިރު ދަށްވެފައިވާކަން މީގެ ކުރިންވެސް މިޕާޓީން ވާނީ ހާމަކޮށްފައެވެެ. އޮކިއުޕަންސީ ރޭޓް ދަށްވެފައިވާ ދުވަސްވަރު “ކުއްލި ނުރައްލަކުގެ ހާލަތު” ޢިއުލާން ކުރުމާ ގުޅިގެން ކުރިއަށް އޮތްތަނުގައިވެސް އޮކިޔުޕެންސީ ރޭޓް އިތުރަށް ދަށްވަމުން ދާނެކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން ގެސްޓް ހައުސް ވިޔަފާރިއަކީ ކުރިއަރަމުން އަންނަ ބޮޑު ސިނާޢަތަކަށްވެފައި، ގެސްޓްހައުސްތައް ހުންނަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ކަމުން، މި ސިނާޢަތަށް ލިބެމުންދާ ގެއްލުން އެތައް ގުނައެއް ބޮޑުކަމަށް ފާހަގަކުރެވެއެވެ. މި ގޮތުން، ގިނަ އަދަދަކަށް ގެސްޓް ހައުސްތަކުގެ ބުކިންގްސް ވެސް ކެންސްލްވަމުންދާ ދިޔުމަކީ، މި ޕާޓީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެކެވެ.
ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، 3000 ފަތުރުވެރިންނާއެކު ރާއްޖެ އަންނަން ހަމަޖެހިފައި އޮތް ދެ ޕެސެންޖާ ލައިނެއް ރާއްޖެ ނައުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޮޕަރޭޓާސް (މާޔާ) އިން 6 ނޮވެމްބަރ ވަނަ ދުވަހުވަނީ ބުނެފައެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާން ކުރުމާ އެކު ދިވެހިރާއްޖޭގެ ސިޔާސީ ޙާލަތުގެ ނާޒުކުކަން އިތުރަށް ހާމަވެއެވެ. ސިޔާސީ ގޮތުން ހަލަބޮލިވެ، ސަރުކާރުގެ ނުފޫޒު ކޮންމެ ކަމެއްގައިވެސް އިންތިހާއަށް ބޮޑުވެފައިމިވާ ދުވަސްވަރުގައި ދިވެހިރާއްޖެއާ މެދު އިންވެސްޓަރުންގެ މެދުގައި އިތުބާރު ކުޑަވެ، ރާއްޖޭގައި އިންވެސްޓްކުރަން މުސްތަޤްބަލްގައި ޖެހިލުންވާނެއެވެ. މިއީ ދިވެހި އިޤްތިސާދަށް ދެވޭނޭ ވަރަށް ބޮޑު ގެއްލުމެއްކަމަށް މިޕާޓީ ދެކެމެވެ.
ފިނިފެންމާ ލޯންޗުކޮޅުގައި ހިނގި ހާދިސާއާއި ގުޅިގެން ޤަވްމާއި މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ޤަވްމަށް މިވަގުތު ދިމާވެފައިވާ ބޮޑެތި ކަންކަމުގެ ތެރޭގައި، ފާހަގަކުރައްވާފައިވަނީ އެމަނިކުފާނު ސަރުކާރުގެ އިސް މަޤާމްތަކަށް އައްޔަން ކުރެއްވި ބައެއް ބޭފުޅުންނަށް އެމަނިކުފާނު އިތުބާރު ކުރެވުނީ ގޯހުންކަމާއި އަދި ބައެއް އިސް މަޤާމްތަކަށް އައްޔަން ކުރެވުނު ބޭބޭފުޅުންގެ ޤާބިލްކަން ނެތުމުން (ނައިބު ރައީސުން، ޑިފެންްސް މިނިސްޓަރުން، އެހެނިހެން މިނިސްޓަރުން، ޕޮލިސް ކޮމިޝަނަރު…) މުއައްސަސާތައް ބޮއްސުންލާފައިވާކަމާއި އަދި ޓުއަރިޒަމް ދާއިރާއިން ލިބިފައިވާ ގިނަ އަދަދެއްގެ ފައިސާ އަށް ވީނުވީއެއް ނޭގޭ ވާހަކައެވެ. އެހެންކަމުން، ފިނިފެންމާ ލޯންޗްކޮޅަށް ދިމާވި ހާދިސާއާއި، އަދި އިސްވެ ދެންނެވި ކަންކަމަށް ބެލީމާ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާން ކުރަންޖެހޭ ކަމަކަށް މި ޕާޓީ ޤަބޫލެއްނުކުރަމެވެ. މި ޕާޓީ ދެކޭގޮތުގައި، މި ކަމަކީ ރައީސް ޔާމީންގެ މަޤްބޫލުކަން، ދިވެހި ރައްޔިތުންގެ މެދުގަޔާއި، އަމިއްލަ ޕާޓީ ތެރޭގައިވެސް ކުޑަވުމުން، ބާރާއި ނުފޫޒޫ ބޭނުންކޮށްގެން ވެރިކަމުގައި ހުންނެވުމަށް ކުރެއްވި ކަމެކެވެ.
ބައިނަލްއަޤްވާމީ މުޖުތަމަޢިންވެސް ދިވެހި ސަރުކާރާށް ގޮވާލާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލައި ހިފެހެއްޓިފައިވާ އެންމެހާ ހައްޤުތައް އިޔާދަކުރުމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭފަދަ ހާލަތެއް މިރާއްޖޭގައި ނެތްކަމަށް މި ޤަވްމުތަކާއި، ޖަމްޢިއްޔާތައް ދަނީ ފާހަަގަކުރަމުންނެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށާއި ދިވެހި އިޤްތިސާދަށް ޖުމްލަކޮށް ލިބެމުންމިދާ ގެއްލުމުގެ ޒިންމާ ސީދާ ރައީސް ޔާމީން ނަންގަވަން ޖެހޭނެއެވެ. ސިޔާސީ މަަޤްސަދެއް ހާސިލްކުރުމަށް އަދި ސަރުކާރު އެތެރޭގެ ސިޔާސީ ކޯޅުން ހަމަޖެއްސުމަށް ބޭނުންކުރެވޭ ހަތިޔާރަކަށް، މި ކުއްލި ނުރައްކަލުގެ ހާލަތު ބޭނުންނުކޮށް، ވަގުތުން ވަގުތަށް މި ހާލަތު ބަދަލު ކުރުމަށް ރައީސް ޔާމީނަށް ހަރު އަޑުން ގޮވާލަމެވެ.