މީޑިޔާގެ މިނިވަންކަމާއި ނޫސްވެރިންނަށް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމަށް ގޮވާލުން

ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެތައް ގުނައަކުން ދަށްވެ، ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު ނޫސްވެރިން މަސައްކަތް ކުރުުމުގެ މާޙައުލު މުޅިން ނެތި ގޮސް ދިވެހިރާއްޖޭގައި އިދިކޮޅު ސިޔާސީ ޚަބަރު ރައްޔިތުންނާ ހަމައަށް ގެނެސްދޭ ޓީވީ ޗެނެލެއް ކަމުގައިވާ ރާްއްޖެ ޓީވީގެ އާންމު ބްރޯޑްކާސްޓިން މެދުކަނޑާލާފައިވާކަމީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ. އަދި ކަންމިހެން އޮތް އިރު ސަރުކާރުން ފުރައްސާރަ ކުރުމުގެ ސަބަބުން ސަންގު ޓީވީގެ ޚިދުމަތްވެސް މެދުކަނޑާލުމަށް މަޖުބޫރުވެފަައިވާކަން ކަންބޮޑުވުމާއެކު ފާހަނގަ ކުރަމެވެ.

ސަރުކާރާއި މިނިވަން މުވައްސަސާތަކުން ރާއްޖެ ޓީވީއާ މެދު ތަކުރާރުކޮށް އިހާނެތިކޮށް ޢަމަލު ކުރާ ކަމީ ދިވެހިރާއްޖޭގައި މިއަދު އުފެދެމުން އަންނަ މިނިވަން މީޑިޔާގެ މާޙައުލަށް ލިބޭ އަގުނުކުރެވޭނެ ބޮޑު ގެއްލުމެކެވެ. އަދި 2008 ވަނަ އަހަރު ތަސްދީޤް ކުރެވުނު ޤާނޫނު އަސާސީގެ ރޫޙާ ޚިލާފު ކަމެކެވެ. ޑިމޮކްރެޓިކް ދައުލަތެއްގެ 4 ވަނަ ބާރަކީ މިނިވަން މީޑިޔާ ކަމުގައިވާއިރު ދިވެހި ރާއްޖޭގައި ބިރުވެރިކަމެއް ނެތި ނުފޫޒުން އެއްކިބާވެފައިވާ މާޙައުލެއްގައި މަސަައްކަތް ކުރުމުގެ ފުރުޞަތު މިއަދު ނޫސްވެރިންނަށް ގެއްލެމުން އަންނަކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ.

މިއަދު ރާްއްޖެއަށް ކުރިމަތިވެފަައިމިވާ ސިޔާސީ ހަލަބޮޮލިކަމުގައިވެސް ރާއްޖޭ ޓީވީގެ ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. ރާއްޖެ ޓީވީ އަކީ ސިޔާސީ އަދި ކަރަންޓް އެފެއަރޒްގެ ޚަބަރުތައް ފުރިހަމަ ކަމާއެކު ރައްޔިތުންނާ ހަމައަށް ގެނެސްދޭ ޓީވީ ޗެނެލެއް ކަމުގައި ވީހިނދު، އެ ޗެނެލްގެ ޚަބަރުތައް މެދުނުކެނޑި ގެނެސްދިނުމަށް ނޫސްވެރިނަށް ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެވޭނެ މާޙައުލެއް ހޯދައިދިނުމަކީ ދައުލަތުގެ މައްޗަަށް ލާޒިމު ކަމެކެވެ. ވަކީން ޚާއްސަކޮށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން މިފަދަ މާޙައުލެއް ހޯދައިދީ މީޑިޔާގެ މިނިވަންކަން ކަށަވަރު ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވާލަމެވެ. އަދި ސަރުކާރުގެ ސިޔާސީ އެންގެވުންތަކަށް ކޮންމެ ހިނދެއްގައި އިޖާބަ ދެއްވުމުގެ ބަދަލުގައި ނޫސްވެރިންނާއި މީޑިޔާގެ މިނިވަންކަމާއި ރައްކާތެރިކަމަށް ވަކާލާތުކުރައްވާ ބަޔަކަށް ބްރޯޑްކާސްޓިން ކޮމިޝަންގެ އިސްވެރިން ވެވަޑައިގަތުމަށްވެސް ގޮވާލަމެވެ.

2008 ވަނަ އަހަރަށްފަހު ރާއްޖޭގެ މީޑިޔާގެ މިނިވަންކަން އެތައް ގުނައަކުން ކުރިއރާފައިވީނަމަވެސް އެމްޑީޕީގެ ވެރިކަން ވައްޓާލުމަށްފަހު މީޑިޔާގެ މިނިވަންކަން މިވަނީ 60 ދަރަޖަ ދަށަށް ގޮސްފައެވެ. މިމިންވަރަށް ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް ދާން ޖެހުނު ސަބަބަކީ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ތަކުރާރުކޮށް ހުރަސް އަޅަމުން ގެންދިއުން ކަމުގައިވެސް ފާހަގަ ކުރަމެވެ. ނޫސްވެރިންގެ ވާޖިބަށް ހުރަސް އަޅައި އަނިޔާކޮށް، ހައްޔަރުކޮށް، ޖިނާޢީ ދަޢުވާ އުފުލާފައިވުމުން ހާމަވަނީ މި ސަރުކާރުން އިސްކަންދެނީ ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށް ކަމުގައެވެ. ވީމާ، ނޫސްވެރިކަމުގެ މިނިވަންކަމަށް ނަގާލުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް މީހަރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ.