ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސެން ޝަމީމް، ކޯޓުން ބޭރުގައި ދައްކަވާފައިވާ ވާހަކަފުޅުތަކާ ގުޅޭ މައްސަލައެއް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ބައްލަވަމުން ގެންދަވާކަމަށް އެ ކޯޓުން ވިދާޅުވެ، އެބޭފުޅާ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރެއްވުމުގެ ހުއްދަ ވަކި މުއްދަތެއް ނެތްގޮތުގައި ސްޕްރީމް ކޯޓުން ކުއްލިއަކަށް ހިފަހައްޓަވާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުގެ އިތުރުން، ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި އަދި ހުއްދަ ބާތިލުކުރުމާއި، ފިޔަވަޅުއެޅުމާއި އަދި ވަކީލުންނާ ބެހޭ އެންމެހައި ކަންކަން ބެލެހެއްޓެވުމުގެ ބާރު ސްޕްރީމް ކޯޓަށް ނަންގަވާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.
އަލްއުސްތާޛު ޙުސެން ޝަމީމް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތުނުކުރެއްވޭނޭކަމަށް ސްޕްރީމް ކޯޓުން ކުއްލިއަކަށް އަންގަވާފައިވަނީ އެބޭފުޅާ ކޯޓުން ބޭރުގައި ދައްކަވާފައިވާ ވާހަކަފުޅުތަކާ ގުޅޭ މައްސަލައެއް ސްޕްރީމް ކޯޓުން ބައްލަވަމުން ގެންދަވާކަމަށް ވިދާޅުވެއެވެ. ސްޕްރީމް ކޯޓުން އެގޮތަށް ނިންމަވައި އަންގަވާފައިވަނީ އެ މައްސަލާގައި އަލްއުސްތާޛު ޙުސެން ޝަމީމްގެ ފަރާތްޕުޅުން ދައްކަވަންހުރި ވާހަކަފުޅުތައް އަޑުއެއްސެވުމެއް ނެތި، އެބޭފުޅާގެ ޣައިރު ޙާޟިރުގައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ހަމައެފަދައިން ސްޕްރީމް ކޯޓުން ބައްލަވަމުންދަވާކަމަށް ވިދާޅުވާ އެމައްސަލަ ވަކިގޮތަކަށް ނިމެންދެން ވަކި މުއްދަތެއް ނެތި އަލްއުސްތާޛު ޙުސެން ޝަމީމަށް ވަކާލާތު ނުކުރެއްވޭނޭކަމާއި އަދި މިގޮތުން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެއްވޭނޭކަމަށް ކަނޑައެޅުއްވުމަކީ މި ޕާރޓީން އަދި ވަކިން ޚާއްޞަކޮށް ކަންބޮޑުވާކަމެކެވެ.
ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލެއް ކޯޓުން ބޭރުގައި ކޮށްފި ޙާލަތެއްގައި ވިޔަސް އެ ވަކީލަކަށް ކޯޓުގައި ވަކާލާތު ނުކުރެއްވޭނޭކަމަށް ކަނޑައަޅުއްވަންވާނީ އެ ވަކީލެއް އެކަމުގައި ދައްކަން އޮތް ވާހަކައެއް އަޑުއެއްސެވުމަށްފަހުގައިކަމަށް ދެކެމެވެ. އަދި ވަކި ކޯޓެއްގެ ޙުރުމަތް ކެނޑޭފަދަ ޢަމަލެއް ކޮށްފިނަމަ އެކަމެއްގައި ފިޔަވަޅު އަޅަންވާނީ އެކޯޓަކުންކަމަށް ދެކެމެވެ. އަދި އެކަމަކީ ހުރިހާ ކޯޓުތަކަކަށް ދެމިގެންދާނޭ ގޮތަކަށް އެޅޭފިޔަވަޅަކަށް ވެގެން ނުވާނޭކަމަށް ވެސް ދެކެމެވެ.
މީގެ އިތުރުން، ކޯޓުތަކާ ބެހޭގޮތުން ވަކީލުން ތަފާތު ޚިޔާލުތައް ފާޅުކުރުމަކީ ހުޅުވިގެންވާ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި އެހެން ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން ވަކީލުންނަށް ވެސް ލިބިގެންވާ އަސާސީ ޙައްޤެކެވެ. އަދި އެއީ ވަރަށް ފުޅާ ދާއިރާއެއްގައި ވަކީލުން ބޭނުންކުރާ ޙައްޤެކެވެ. އެހެންކަމުން އަލްއުސްތާޛު ޙުސެން ޝަމީމާމެދު ސްޕްރީމް ކޯޓުން ފިޔަވަޅު އަޅުއްވާފައިވާ ގޮތާއި އަދި އެޅުއްވި ފިޔަވަޅާމެދު މި ޕާރޓީން އިންތިހާއަށް ކަންބޮޑުވަމެވެ. ހަމަ އެފަދައިން ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ. ގެ ޚާއްޞަ މުޝީރު މީގެ ކުރިން ވަނީ އެފަދަ ގޮތަށް ރާއްޖޭގެ ސްޕްރީމް ކޯޓުން ޢަމަލުކުރައްވާތީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވާފައިކަން ފާހަގަކުރަމެވެ.
މިކަން މިހެން އޮތްއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި އަދި ވަކީލުންނާ ބެހޭ އެންމެހައި ކަންކަން ބެލެހެޓުމުގެ މަސައްކަތް، ވަކި ޤަވާޢިދެއްގެ ދަށުން ބަންޑާރަ ނައިބުގެ އޮފީހުން ކުރައްވަމުން ގެންދަވަނިކޮށް، ސްޕްރީމް ކޯޓުން އެކި ގޮތްގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ އެ މަސައްކަތުގެ ތެރެއަށް ވަދެވަޑައިގެން، އެންމެފަހުން މިހާރު ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނަށް ވަކާލާތުކުރުމުގެ ހުއްދަ ދިނުމާއި އަދި ހުއްދަ ބާތިލުކުރުމާއި، ފިޔަވަޅުއެޅުމާއި އަދި ވަކީލުންނާ ބެހޭ އެންމެހައި ކަންކަން ބެލެހެއްޓެވުމުގެ ބާރު ސްޕްރީމް ކޯޓުން 4 ނޮވެމްބަރ 2015 ވަނަ ދުވަހު އެ ކޯޓުން އަމިއްލައަށް ނެރުއްވި ރޫލިންގ އަކުން ނަންގަވާފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
ޖުޑިޝަލް ޕްރޮފެޝަނާއި ލީގަލް ޕްރޮފެޝަނަކީ މުޅިން ތަފާތު 2 ޕްރޮފެޝަނަކަށްވާއިރު، ސްޕްރީމް ކޯޓުން ލީގަލް ޕްރޮފެޝަން ރެގިޔުލޭޓުކުރައްވަން ފެއްޓެވުމަކީ ހުޅުވިގެންވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ޢަމަލުކުރެވޭ ހަމަތަކާ ކަނޑައެޅިގެން ޚިލާފުކަމެކެވެ. އަދި އެއީ ވެސް ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ. ގެ ޚާއްޞަ މުޝީރު މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފައިވާކަމެކެވެ.
ސްޕްރީމް ކޯޓުގެ މި ޢަމަލުގެ ސަބަބުން ރާއްޖޭގެ ޖުޑިޝަރީ އާމެދު އަނެއްކާ ވެސް ބައިނަލްއަޤުވާމީ ފަރާތްތަކުގެ ފާޑުކިޔުން އިތުރުވެގެންދާނޭ ކަމާމެދު ޝައްކެއްނެތެވެ. އަދި އެއީ މި ޕާރޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.
6 ނޮވެމްބަރ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް