ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ސިޔާސީ ޙަރަކާތްތައް ހިންގާ ހެންވޭރުގައި ހުންނަ ހަރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ މި ޕާރޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް، ގިނަ އަދަދެއްގެ ފުލުހުން އެ އިމާރާތުގެ ތެރެއަށް ހުއްދައަކާނުލައި ވަދެގަނެ، އެ ޖަލްސާއަށް ހުރަސްއަޅައި އަދި އެތަނުގައި ބޭނުންކުރަމުންދިއަ ސައުންޑް ސިސްޓަމް ނެގުމަށް އަންގާފައިވާތީ، މި ޕާރޓީން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
މިއީ އަނެއްކާ ވެސް ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް މި ޕާރޓީގެ ސިޔާސީ ޙަރަކާތްތަކަށް ހުރަސްއަޅައި ބިރުދެއްކުމުގެ ގޮތުން ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ހިންގާފައިވާ ދަށުދަރަޖައިގެ ޢަމަލެކެވެ.
މި ޕާރޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުންތައް މި ޕާރޓީގެ އަމިއްލަ ހަރުގޭގައި ބޭއްވުމަކީ މި ޕާރޓީގެ ޙައްޤެކެވެ. އަދި އެއީ ރައީސް ޢަބްދުﷲ ޔާމިން މިހާރު އިޢުލާންކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގައި ހިފަހައްޓަވާފައިވާ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން ހިފެހެއްޓިފައިވާ ޙައްޤެއް ނޫންކަމާއި އަދި ފުލުހުންނަށް އެތަނުގެ ތެރެއަށް ވަދެވިގެންވާނޭ ތަނެއް ނޫންކަމުގައި ފާހަގަކުރަމެވެ. އެހެންކަމުން އެއީ ފުލުހުން ޤާނޫނު އަސާސީއާ ޚިލާފަށް ހިންގާފައިވާ ބޮޑު ކުށެއްކަން ފާހަގަކުރަމެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްގެން މުޒާހަރާކުރުމުގެ ޙައްޤު ނިގުޅައިގަނެ ހިފަހައްޓާފައި އެވަނީ މިހާރު ރާއްޖެއަށް ދިމާވެފައިވާ ކަންތަކާ ގުޅުމެއް އޮތް ގޮތަކަށް ނުވިކަމުގައި ވިޔަސް، އެ ޙައްޤުވެސް ހިފަހައްޓާފައިވީތީ، މި ޕާރޓީން 6 ނޮވެމްބަރ 2015 ވަނަދުވަހުގައި ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ ބޮޑު މުޒާހަރާ ވެސް މިހާރު ވާނީ ފަސްކުރެވިފައެއެވެ. މިކަމުން ވެސް އެނގެނީ މި ޕާރޓީއަކީ ތަސައްރަފު ފުދިފައިވާ ހަރުދަނާ ސިޔާސީ ޕާރޓީއެއްކަމެވެ.
ނަމަވެސް ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި ކަށަވަރުކޮށްދީފައިވާ ގިނަގުނަ ޙައްޤުތަކަކާއި މިނިވަންކަމެއް ކުއްލި ނުރައްކާ އިޢުލާންކޮށްގެން ރައްޔިތުންގެ ކިބައިން ނިގުޅައިގަނެ ހިފެހެއްޓުމަށްފަހުގައި، އެވަރުން ނުފުދިގެން ހިފެހެއްޓިފައި ނުވާ ޙައްޤުތަކަށް ވެސް ރޭގައި ކަންކުރި ބީދާއިން ސަރުކާރުން ފާޅުގައި އަރައިގަންނަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
މިކަމަކީ މި ސަރުކާރު ހައްދުފަހަނާޅާ ގޮސްފައިވާ މިންވަރު ހާމަވެގެންދާކަމެކެވެ. އަދި ކުއްލި ނުރައްކާ އިޢުލާނުކުރައްވައިގެން ވެސް ނުވަތަ އިޢުލާން ނުކުރައްވައި ވެސް ޙައްޤުތަކާއި މިނިވަންކަމަށް އަރައިގަތުމާއި ސިޔާސީ ޙަރަކާތްތައް ހުއްޓުވުމަކީ މިރާއްޖޭގައި މިހާރު މިއޮތް ޙާލަތަށް ޙައްލުލިބޭނޭ ކަމެއް ނޫނެވެ. ރާއްޖެއަށް މިހާރު ކުރިމަތިވެފައިމިވާ ޙާލަތަކީ ސިދާ ރައީސް ޢަބްދުﷲ ޔާމިންގެ ނާޤާބިލުކަމުންނާއި އަދި ރައްޔިތުންގެ ތާޢީދު ނެތި ވެރިކަން ކުރައްވަން އުޅުއްވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތެއްކަމަށް ދެކެމެވެ.
16 ނޮވެމްބަރ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް