ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވައިގެން ވެރިކަން ކުރެއްވުމުގެ ޙާލަތަށް ދިވެހިރާއްޖެ ގަންބަވާލައްވާފައިވާތީ ކަންބޮޑުވުން ފާޅުކުރުން

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް 2 އަހަރު ނުވަނީސް ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވައިގެން ވެރިކަން ކުރެއްވުމުގެ ޙާލަތަށް ދިވެހިރާއްޖެ ގަންބަވާލައްވާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު މިއަދު މެންދުރު 12:00 އިން ފެށިގެން ޤާއިމުކުރައްވާފައިވާކަން އިޢުލާންކުރެއްވުމުގައި ވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޞިއްޔަތުން ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ރައްޔިތުންނަށް ފެނިވަޑައިގެން މުޚާތަބުކުރައްވާފައި ނުވާކަން ފާހަގަކުރަމެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުން ފަދަ ބޮޑު ފިޔަވަޅެއް މުޅި ޤައުމާމެދު އެޅުއްވުމުގައި ރައްޔިތުންނާ މުޚާތަބުކުރައްވަން ޖެހިވަޑައިގަންނަވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ދެކެމެވެ. އަދި މި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރައްވާފައިވަނީ ރާއްޖޭގެ ވަކި ސަރަޙައްދެއްގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިކަމާއި، އަދި އެންމެ ދިގު މުއްދަތުކަމަށް ޤާނޫނު އަސާސީގައި ބުނާ 30 ދުވަހުގެ މުއްދަތައްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މުޅި ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމަކީ ޤައުމުގެ ޙާލަތު ދާނޭ އެންމެ ދަށަށް ހިނގައްޖެކަން އަންގައިދޭ އެންމެ ވަރުގަދު ހެއްކެވެ. ރާއްޖެއަށް މިޙާލަތު ކުރިމަތިވެފައި މިވަނީ ސިދާ ރައީސް ޢަބްދުﷲ ޔާމިންގެ ނާޤާބިލުކަމުންނާއި އަދި ރައްޔިތުންގެ ތާޢީދު ނެތި ވެރިކަން ކުރައްވަން އުޅުއްވުމުންނެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވުމަކީ މި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މޫސުމުގައި ފަތުރުވެރިން ޒިޔާރަތްކުރުން ވަރަށް މަތީ ދަރަޖައަކަށް ހުއްޓިގެންދާނޭކަމެވެ. އަދި އިންވެސްޓަރުން އިންތިހާއަށް ފެއަށްޖެހޭނޭ ކަމެކެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވުމާއެކު ޤާނޫނު އަސާސީގައިވާ ގިނަގުނަ އަސާސީ ޙައްޤުތަކެއް އެވަނީ ހިފެހެއްޓިފައެވެ. އަދި އެއީ ރައްޔިތަކަށް ދިމާވާނެ އެންމެ ކަންބޮޑުވާންޖެހޭ ޙާލަތެވެ. އަދި މިގޮތުން ޙައްޤުތައް ހިފެހެއްޓިފައިވާއިރު، ހިފެހެއްޓިދާނޭ ކަންކަމުގެ ތެރޭގައި ނުހިމެނޭ ޤާނޫނު އަސާސީގެ މާއްދާއެއްކަމުގައިވާ 100 ވަނަ މާއްދާގެ (ރ) ހިމަނުއްވައި އަދި އެ މާއްދާއަށް ބަދަލުގެންނަވާފައިވާކަން ކަންބޮޑުވުމަކާއެކު ފާހަގަކުރަމެވެ. މި މާއްދާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް ދިނުމުގެ ވާހަކަ އެވެ. ނަމަވެސް އެ މާއްދާ ނުހިމެނުވޭނޭ އިރުވެސް އެމާއްދާ ހިމަނުއްވައި، އަދި 14 ދުވަސް ކަމުގައި އޮތްތަން 7 ދުވަހަށް ބަދަލުކުރައްވާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މިއަދު އިޢުލާނުކުރެއްވި ކުއްލި ނުރައްކަލުގެ ޙާލަތު އެގޮތަށް އިޢުލާނުކުރައްވާފައި އެވަނީ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ދެމެދު އޮތް ސިޔާސީ މައްސަލަތަކެއްގެ ތެރެއިންކަމަށް ދެކެމެވެ. މިރާއްޖޭގެ ޤާނޫނު އަސާސީގެ މާއްދާތައް ސަސްޕެންޑްކުރައްވައި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިފަހައްޓަވައި، އަދި ރާއްޖޭގެ އިޤުތިސާދައް ބޮޑެތި ގެއްލުންކުރުވަނިވި މިފަދަ ކަންކަމަކީ ސިޔާސީ ފައިދާއެއް ނެންގެވުމަށްޓަކައި އެއްގޮތަކަށް ވެސް ކުރަންވާވަރުގެ ކަންކަމެއް ނޫންކަމަށް މި ޕާރޓީން ދެކެމެވެ.

4 ނޮވެމްބަރ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް