ރިޔާސީ ލޯންޗުކޮޅުގެ ތަޙްޤީޤަކީ އިތުބާރުހުރިގޮތަކަށް ހިންގޭ ފުރިހަމަ ތަޙްޤީޤަކަށް ހެއްދެވުމަށް ގޮވާލުން

ރިޔާސީ ލޯންޗުކޮޅުގައި ހިނގި ނުރައްކާތެރި ޙާދިސާއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިންތިހާއަށް ކަންބޮޑުވި ޙާދިސާއަކަށްވީހިނދު، އެ ޙާދިސާގެ ފުރިހަމަ ތަޙްޤީޤެއް ހިންގަވައި އެކަން ހިނގާދިއަ ގޮތުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކުރެއްވުމަށް މި ޕާރޓީން މީގެކުރިން ވެސް ވާނީ ސަރުކާރަށް ގޮވާލާފައެވެ.

މިފަދަ ނުރައްކާތެރި އަދި ހިތާމަވެރި ޙާދިސާއެއް ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުންނަވާ ބޭފުޅަކު ދަތުރުކުރައްވާ ލޯންޗުކޮޅުގައި ހިނގުމުން މިދަނޑިވަޅުގައި އެކަމުން ސިޔާސީ ފައިދާއެއް ނެންގެވުމަށް ހިންގޭ ތަޙްޤީޤެއްގެ ގޮތުގައި އެތަޙްޤީޤް ބެލެވިދާނޭ އެންމެހައި ޢަމަލުތަކަކުން އެއްކިބާވެވަޑައިގެން އެތަޙްޤީޤް ހިންގެވުމުގެ މުހިއްމުކަން މި ޕާރޓީން ދެކެމެވެ. އަދި ޒާތީ ތަޢައްޞުބުން އެއްކިބާވެ ތިއްބަވައި ހިންގޭ ފުރިހަމަ ތަޙްޤީޤަކަށް އެ ތަޙްޤީޤް ހެއްދެވުމުން މެނުވީ ޙަޤީޤަތް ހާވަވެގެން ނުދާނޭކަމާއި އަދި އެ ތަޙްޤީޤުން ދައްކާ ނަތީޖާއަށް ރައްޔިތުންގެ އިތުބާރު ލިބިގެން ނުދާނޭކަމަށް ދެކެމެވެ.

ލޯންޗުކޮޅުގެ ޙާދިސާއާ ގުޅިގެން މިހާރު ބަންދުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ހައްޔަރުކުރެއްވުމަށްފަހު އެ މައްސަލަ ތަޙްޤީޤްކުރައްވާ ރިޔާސީ ކޮމިޝަނުގެ ކޯ-ޗެއަރމަން އަދި ދާޚިލީ ވަޒީރު ޢުމަރު ނަޞީރު މީޑިއާއަށް ހާމަކުރައްވާފައިވާ ބައެއް ވާހަކަފުޅުތަކަކީ އެ މައްސަލައިގެ ތަޙްޤީޤާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެން ހިނގައިދާނޭ ފަދަ ވާހަކަފުޅުތަކެއްކަމަށް މި ޕާރޓީން ދެކެމެވެ. އެގޮތުން ދާޚިލީ ވަޒީރު ވިދާޅުވެފައިވާ އެއްވާހަކަފުޅަކީ ނައިބު ރައީސް އަޙްމަދު އަދީބުގެ ބާރުތައް ގެންދެވުމަކީ ލިބިވަޑައިގަތް ނަޞްރެއްކަމުގައެވެ. މި ފަދަ ބަސްފުޅުތަކުން ޒާތީ ތަޢައްޞުބު އޮތްކަމަށް ރައްޔިތުންނަށް ޤަބޫލުކުރެވުމުގެ ޖާގަލިބިގެންދެއެވެ. ހަމައެފަދައިން ސަރުކާރުގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދެއްވާ މަޢުލޫމާތާއި ތަޙްޤީޤު ކުރައްވާ ފަރާތުން ދެއްވާ މަޢުލޫމާތާ އެއްގޮތް ނުވުމަކީ ވެސް ތަޙްޤީޤާމެދު އިތުބާރު ކުޑަވެގެން ހިނގައިދާނޭ ކަމެކެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރެއްވުމަށް ޚާއްޞަކުރައްވާފައިވާ “ފިނިފެންމާ” ލޯންޗުކޮޅުގައި ހިނގި ޙާދިސާގެ ތަޙްޤީޤަކީ ސިޔާސީގޮތުން ހިންގޭ ތަޙްޤީޤަކަށް ނުހެއްދެވުމުގެ އިތުރުން އެތަޙްޤީޤަކީ ފުރިހަމަ އަދި ރައްޔިތުންގެ އިތުބާރު ލިބިގެންވާ ތަޙްޤީޤަކަށް ހެއްދެވުމަކީ ޤައުމުގެ ހަމަޖެހުމާ ގުޅިފައިވާނޭކަމެއްކަމުގައި މި ޕާރޓީން ދެކެމެވެ. އަދި ފުރިހަމަ ތަޙްޤީޤެއް ހިންގެވުމުގައި ބޭރުގެ ކަމާ ގުޅޭ މާހިރުންގެ އެހީތެރިކަން ހޯއްދެވުމަކީ މުހިއްމުކަމެއްގެ ގޮތުގައި މި ޕާރޓީން ދެކެމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 4 ނޮވެމްބަރ 2015