ރާއްޖެ ޓީވީގެ ނޫސްވެރިންނަށް އަނިޔާކުރުން ކުށްވެރިކޮށް އެބޭފުޅުން ދޫކޮށްލުމަށް ގޮވާލަން

ނޮވެމްބަރ 2 ވަނަ ދުވަހުގެ ރޭ ރިޔާސީ ގަނޑުވަރު، މުލީއާގެ ސަރަޙައްދުން ތަންތަން ގޮއްވާލުމަށް ބޭނުންކުރާ އައި.އީ.ޑީ އެއް ފެނި ރައްކާތެރިކަމާއެކު އައި.އީ.ޑީ ނައްތާލުމަށް މާފަންނު ސްޓޭޑިއަމަށް ގެންދެވި މާލޭގެ އެކި ސަރަޙައްދުތައް ބަންދުކުރުމާ ގުޅިގެން އެޚަބަރު ކަވަރ ކުރައްވަމުން ގެންދެވި ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރ ހުސެން ފިޔާޒު މޫސާ އާއި 2 ނޫސްވެރިން ކަމުގައިވާ މުޙައްދަމަދު ވިސާމް އަދި ލީވާން ޢަލީ ނަސީރު ފުލުހުން އަނިޔާވެރި ގޮތަކަށް ހައްޔަރު ކުރުން ކަންބޮޑުވުމާއެކު ކުށްވެރިކޮށް މިހާރުން މިހާރަށް އެބޭފުޅުން ދޫކޮށްލުމަށް ގޮވާލަމެވެ.

ހޯމަ ދުވަހުގެ ރޭ ހިނގައިދިޔަ ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން މިފަދަ ނުރައްކާތެރި ކަމެއް މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި ހިނގައިދިޔައިރު ރައްޔިތުން ރައްކާތެރިވާން ޖެހޭ ކަންކަމާ މެދު އެއްވެސް މިންވަރަކަށް މަޢުލޫމާތު ނުދެއްވައި އެފަދަ ނުރައްކާތެރި ޙާލަތުގައިވެސް ރައްޔިތުންނަށް ޚަބަރުު ފޯރުކޮށްދިނުމަށް ނޫސްވެރިން ކުރައްވަމުން ގެންދެވި މަސައްކަތްތައް ފާހަގަކޮށް މި ޕާޓީން ނުހަނު ޝުކުރު އަދާ ކުރަމެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިން ފުލުހުން ހައްޔަރު ކުރުމަށްފަހު އެބޭފުޅުންނަށް އެކި ވަރުގެ އަނިޔާކޮށްފައިވާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރި ކުރަމެވެ. ނޫސްވެރިޔާ ވިސާމަށް ކޮށްފައިވާ އަނިޔާތަކުގެ ސަބަބުން އެބޭފުޅާގެ ލޯމަތި ދުޅަވެފައިވާ ކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ. އަދި ފިޔާޒުގެ ކަންފަތް މަތީގައި ބާރަށް ޖެހުމުގެ ސަަބަބުން ކަންފަތް ބަށްވެފައިވާކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ވަޖިބަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމެވެ. އެމް.ޑީ.ޕީއާއެކު ބޭއްވި ބައްދަލުވުމުގައި މިހާރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ވަގުތީގޮތުން ފުރުއްވަމުން ގެންދަވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވީ މީގެ ކުރިން ފުލުހުންގެ ޢަމަލުތައް ހުންނަ ގޮތަށް ކަންކަން ނުހިނގާނެ ކަމުގައެވެ. އެހެންނަމަވެސް އަދިވެސް މި ފެންނަނީ ކުރީގައި ކަންކަން ހިނގަމުން އައި ގޮތަށްވުރެވެސް އަނިޔާވެރިކޮށް ޤާނޫނުން ފުލުހުންނަށް ލިބިދޭ ބާރުތަކުގެ ބޭނުން ނުޙައްޤުން ބޭނުންކުރަމުން އަންނަ ތަނެވެ. ފުލުހުންގެ މުވައްސަސާއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މި ދަނޑިވަޅުގައި މިފަދަ ޤާނޫނާ ޚިލާފް ކަންކަން ހިނގުމަށް ފުލުހުންގެ ވެރިން ޖާގަ ދެއްވުމުން ހާމަވަނީ އެތައް ގުނައަކުން ފަސާދަވެފައިވާ ފުލުހުންގެ މުވައްސަސާ އިސްލާޙް ކުރެއްވުމަށް އިސްކަން ނުދެއްވާ ކަމެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިން އެބޭފުޅުންގެ ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހައްޔަރުކޮށް މިފަދަ ލާއިންސާނީ ގޮތަކަށް އެބޭފުޅުންނާ މެދު ކަން ހިންގާފައިވާތީ އެކަން މިހާރުން މިހާރަށް ތަޙްޤީޤް ކުރައްވައި އަނިޔާ ކުރުމުގައި ބައިވެރިވި ފުލުހުން މިހާރުން މިހާރަށް ވަކިކުރެއްވުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 3 ނޮވެމްބަރ 2015