ރައްޔިތުންގެ މަޖިލިހަށް ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ޤާނޫނުގައި ލާޒިމުކުރާ ތާރީޚް ފަހަނައަޅައި ދިޔައިރުވެސް ސަރުކާރުން ބަޖެޓު ހުށަހަޅާފައިނުވާތީ އެކަން ކުށްވެރިކުރުން

ކުރިއަށް އޮތް އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް ޤާނޫޫނުން ލާޒިމުކުރާ ތާރީޚު ފަހަނައަޅައި ދިޔައިރުވެސް ސަރުކާރުން ބަޖެޓު ހުށަހަޅާފައިނުވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަަހަރުގެ ދައުލަތުގެ ބަޖެޓު، ފިނޭންސް މިނިސްޓަރ ތައްޔާރު ކުރައްވައި، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 1 މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ވާނޭކަމަށް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ލާޒިމުކޮށްފައިވެއެވެ. މިގޮތުން އެންމެ ލަސްވެގެން 31 އޮކްޓޯބަރގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބަޖެޓު ޤާނޫނީ ގޮތުން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވައެވެ. ނަމަވެސް އޮކްޓޯބަރ މަސް ނިމި ނޮވެމްބަރ މަހުގެ މިހާތަނަށް އައި އިރުވެސް ޤާނޫނުގައި ލާޒިމުކޮށްފައިވާ ފަދައިން ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރ ހުށަހަޅުއްވާފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ހަމައެފަދައިން މީގެ ކުރީ އަހަރުވެސް ޤާނޫނުގައި ލާޒިމުކޮށްފައިވާ ތާރީޚަށް ސަރުކާރުން ދައުލަތުގެ ބަޖެޓު މަޖިލިހަށް ހުށަހަޅުއްވާފައި ނުވެއެވެ. މިކަމުންވެސް އެނގެނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ މި ސަރުކާރަކީ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަންކަމަށްވެސް ޢަމަލުކުރައްވާ ސަރުކާރެއް ނޫންކަމެވެ. އަދި ސަރުކާރުގެ ސާފު އަޣްލަބިއްޔަތު މަޖިލިހުގައި އޮވެމެ، ޤާނޫނު ހެދުމަށްފަހު އެގޮތުން ހަދާ ޤާނޫނުތަކަށް މި ސަރުކާރުން ޢަމަލު ނުކުރައްވާކަމެވެ. އަދި އެގޮތުން ޤާނޫނަށް ޢަމަލުނުކުރެއްވުމުން ވެސް ސަރުކާރުގެ އަޣްލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ފަރުވާލެއް ނެތް ކަމެވެ. މިއީ ޤާނޫނުގެ ވެރިކަމެއް ހިނގާ ދައުލަތެއްގައި ޢަމަލުކުރެވިގެންވާނޭ ގޮތެއް ނޫންކަމަށް ދެކެމެވެ. އަދި މިކަމަކީ އެމް.ޑީ.ޕީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 2 ނޮވެމްބަރ 2015