ބަޑި ގުދަނުން ހަތިޔާރު ގެއްލުމަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް

ދިވެހިރާއްޖޭގެ ދިފާޢީ ޚިދުމަތުގެ ދަށުގައިވާ ހަތިޔާރާއި ބަޑި ގުދަނުން ބައެއް ހަތިޔާރު މަދުވެ، ވީިނުވީއެއް ނޭނގި ގެއްލިފައިވާކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހާމަކޮށްފައިވާތީ އެއީ ޤައުމީ ސަލާމަތަށްހުރި ނުރައްކަލެއްކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ދެކެމެވެ. އަސްކަރިއްޔާގެ ބެއްލެވުމުގެ ދަށުގައިވާ ބަޑިގުދަނާ ގުޅޭ އެންމެހައި ކަންކަމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުގައިވާ ކަންކަން ކަމުގައި ވީހިނދު މިއަދު ބަޑިގުދަނުގެ ސެކިއުރިޓީ ނުބެލެހެއްޓި ކުރިމަތިވެފައިމިވާ ބިރުވެރިކަމުގެ ފުރިހަމަ ޒިންމާ ރައީސް ޢަބްދުﷲ ޔާމީން ނަންގަވަންޖެހޭނެއެވެެ.

ރައީސް ޔާމީންގެ ކެބިނެޓުގެ ޑިފެންސް މިނިސްޓަރުގެ ގެކޮޅުން ހަތިޔާރު ފެނުނުކަމަށް ބުނެ އެމަނިކުފާނު ހައްޔަރުކުރުމަށްފަހު އެމް.އެން.ޑީ.އެފް އިން ހާމަކުރައްވާފައިވަނީ ބަޑި ގުދަނުން އެއްވެސް ހަތިޔާރެއް ގެއްލިފައިނުވާކަމަށެވެ. ނަމަވެސް ރިޔާސީ ލޯންޗުކޮޅުގައި ހިނގި ނުރައްކާތެރި ޙާދިސާއާ ގުޅިގެން ބަޑިގުދަން ބެލެހެއްޓެވުމާ ހަވާލުވެވަޑައިގެން ހުންނެވި ކާނަލް އަޙްމަދު ފަޔާޒު އެމަޤާމުން ވަކި ކުރައްވައި މިހާރު ސިފައިންގެ ބަންދުގައި ހުންނެވި އިރު އެމަނިކުފާނު ބަޑި ގުދަނުގެ ވެރިޔާގެ މަޤާމުން ވަކިކުރެއްވުމަށްފަހު އެތަނުގެ އޮޑިޓެއް ހައްދަވާފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ. އަދި މިއީ ރައްޔިތުންގެ ސަލާމަތާ ގުޅިފައިވާ ބޮޑު މައްސަލައެއް ކަމުގައިވީހިނދު، މިފަދަ ދޯދިޔާ ގޮތަކަށް ބަޑި ގުދަނާ ގުޅޭ ކަންކަން ހިނގާފައިވުމަކީ ރައީސުލްޖުމްހޫރިއްޔާ ފެއިލްވުމެވެ. އަދި މާލޭގެ އެކި ގެތައް ބަލާ ފާސްކުރުމުގައި ހޯދުނު ހަތިޔާރުތަކަކީވެސް ބަޑިގުދަނުގެ ހަތިޔާރުތަކެއްތޯ ސާފުކޮށްދީފައިނުވާކަން ފާހަގަ ކުރަމެވެ.

އަސްކަރިއްޔާގެ ބެއްލެވުމުގެ ދަށުގައިވާ ބަޑިގުދަނުން ހަތިޔާރު ގެއްލުނުކަން ހާމަކުރައްވާފައިވާއިރު، އެކަން އެމް.އެން.ޑީ.އެފްގެ ސަމާލުކަމަށް އައިސްފައިވަނީ ކޮން އިރެއްގައި ކަމެއް ވިދާޅުވެފައެއް ނުވެއެވެ. އަދި އެކަން އެނގިވަޑައިގެންނެވި އިރު އެއީ ރައްޔިތުންގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމުގައިވީއިރުވެސް ރައްޔިތުންނާ ޙިއްސާކޮށްފައިނުވާތީ އެކަން ހަރު އަޑުން ކުށްވެރިކުރަމެވެ. މިފަދަ ބޮޑު ކަމެއް ހިނގިއިރު ހޮނިހިރު ދުވަހުވެސް ޕޮލިސް އަދި އެމް.އެން.ޑީ.އެފް އިން ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައިވަނީ މިއީ ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމުގައެވެ. މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް އަސްކަރިއްޔާ އަދި މޯލްޑިވެސް ޕޮލިސް ސަރވިސަސްގެ ފަރާތުން ނުދެއްކެވުމަށް އެފަރާތްތަކަށް އެމް.ޑީ.ޕީން އިލްތިމާސް ކުރަމެވެ.

އޮކްޓޯބަރ 25 ވަނަ ދުވަހު ޤައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ޖުލައި މަހުގެ ފަހުން އެމަނިކުފާނަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ލިބިވަޑައިނުގަންނަވާކަމުގައެވެ. ޖުލައި މަހަށް ފަހު އެމް.އެން.ޑީ.އެފްގެ އިންޓެލިޖެންސް ރިޕޯޓުތައްވެސް ރައީސުލްޖުމްހޫރިޔާއަށް ލިބިވަޑައިގެންފައިވޭތޯ ސާފުކޮށްދެއްވުމަށް މިދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލަމެވެ.