އެމްޑީޕީގެ މުޒާހަރާއަށް މިނިސްޓްރީ އޮފް ހައުސިންގެ ފަރާތުން ހުރަސް ނޭޅުއްވުމަށް ގޮވާލުން

މާލޭގެ މަގުތައް އެއްވަރުކޮށް އަޑިގުޑަންތައް ރަނގަޅުކުރުމުގެ މަސައްކަތެއް އަންނަ ހަފްތާގެ ތެރޭގައި ކުއްލި ގޮތަކަށް ފެެއްޓޭނެ ކަމަށް ޢިއުލާންކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން އިންތިޒާމްކޮށްގެން ނޮވެމްބަރ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ހުރަސްއެޅުމަށް ޙީލަތްތެރިކަމާއެކު ގޮތްދެއްކުމުގެ ޢަމަލުތައް ނުހިންގުމަށް ސަރުކާރަށް ގޮވާލަމެވެ.

މާލޭގެ މަގުތައް އަލުން ޑިޒައިންކުރުމުގެ ދިރާސާ މިހާރުވެސް ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފައިވާއިރު، އަދި ރާއްޖެއަށް އެންމެ ގިނައިން ވާރޭ ވެހޭ މަހު މާލޭގެ މަގުތައް ކޮނެ، އެއްވަރުކުރުމަށް ކަމަށް ބުނެ ސަރުކާރުން ކުއްލި ގޮތަކަށް މިވަރުގެ ބޮޑު މަސައްކަތެއް ޢިއުލާން ކުރަން ޖެހޭ އެއްވެސް ސަބަބެެއް ނެތެވެ.

އެމްޑީޕީގެ ފަރާތުން ބާއްވާ އެކިއެކި ޞުލްޙަވެރި އެއްވުންތަކަށާއި ޖަލްސާތަަކަށް ތަކުރާރުކޮށް މިފަދަ އެކި ގޮތްގޮތުން ފުރައްސާރަކުރުމަކީ މިނިސްޓްރީގެ އާދައަކަށް މިވަނީ ވެފައެވެ. މިކަމުން މިނިސްޓަރު ޑިމޮކްރަސީގެ އުސޫލްތަކާ ބީރައްޓެހިކަން ހާމަވެއެވެ. މީގެ ކުރިންވެސް އެމްޑީޕީގެ ފަރާތުން އާރޓީފިޝަލް ބީޗްގައި ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް މިނިސްޓްރީ އޮފް ހައުސިން އިން ވަނީ އެތަނުގެ މެދުގައި ކުލަ ލުމަށް ކަމަށް ބުނެ އެތަނުގެ މެދުގައި ސަތަރި ދަމާ ޖަލްސާ ބޭއްވުމަށް ހުރަސް އަޅާފައެވެ.

ހައުސިން މިނިސްޓްރީގެ މިފަދަ ޢަމަލުތައް މިހާރުން މިހާރަށް ހުއްޓާލައްވައި ރައްޔިތުންގެ އަޑު ކަނޑުވާލަން މަސައްކަތް ނުކުރެއްވުމަށް ގޮވާލަމެވެ. އަދި ސަރުކާރަކީ ރައްތުންނަށް ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތައް ފޯރުކޮށްދިނުމުގައި މެދުވެރިއެއްކަމަށް ވުމަށް މިނިސްޓަރަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެރެޓޭރިއެޓް
ތާރީޚް: 29 އޮކްޓޯބަރ 2015-