ރައީސް ޔާމިންގެ ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތަށް ހުއްޓާލުމަށާއި ،ސިޔާޔީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ރޭވެސް މުޒާހަރާކޮށްފި

CSbKyfOUYAA6PYy

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)އިން އިސް ނަގައިގެން ރޭ އެމް.ޑީ.ޕީގެ ޤައުމީ އިދާރާ ކުރިމަތީގައި ބޭއްވުނު ސުލްހަވެރި މުޒާހަރާއެއް ބާއްވައިފިއެވެ. މި މުޒާހަރާފެށިފައިވަނީ ރޭގެ 22:00ގައެވެ. ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވި މި މުޒާހަރާގައި ޕާޓީގެ އިސްވެރިންވެސް ބައިވެރިވެލެއްވިއެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ޝިޔާމް ވިދާޅުވީ ރައީސް ޔާމިން މިހާތަނަށް ކުރެއްވި ކަމަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ސިޔާސީ ބޭފުޅުން ޖަލަށް ލެއްވުން ކަމަށާއި ނަމަވެސް ރައްޔިތުން ތިބީ އެކަން ގަބޫލުކުރާ ގޮތަށް ނޫން ކަމަށެވެ. ސަރުކާރުގެ ކަންކަން އެނގިވަޑައިނުގަންނަވާ ވާހަކަ ރައީސް ވިދާޅުވިރު ވަޒީރުންގެ މަޖިލީސް ބާއްވަމުން ގެންދަވާތޯ ޝިޔާމް ވަނީ ސުވާލު އުފައްދަވާފަ އެވެ.

އަދި އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރު ތަސްމީން އަލީ ވިދާޅުވީ ރައީސް ޔާމިން ދައްކަވާ ވާހަކަފުޅުތަކާއި އަމަލުކުރައްވާ ގޮތުން އެ މަނިކުފާނުގެ ކިބައިން ހުދުމުހްތާރުކަމުގެ ސިފަތައް ފެންނަމުންދާ ކަމަށެވެ. ފުލުހުންގެ ތެރޭގައި މައްސޫލިއްޔަތު އަދާ ނުކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވި ބައެއް ބޭފުޅުނަށް ސިޔާސީ އެހެން މަގާމުތައް ދީފައިވާތީ ތަސްމީން ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.
އެމްޑީޕީގެ އޮފީސް ކުރިމަތިން ރޭ 22:00 ހާއިރު ފެށި މުޒަހަރާގެ ބައިވެރިން ވަނީ ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައިފަ އެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ދޫކޮށްލުމަށް ގޮވާލާފައިވެ އެވެ. އެމްޑީޕީގެ އޮފީހުގެ ކުރިމަތީ ތިބުމަށްފަހު މުޒާހަރާގެ ބައިވެރިންވަނީ 23:00ގައި ސައުންޑް ސިސްޓަމް ބޭނުން ކުރުން ހުއްޓާލުމަށްފަހު މާލޭގެ ބައެއް މަގުތަކުގައި ހިނގާލާފަ އެވެ.