ރައީސް ޢަބްދުﷲ ޔާމިން އާއި ދާޚިލީ ވަޒީރު ޢުމަރު ނަޞީރުގެ ނާޤާބިލުކަމާއި އަދި ޒިންމާއިން ރެކިވަޑައިގަނެވިގެންނުވުން

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް 25 އޮކްޓޯބަރ 2015 ވަނަ ދުވަހު ޤައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ނުވަތަ ފުލުހުންނާއި ސިފައިންނަށް ފައިސާގެ ނާޖާއިޒު ނުފޫޒުފޯރައި ފަސާދަވެފައިވާކަމާއި، އަދި އެފަރާތްތަކުން ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމުގައި ބައިވެރިވުމާއި ދައުލަތަށް ގައްދާރުވެފައިވާކަމަށް ވިދާޅުވެފައިވީހިނދު، އެކަމަކީ ހުދު ރައީސުލްޖުމްހޫރިއްޔާއަށާއި ދާޚިލީ ވަޒީރު ޢުމަރު ނަޞީރަށް އެކަމުގެ ޒިންމާއިން ރެކިވަޑައިގަނެވިގެންވާނޭކަމެއް ނޫންކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ދެކެމެވެ.

ރައީސް ޢަބްދުﷲ ޔާމިން އެކަމުގެ ޒިންމާ ނުނަންގަވައި ރެކިވަޑައިގަނެވެން ނެތް އެއްސަބަބަކީ އެމަނިކުފާނު ވެރިކަމުގައި ހުންނަވާފައިވަނީ ދައުލަތުގެ ހުރިހާ މުވައްސަސާތަކެއް އެމަނިކުފާނުގެ މުށުތެރެއަށް ލައްވައި، ޚުދުމުހުތާރުކޮށްކަމަށްވާތީއެވެ. އަދި ވެރިކަން ކުރައްވަމުން އެގެންދަވަނީ ސީދާ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށްކަމަށް ވާތީއެވެ.

ފުލުހުންގެ މުވައްސަސާގެ ތެރެއަށް ފައިސާގެ ނުފޫޒު ވަދެ، އެ ވުވައްސަސާ ފަސާދަވެ އަދި އެފަރާތްތަކުން ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމުގައި ބައިވެރިވެ، ދައުލަތަށް ގައްދާރުވެފައިވާއިރު، ދާޚިލީ ވަޒީރުކަމުގެ މަޤާމުގައި ހުންނެވީ ޢުމަރު ނަޞީރުކަމަށްވާތީ ޢުމަރު ނަޞީރަށް ވެސް އެކަމުގެ ޒިންމާ ނުނަންގަވައި ރެކިވަޑައިގަނެވެން ނޯންނާނެކަމުގައި މި ޕާރޓީން ދެކެމެވެ.

ދާޚިލީ ވަޒީރު ޢުމަރު ނަޞީރަކީ މިރާއްޖޭގެ ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ކަންބޮޑުވާ ދަރަޖައަށް ގެއްލިގޮސްފައިވާއިރު، އެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވިފައި ނުވުމުގެ ސަބަބުންނާއި، އަދި ރާއްޖޭގެ އަމަން ޢާންމު ޤާއިމުކޮށް ނުދެއްވެވުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު އެއްކޮށް ގެއްލިފައިވާ ވަޒީރެކެވެ. މިރާއްޖޭގައި ހިންގާފައިވާ ބޮޑެތި ޖަރީމާތައް ބަލައި ތަޙްޤީޤްކޮށް އެ މައްސަލަތަކަށް އެމަނިކުފާނުގެ ވަޒީރުކަމުގައި އެއްވެސް ޙައްލެއް ހޯދިފައިނުވުމުގެ ސަބަބުން އެމަނިކުފާނު ފޭލްވެފައިވާކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ. މިގޮތުން ޙައްލު ހޯދިފައި ނުވާ، އަދި ރައްޔިތުން ކަންބޮޑުވާ ބައެއް ބޮޑެތި މައްސަލަތަކުގެ ތެރޭގައި، ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައާއި، ނޫސްވެރިޔާ ޢަހްމަދު ރިޟުވާން ވަގަށް ނެގި މައްސަލައާއި، ރާއްޖެޓީވީ ރޯކޮށްލި މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ނޫސްވެރިޔާ އިބްރާޙީމް ވަޙީދު (އަސްވާޑް) އަށް މަރުގެ ޙަމަލާ ދިން މައްސަލައާއި، އަލްޙާން ފަހުމީއަށް ވަޅިން މަރުގެ ޙަމަލާދިން މައްސަލައާއި، ރައީސް މުޙައްމަދު ނަޝީދު ގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މަޙުފޫޒު ސަޢީދަށް ވަޅިން މަރުގެ ޙަމަލާދިން މައްސަލަ ހިމެނެއެވެ. ހަމައެފަދައިން ސިޔާސީ ފަރާތްތަކަށް ދޭ ޙަމަލާތަކާއި އެފަރާތްތަކަށް މަރުގެ އިންޒާރުދީ ފޮނުވަމުން ގެންދާ މެސެޖްތަކުގެ މައްސަލަތައް ވެސް ބެއްލެވުމުގައި ޢުމަރު ނަޞީރު ވަނީ ނުކުޅެދިފައިކަން ފާހަގަކުރަމެވެ.

ދާޚިލީ ވަޒީރު ޢުމަރު ނަޞީރަކީ ރައީސް ޢަބްދުﷲ ޔާމީނުގެ އިސްތަށިފުޅުގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި މީގެ ކުރިން ބޮޑެތި އިލްޒާމުތަކެއް އެޅުއްވި ބޭފުޅެއްކަން ފާހަގަކުރަމެވެ. އެގޮތުން ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައާއި ޢަބްދުﷲ ޔާމިނާ ގުޅުވާފައިވެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިއާއި ދައުލަތުން ވައްކަންކުރައްވާކަމުގެ ބޮޑެތި އިލްޒާމުތައް އަޅުއްވާފައިވެއެވެ. ނަމަވެސް އެފަދަ މައްސަލަތައް ތަޙްޤީޤުކުރުމާ ބެހޭ ވުޒާރާގެ ވަޒީރުކަން ލިބިވަޑައިގަތުމުން ހާމަވެގެން ދިއައީ އެ ތުހުމަތުތަކުގެ ތަޙްޤީޤެއް ހިންގެވުމުގެ ޤާބިލުކަން ވެސް އެބޭފުޅާގެ ނެތްކަމެވެ. ނުވަތަ ވަޒީރުކަން ލިބިވަޑައިގަތުމުން އެ މަޤާމުގެ ދަހިވެތިކަމުގައި އެބޭފުޅާގެ ނަފުސު ބަނދެވިފައިވާކަމެވެ.

ޢުމަރު ނަޞީރަކީ ފުލުހުންނާ ކުރިމަތިލާ ޙަމަލާދިނުމަށް ލަޓިބުރި އަތަށްލައިގެން ގުރޫޕު ހަދައިގެން މީގެ ކުރިން ނުކުމެވަޑައިގަތް ބޭފުޅެއްގެ އިތުރުން ދިފާއީ ބާރުގެ މަރުކަޒަށް ހަރުގަނޑު ޖައްސައިގެން ވަނުމަށް އުޅުއްވިކަމުގެ ކުށުގައި ޖިނާޢީ ދަޢުވާކުރެވި، އަދި ޙުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ސިޔާސީ މަގުސަދެއްގައި މިސަރުކާރުން ދަޢުވާ އަނބުރާ ގެނެވިފައިވާ ބޭފުޅެކެވެ. އެހެންކަމުން ސަލާމަތީ ޚިދުމަތަށް ނިސްބަތްވާ ފަރާތެއްގެ ކިބާގައި ހުންނަންޖެހޭ އަޚްލާޤާ ބީރައްޓެހި އަދި ޖިނާޢީ ބޮޑެތި ކުށްކުރިކަން ސާބިތުވާވަރަށް މިހާރު ވެސް ހެކި ފެންނަން ހުރި ބޭފުޅެކެވެ.

ފުލުހުންގެ މުވައްސަސާއަށް ނާޖާއިޒު ނުފޫޒުފޯރައި ފަސާދަވެ، އަދި އެފަރާތްތަކުން ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމުގައި ބައިވެރިވެ، ދައުލަތަށް ގައްދާރުވެފައިވަނީ، ރައީސް ޔާމިން ގެ އިތުރުން ދާޚިލީ ވަޒީރު ޢުމަރު ނަޞީރުގެ ނާތަހްޒީބީ އަޚްލާޤުގެ ސަބަބުންނާއި އަދި ޤާބިލުކަން ނެތުމުގެ ސަބަބުންކަމަށްވާތީ، ދާޚިލީ ވަޒީރު ޢުމަރު ނަޞިރު މަޤާމުން ވަކިކުރެއްވުމަށް އެމް.ޑީ.ޕީ އިން ގޮވާލަމެވެ.

29 އޮކްޓޯބަރ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް