ދިވެހިރާޢްޖެއަށް މިއަދު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ މެދު މިއަދާ ހަމައަށް ރައްޔިތުންނާ މުޚާތަބު ކުރެއްވުމެއް ނެތި އަދި ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު ހައްޔަރުކުރުން ފަދަ ޢަމަލުތައް ސަރުކާރުން ހިންގާފައިވާއިރު އެކަމާ މެދުވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައްޔިތުންނާ މުޚާތަބު ކުރެއްވުމެއް ނެތި 24 ގަޑިއިރު ފާއިތުވީފަހުން މިއަދު ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޗައިނާއަށް ކުރެއްވި އޮފިޝަލް ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމުން ކުއްލި ގޮތަކަށް އެމަނިކުފާނު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމާއި ސަރުކާރުގެ އިސް ވެރިން މަޤާމުން ވަކި ކުރެއްވުމާއި ރިޔާސީ ލޯންޗުކޮޅުގައި ހިނގައިދިޔަ ނުރައްކާތެރި ޙާދިސާގެ ތަޙްޤީޤްގެ ބައެއް ތަފްޞީލްތައް ހާމަކުރައްވައި ދިވެހިރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ މަސްޢޫލިއްޔަތު އަދާކުރެއްވުމަށް ނާޤާބިލްވެ، ނުކުޅެދިފައިވާ ކަމަށް ލިބުނު ޢިއުތިރާފެކެވެ. ރައީސް ޔާމީންގެ ނާޤާބިލްކަމުން މުޅި މިދަޢުލަތް ފުލުންގޮސްފައިވާ ދައުލަތަކަށް ބަދަލުވެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ.
ދިވެހިރާއްޖޭގެ ޙާލަތު މިއަދު އޮތީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ދަރަޖައިގައިކަން ހުދު ރައީސް ޔާމީންގެ ވާހަކަފުޅުން ވެސް ހާމަވާއިރު ދައުލަތުގެ އެންމެހައި މުވައްސަސާތަކާއި ބާރުތަކެއް އެމަނިކުފާނުގެ މުށުތެރޭގައި އޮވެމެ، އަދި ރާއްޖޭގެ އެންމެ މަޤްބޫލް ސިޔާސީ ލީޑަރު ރައީސް މުޙައްމަދު ނަޝީދާއި އެނޫންވެސް ސިޔާސީ ބޭފުޅުން ޖަލުގައި ހައްޔަރުކުރައްވައިގެން މިރާއްޖޭގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރެވިފައި ނުވަނީ ރައީސް ޔާމީންގެ ނާޤާބިލްކަމުންކަން ސާބިތުވެއެވެ.
މި ވެރިކަމުގެ ދައުރުގެ މެދާ ހަމައަށް ނުދަނީސް އެތަކެއް ވަޒީރުނެއް ވަކިކޮށް ބައެއް ބޭފުޅުން ޖަލަށް ލައި އެތަކެއް ނައިބު ރައީސުނެއް ވަކިކޮށް ނުވަތަ ވަކިކުރުމަށް މަސައްކަތް ފަށައި އަދި ޖަލަށް ލާފައިވާކަން ފާހަގަ ކުރަމެވެ. މިނިވަން މުވައްސަސާތަކުގެ ޝަކުވާ ލިބިވަޑައިނުގަންނަވާ ކަމުގައި ރައީސް ޔާމީން ވިދާޅުވާއިރު އެމުވައްސަސާތަކާއި ޝަރުޢީ ކޯޓުތައް ވަނީ ސަރުކާރުން ކުރިމަތިކުރުވާ ބިރުވެރިކަމެއްގެ ތެރޭގައެއެވެ. ޤައުމުގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރެއްވި މުވައްސަސާއެއް ނަމަ ރައްޔިތުންގެ މަޖިލިސް ނުވަތަ ސުޕްރީމް ކޯޓު މެދުވެރި ކުރައްވައި ވަނީ އެ މުއްވައްސަސާއެއްގެ ބާރު ކަނޑުވާލާފައެވެ. އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރުމުގެ އިތުރުން އޮޑިޓަރ ޖެނެރެލާއި، އިލެކްޝަންސް ކޮމިޝަންގެ ރައީސާއި އެކޮމިޝަންގެ ނައިބު ރައީސް ޤާނޫނު އަސާސީއާ ޚިލާފަށް ވަކިކޮށްފައިވާކަން ފާހަގަ ކުރަމެވެ. އަދި ޝަރުޢީ ދާއިރާގެ ކަންބޮޑުވުން ފާޅުކުރެއްވުމުން ސީދާ ސުޕްރީމް ކޯޓު މެދުވެރިކުރައްވައި ހިއުމަން ރައިޓްސް ކޮމިޝަނަކީ ފޮރިން މިނިސްޓްރީގައި ހުންނަ ޑެސްކެއްގެ ގޮތުގައި ވަނީ ހައްދަވާފައެވެ.
ސިފައިންގެ މުވައްސަސާއާއި ފުލުހުންގެ މުވައްސަސާގެ ވެރިން ބަދަލުކުރައްވައި ބައެއް ފަރާތްތައް ހައްޔަރު ކުރެއްވި ސަބަބަކީ އެފަރާތްތަކަށް ވަރަށް ބޮޑަށް ރިޝްވަތުގެ ނުފޫޒު ފޯރުވައި ފަސާދަކޮށްފައިވާތީކަމަށް ރައީސް ޔާމީން ވިދާޅުވާއިރު އެގޮތަށް ފަސާދަކޮށްފައިވަނީ އެމަނިކުފާނުގެ ބޭނުންފުޅަށް ސީދާ ރައީސް ޔާމީން ކަމުގައި މި ޕާޓީން ޤަބޫލު ކުރަމެވެ. އަދި އެކަމަކީ ސިފައިންގެ އެންމެ އިސްވެރިޔާއާއި ދައުލަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހުންނަވައިގެން ރައީސް ޔާމީން ސީދާ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. ފުލުހުންގެ ބައެއް ބޭފުޅުން މިކަންކަމުގައި ބައިވެރިވެފައިވާކަމަށް އެނގިވަޑައިގަންނަވާއިރު، މަޤާމުން ދުރުކުރައްވާފައި ސިޔާސީ މަޤާމުތަކަށް އައްޔަން ކުރެއްވުމުން ކޮރަޕްޝަނާއި މިފަދަ ކަންކަމަކީ ރައީސް ޔާމީންގެ ނަޒަރުގައި މާ ބޮޑެތި މައްސަލަތަކެއް ނޫންކަން ހާމަވެއެވެ.
އިސްވެދެންނެވުނު ދެ މުވައްސަސާ މިމިންވަރަށް ފަސާދަވެފައިވާކަން މީގެ ކުރިން އެނގިވަޑައިނުގަންނަވާ ކަމުގައި ރައީސް ޔާމީން ވިދާޅުވުމަކީ ކަނޑައެޅިގެން އިތުރުފުޅެކެވެ. 7 ފެބްރުއަރީ 2012 ގައި ރައްޔިތުން އިންތިޚާބުކޮށްފައިވާ ވެރިކަން ފުލުހުންނާއި ސިފައިންގެ ބަޔަކު ނިކުމެ ޤާނޫނާ ޚިލާފަށް ވައްޓާލައި އެކަމާ ގުޅިގެން ކޮމަންވެލްތުގެ އިސްނެންގެވުމުގެ މަތިން އެކުލަވާލެވުނު ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވަނީ 2012 ފެބްރުއަރީ 7، 8 ވަނަ ދުވަހު ފުލުހުންނާއި ސިފައިން ހިންގި ޤާނޫނާ ޚިލާފް ކަންކަން ސަރުކާރުން ބައްލަވައި ފިޔަވަޅު އަޅުއްވަން ޖެހޭނެ ކަމުގައެވެ. އެހެންނަމަވެސް ރައީސް ޔާމީން މިކަން ބައްލަވާފައެއް ނުވެއެވެ.
އެމް.ޑީ.ޕީން ތަކުރާރުކޮށް ސަރުކާރަށް ގޮވާލަމުން މިއަންނަނީ މި ދެމުވައްސަސާއަކީ ފައިސާއާއި ނުފޫޒުން އެއްކިބާވެ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނެއް ކަމުގައި ހެދުމަށާއި ފުލުހުންނާއި ސިފައިން ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށެވެ. އެހެންނަމަވެސް އެމް.ޑީ.ޕީ އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގޮވާލުންތަކަށް ބީރު ކަންފަތެއްދީ އެ މުވައްސަސާތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ރައީސް ޔާމީން ކުރައްވަމުން ގެންދެވިއެވެ. ބަޣާވާތަށްފަހު ރިޔާސީ އިންތިޚާބު ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ބާޠިލްކޮށް އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ އާދޭސްތަކަށް އަޑުއެހުމެއްނެތި ރިޔާސީ އިންތިޚާބު ބޭއްވުމަށް ފުލުހުންނާއި ސިފައިން މެދުވެރިކޮށް ހުރަސް އެޅުއްވިއެވެ.
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުވާލުމާއި ރާއްޖެ ޓީވީ ރޯކޮށްލުމުގައި ފުލުހުންގެ ބައިވެރިވުން ހިމެނޭ ކަމަށް އެތައް ބަޔަކު އައީ ތުހުމަތު ކުރަމުންނެވެ. ބޮޑެތި ކުށްތައް ޢާންމުވެ، ފާޅުގައި ސަރުކާރުގެ ވެރިންނާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ނަހަމަ ގޮތުގައި ވިޔަފާރި ކުރުމާއި، ތަޙްޤީޤްތަކަށް ހުރަސް އަޅައި، އިދޮކޮޅު ސިޔާސީ ފިކުރު ދިވެހިރާއްޖެއިން ނައްތާލުމަށް ފުލުހުންނާއި ސިފައިން ބޭނުންކޮށްފައިވާކަމަށް އަބަދުވެސް މި ޕާޓީން އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް އެކަން އެނގިވަޑައިތީ ކުއްލި ގޮތަކަށް ރިޔާސީ ލޯންޗުކޮޅުގެ ޙާދިސާ ހިނގުމުގެ ފަހުން ކަމަށް ވިދާޅުވުމުން ހައިރާންކަން ލިބެއެވެ.
ފުލުހުންނާއި ސިފައިންގެ އިސް ވެރިން މިއަދު ބަދަލުކޮށްފައިވާއިރު އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން މިހާތަނަށް ހިންގުނު ތަޙްޤީޤްތަކަކީ ސިޔާސީ ކުލަވަރު ޖެހިފައިވާ ތަޙްޤީޤްތަކެއްކަން ރައީސް ޔާމީންގެ ވާހަކަފުޅުން މިއަދު ހާމަވެއެވެ. ރައީސް މުޙައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނާއި، ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްގެ މައްޗަށް ހިންގުނު ތަޙްޤީޤްތަކަކީ ވަކި ބައެއްގެ ނުފޫޒުން ހިންގާފައިވާ ތަޙްޤީޤްތަކެއްކަން ޔަޤީނެވެ. ރައީސް ނަޝީދުގެ ޝަރީޢަތަށް ޢިޝާރާތް ކުރައްވައި ރައީސް ޔާމީން މިއަދު ވިދާޅުވެފައިވަނީ އިތުރުފުޅެކެވެ. ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލި ބޭއިންސާފުން ޝަރީޢަތް ހިންގައި ޖަލަށްލާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ނުފޫޒުންނެވެ.
ރައީސް ޔާމީން އިތުރަށް ދެއްކެވި ވާހަކަފުޅުން ސާބިތުވަނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުގައި ކޮރަޕްޝަނާއި ފަސާދަ އަށަގެންފައިވާކަމެވެ. މިގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށާއި ފުލުހުންނާއި ސިފައިންނަށާއި ޒުވާނުންގެ ބައެއް ޤުރޫޕްތަކަށް ނުޙައްޤު ގޮތުގައި ފައިސާ ބަހައި ފަސާދަ ކުރުމަކީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ހެޔޮ ގޮތެއް ކަމަށް އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަފުޅުން ހާމަވެއެވެ. ނައިބު ރައީސް ނެތް ކަމުގައިވީނަމަވެސް އެކަންކަން (ފައިސާ ބެހުން) ކުރިއަށް ދާނެކަމުގައި ރައީސް ޔާމީން ވިދާޅުވުމުން ހާމަވަނީ މީގެ ކުރިންވެސް ހިނގައިދިޔަ މިފަދަ ހުރިހާ ކަމެއް، (އެއީ ފުލުހުންނާއި ސިފައިންނަށް ފައިސާ ބެހުންވެސް) ނައިބު ރައީސާ ޙާވާލުކުރައްވައިގެން ކުރިއަށް ގެންދެވީ ރައީސް ޔާމީންކަމެވެ. ފައިސާ ބެހުމާއި ނުފޫޒު ފޯރުވުމަކީ ޚުދުމުހުތާރު ވެރިކަމެއް ބިނާ ކުރުމަށް ސީދާ ރައީސް ޔާމީން ކުރައްވާ ކަމެކެވެ. އަދި ކޮރަޕްޝަނާ މަޤާމުގެ ބޭނުން ކުރުމަކީ ރައީސް ޔާމީންގެ ނަޒަރުގައި މާބޮޑު މައްސަލައެއް ނޫންކަމެވެ.
ރައީސް ޔާމީން މިއަދު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިނުގަންނަވާކަމުގައެވެ. މިފަދަ ބޮޑެތި މައްސަލަތައް ދައުލަތް ހިންގުމުގައި ހުރިއިރު ކަމެއް މެދުވެރިވުމުގެ ކުރިން ފިޔަވަޅު އަޅުއްވައި ބައްލަވާފައިނުވުމުން ދައުލަތް ފަރުވާތެރިކަމާ ޒިންމާދާރު ކަމާއެކު ހިންގުމުގައި އިހުމާލުވެފައިވާކަން ހާމަވެއެވެ. ސަރުކާރުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ނުބައްލަވާކަންވެސް ހާމަވެއެވެ. ސަރުކާރުގެ ކުންފުންޏެއްގެ މާލީ ބަޔާންތަކާއި ހިންގުމުގެ ތަފްޞީލްތައް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނައިބު ރައީސްގެ އަރިހުން އެދިވަޑައިގަންނަވަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ’ނައިބު ރައީސްގެ ރިސޯސަސް’ ބޭނުންކުރައްވައިގެން އެމް.އެމް.ޕީ.އާރު.ސީގެ މަސައްކަތްތައް ހޯދުމަށް ވިދާޅުވުން ރައީސް ޔާމީންއަކީ ‘ވަލު ދޮރޯށިން’ ކަންކަން ކުރެއްވުމަށް ހިތްވަރުދެއްވާ ބޭފުޅެއްކަން އެނގެއެވެ.
އެންމެ ފަހުން މި ސަރުކާރުން ހައްޔަރުކުރި ބައެއް ފަރާތްތައް ހައްޔަރުކޮށްފައިވަނީ އެފަރާތްތައް ހަނު ހުރެފައިވާތީކަމަށް ވަރަށް ސާފުކޮށް ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ. ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށް ހަނު ހުރުމުގެ ޙައްޤަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. ޤާނޫނު އަސާސީގައިވާ މިފަދަ މަފްޙޫމަތަކާ އިންތިހާއަށް ބީރަށްޓެހި ވާހަކަފުޅު ދައްކަވާ ބޭފުޅަކު ވެރިކަމުގައި ހުންނެވުމަކީ ރައްޔިތުންނަށާއި ޤާނޫނު އަސާސީއަށް އިންތިހާއަށް ނުރައްކާ ބޮޑު ކަމެއް ކަމަށް މި ޕާޓީން ދެކެމެވެ. އެހެންކަމުން ރައީސް ޔާމީނަކީ ރައްޔިތުންގެ ޙައްޤުތަކާއި ޤާނޫނު އަސާސީ ދިފާޢުކޮށްދެވޭނެ ވަރުގެ ވެރިއެއް ނޫންކަން އިތުރަށް ހާމަވެއެވެ.
މިޤައުމުގައި ހަމަޖެހުމާއި ރައްކާތެރިކަމާ ޢަދުލު ނެތި، ފުލުން ގޮސްފައިވާ ދަޢުލަތަކަށް މިދަޢުލަތް ވެފައި މިވަނީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާޢީދެއް ނެތް އިރު ވެރިކަމުގައި ހުންނެވުމުގެ ސަބަބުންނާއި ރައީސް ޔާމީންގެ ނާޤާބިލުކަމާއި ނުކުޅެދުންތެރިކަމުންކަމަށް ދެކެމެވެ. އަދި މިއަދާ ހަމައަށް އެމަނިކުފާނު ހުންނެވީ މި ދަޢުލަތް ހިންގެވުމަށް ނޫންކަމާއި ވެރިކަމުގެ ޖާހަތައި ލައްޒަތުގެ ދަހިވެތިކަމުގައި ކަމަށް ދެކެމެވެ.
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 25 އޮކްޓޯބަރ 2015