ދިވެހިރާއްޖޭގެ ސިޔާސީ އަދި ސަލާމަތީ ޙާލަތު ވަނީ ބިރުވެރިކަމެއްގެ ތެރޭގައި

ދިވެހިރާއްޖޭގެ ސިޔާސީ އަދި ސަލާމަތީ ޙާލަތު މިވަނީ ބިރުވެރި އަދި ނުރައްކާތެރި ޙާލަތެއްގައި ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ. ދިވެހި ޖުމްހޫރިއްޔާގެ ދުސްތޫރީ ވެރިކަން ކިލަނބުވެ، ދަޢުލަތުގެ ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ރައީސް ޢަބްދުﷲ ޔާމީން ފެއިލްވެފައިވާކަން މިއަދު މިއަންނަނީ ފާޅުކަންބޮޑުގޮތުގައި ހާމަވަމުންނެވެ.

ރިޔާސީ ލޯންޗުކޮޅުގައި ހިނގި ނުރައްކާތެރި ޙާދިސާގެ ތަޙްޤީޤް ކުރިއަށްދާއިރު ރައްޔިތުންގެ ރައްކާތެރިކަމާ ސަލާމަތީ އެންމެހައި ކަންކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ ދެ މުވައްސަސާކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އިސް ވެރިން ވަނީ ކުއްލި ގޮތަކަށް ބަދަލުކޮށްފައެވެ. އަދި މި ދެމުވައްސަސާގެ އިސް ސަފުތަކަށް ބޮޑެތި ބަދަލުތައް ގެނެވޭ ހިނދު އެކަން ކުރެވޭ ސަބަބުތައް ރައްޔިތުންނަށް ހާމަކޮށްފައިނުވާކަމީ ކަންބޮޑުވާ ކަމެކެވެ. މިފަދަ ބޮޑެތި ބަދަލުތަކާއެކު ވެރިކަން ކުރާ މާލޭގައި އާދަޔާ ޚިލާފަށް ގިނަ ސިފައިންނާއި ފުލުހުން މަގުތަައް މަތީ ހަތިޔާރާއެކު ޙަރަކާތްތެރިވުމާއި، މާލޭގެ ބޮޑެތި މަގުތައް އެއްވެސް އެންގުމަކާ ނުލައި ބަންދުކުރުމާއި، މީހުން ދިރިއުޅޭ ގެތަކަށް ފުލުހުންނާއި ސިފައިން ހަތިޔާރާއެކު ވަންނަމުން ދާއިރު މިހިނގާ ކަންކަމުގެ އެއްވެސް މަޢުލޫމާތެއް ރައްޔިތުންނާ ހާމަ ކުރަމުން ނުދާ ކަމީ މި ޕާޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ.

އިސްވެދެންނެވުނު ދެ މުވައްސަސާގެ އިތުރުން ސަރުކާރުގެ މުހިއްމު ވުޒާރާތަކުގެ އިސްވެރިން ހައްޔަރުކޮށް ބޮޑެތި ތަޙްޤީޤްތައް ހިންގަމުންދާއިރު މިކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ހާމަ ކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރަމެވެ. އެގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންނެވުމުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް މިހާރުވަނީ ދޫނިދޫގައި ބަންދުކޮށްފައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އަބްދުﷲ ޔާމީން މިވަގުތާ ހަމައަށްވެސް ރައްޔިތުންނާ މުޚާތަބު ކުރައްވާފައެއް ނުވެއެވެ. ނައިބު ރައީސް ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ވިދާޅުވެފައިވަނީ އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވާ ގަޑީގައި އެމަނިކުފާނަށް ހަމަލާއެއް ކުރިމަތިވެދާނެ ކަމަށް ލަފާ ކުރެވޭތީ ސަލާމަތީ ކަންކަން ވަރުގަދަކޮށް ގްރީންޒޯން އާންމުންނަށާއި މީޑިޔާއަށް ބަންދުކުރެވޭނެ ކަމުގައެވެ. އެހެންނަމަވެސް ނައިބު ރައީސް އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ހައްޔަރުކުރުމަށްފަހު ފުލުހުން ވިދާޅުވެފައިވަނީ ނައިބު ރައީސް ހައްޔަރުކޮށްފައިވަނީ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ޤައުމަށް ޤައްދާރުވުމުގެ ތުހުމަތުގައިކަމުގައެވެ. ފުލުހުންގެ މުވައްސަސާއިން މިފަދަ ގޮތަކަށް ރައްޔިތުންނަށް އޮޅުވާލެއްވުމުން މުވައްސަސާގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދެއެވެ.

ސަރުކާރުގެެ ވެރިން ހައްޔަރުކޮށް ދިވެހިރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވާ މުހިއްމު މުވައްސަސާތަކުގެ މަސައްކަތް މިއަދު ހުއްޓިފައިވުމުން އެކަމުގެ ނިކަމެތިކަން އާޚިރުގައި ތަޙައްމަލް ކުރަން ޖެހޭނީ ދިވެހި ރައްޔިތުންނެވެ.
ސަރުކާރު ހިންގުމާ ރައްޔިތުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރައީސް ޔާމީންގެ ސަރުކާރު ނުކުޅެދިފައިވާކަން މިއަދު މިވަނީ ހާމަވެފައެވެ. ދިވެހިރާއްޖޭގައި އުފެދި އަށަގަންނަމުން އައި ޑިމޮކްރަސީ ފުނޑާލުމަށް ރައީސް ޔާމީންގެ ސަރުކާރުން އެކިގޮތްގޮތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރައްޔިތުންގެ އަޑު ކަނޑުވާލައި ޤާނޫނު އަސާސީންނާއި ދިވެހިރާއްޖެ ބައިވެރިފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާތަކުން ރަައްޔިތުންނަށް ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެ، ސިޔާސީ ކުލަވަރުޖެހިފައިވާ ނުޙައްޤު ޝަރީޢަތް ހިންގުން މިއަދު މިވަނީ ޢާންމުވެފައެވެ.

މިއަދު ދިވެހިރައްޔިތުންނަށް ކުރިމަތިވެފައިމިވާ ބިރުވެރިކަމުން މިންޖުވެ، ދިވެހި ވެރިކަން ޑިމޮކްރަސީގެ ހަމަތަކުގެ މަތީން ހިންގުމަށް ކުރަންޖެހޭ އެންމެހައި ކަމެއް ކުރުމުގައި ފަސްނުޖެހި ސާބިތުކަމާއެކު މި ޕާޓީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ.