ޑރ. އަހްމަދު ޝަހީދަށް އިންސާނީ ހައްޤުތަކުގެ ދާއިރާ އިން ކުރައްވާ މަސައްކަތްޕުޅު ތަކުގެ އަގުވަޒަންކޮށް ގްލޯބަލް ލީޑަޝިޕް އެވޯޑް ލިބިވަޑައިގެންފައި ވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ. މި އެވޯޑު ޑރ ޝަހީދާއި ހަވާލުކުރެއްވުން އޮންނާނީ ނޮވެމްބަރު މަހުގެ 3 ގައި ނިއު ޔޯކްގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޔުނައިޓެޑް ނޭޝަންސް އެސޯސިއޭޝަން އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެންއޭ-ޔޫއެސްއޭ) އިން އެމަނިކުފާނަށް އެ އެވޯޑު ދެނީ އީރާންގެ އިންސާނީ ޙައްޤުތައް ކުރިއަރުވަން ކުރައްވާފައިވާ މަސައްކަތްޕުޅުތަށް ފާހަގަކޮށެވެ. އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން އީރާންގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބެލުމަށް ހާއްސަ މަންދޫބެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޑރ ޝަހީދެވެ. އީރާންގެ އިންސާނީ ޙައްޤުތަކުގެ މައްސަލަތައް ބެލުމަށް ޑރ. ޝަހީދު އައްޔަންކުރައްވާފައިވަނީ 2011 ގަ އެވެ. އޭގެ ފަހުން ޑރ ޝަހީދު އީރާނުގެ އެކި މައްސަލަތަކާ ގުޅޭ ގޮތުން ކަންބޮޑުވުންފާޅުކުރައްވައި އެކި މައްސަލަތަކުގެ ހައްލު ހޯއްދަވަން ޑރ. ޝަހީދު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ. މަތީ ފެންވަރުގެ މި އެވޯޑު ދެނީ އދ.ގެ މަގްސަދުތައް ހާސިލްކުރުމުގައި މުޅި ދުނިޔެ އިން ވެސް ފާހަގަކޮށްލެވޭ ފަދަ ބޭފުޅުންނަށެވެ.
އެގޮތުން މިއަހަރު މި އެވޯޑު ޑރ ޝަހީދުގެ އިތުރުން ލިބިވަޑައިގަންނަވާ އެއް ބޭފުޅަކީ އދ.ގެ ސެކެރެޓަރީ ޖެނެރަލް ބަން ކި މޫން އެވެ. ޑރ ޝަހީދުގެ ބުރަ މަސައްކަތްފުޅުން ލިބިވަޑައިގަތް މިއެވޯޑަކީ އެމަނިކުފާނުގެ ޤާބިލުކަމާއި ބައިނަލްއަޤުވާމީ ދުނިޔެއިން އެމަނިކުފާނާމެދު ކުރައްވާ އިތުބާރު ދޭހަވެގެންދާ ކަމެއްކަމުގައި އެމް.ޑީ.ޕީން ދެކެމެވެ. އަދި އެމަނިކުފަނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ތަހުނިޔާ ދަންނަވާ އިތުރު ކާމިޔާބީތަކަކަށް އެދެމެވެ.