ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި އިސްތިހާރުކޮށް ޕްރޮމޯޓު ކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ޙާއްސަ ކުންފުނި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)ގެ މަސައްކަތް ހުއްޓި ދިވެހިރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާ ދުވަސްވެރު (ހައި ސީޒަން) ކުންފުނި ސިފައިން އަދި ފުލުހުންގެ ބެލުމުގެ ދަށުގައިވާކަމީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކަންބޮޑުވާ ކަމެކެވެ.
ސިންގަޕޫރުގައި މިއަދު ފެއްޓޭ އައި.ޓީ.ބީ އޭޝިޔާ 2015 ގައި ބައިވެރިވުމަށް އެމް.އެމް.ޕީ.އާރު.ސީން ފުރާފައިވަނީ ރޭގެ ވަގުތެއްގައެވެ. އާންމު ގޮތެއްގައި ތިން ހަތަރު ދުވަސް ކުރިން ދިވެހިރާއްޖޭގެ ސްޓޯލް ތައްޔާރު ކުރެވި އެކަމުގެ ހުރިހާ ކަމެއް ހުންނަނީ ނިމިފައެވެ. ނަމަވެސް މިދުވަސްވަރު އެމް.އެމް.ޕީ.އާރު.ސީގެ ހިންގުމާއި ހުރިހާ މަސައްކަތެއް ހުއްޓިފައިވުމަކީ މިފަދަ ދޯދިޔާކަމެއް ވުމަށް މެދުވެރިވި އެއް ސަބަބެވެ. މި ފާއިތުވީ ހަފްތާއިން ފެށިގެން ކުންފުނީގެ މެނެޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތާ ތަކުރާރުކޮށް ފުލުހުން ސުވާލުކޮށް އަދި އެ ކުންފުނީގެ އިދާރާވެސް ވަނީ ބަންދުކޮށްފައެވެ. އެމް.އެމް.ޕީ.އާރު.ސީ އޮ ބަންދުކޮށްފައިވުމުގެ ސަބަބުން ކުރިއަށް ރޭވިފައިވާ ބައެއް އެހެން ޕްރޮމޯޝަނަލް ފެއަރތަކުގައިވެސް ދިވެހިރާއްޖެ ތަމްސީލު ކުރެވޭނެ ކަމާ މެދު ޝައްކު އުފެދެއެވެ. މި ޕާޓީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާގައި ބޭއްވުމަށް ރޭވިފައިވާ ރޯޑްޝޯ ކުރިއަށްދާނެ ކަމުގެ ޔަޤީން ކަމެއް ނެތެވެ. އަދި ހަމަ މިއާއެކު އިނގިރޭސިވިލާތުގައި ކޮންމެ އަހަރަކުވެސް އޮންނަ ވަރލްޑް ޓްރެވެލް މާކެޓްގައި ބައިވެރިވުމާ މެދުވެސް ވަނީ ޝައްކު އުފެދިފައެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުން އަންނަ ހީނަރުކަމަކީ ސަރުކާރުގެ ޢަމަލުތަކާ އަދި ދިވެހިރާއްޖެ ޑެސްޓިނޭޝަނެއްގެ ނުވަތަ ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓުކުރުން ފެއިލްވެފައިވާކަމުގެ ހެއްކެކެވެ. ރިސޯޓުތަކުގެ އޮކިއުޕަންސީ ރޭޓްވަނީ މިދިޔަ އަހަރުގެ މިމަހާ އަޅާ ބަލާއިރު %5 ދަށްވެފައެވެ. އަދި މިއަހަރަށް ސަރުކާރުން ލަފާކުރިއ 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރުމުގެ ޓަރގެޓް ޙާސިލް ކުރުމަށް ސެޕްޓެމްބަރ ން ޑިސެމްބަރ މަހުގެ ނިޔަލަށް 613,445 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރަން ޖެހޭނެއެވެ. 2014 ވަނަ އަހަރު ސެޕްޓެމްބަރ ން ޑިސެމްބަރ މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރީ 398,967 ކަމަށްވާއިރު މިއަހަރުގެ ލަނޑުދަނޑި ޙާސިލްވާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.
އެމް.އެމް.ޕީ.އާރު.ސީގެ މަސައްކަތް ހުއްޓި، ދާއިމީ ވަޒީރެއް މިނިސްޓްރީ އޮފް ޓުއަރިޒަމްގައި ނެތް މި ދަނޑިވަޅުގައި އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ޓްރެވެލް އެޑްވައިޒަރީއެއް ނެރުއްވާފައެވެ. މިއީ މީގެ ކުރިން ޓްރެވެލް އެޑްވައިޒަރީގައި ބަޔާން ކުރާ މަޢުލޫމާތަށްވުރެ މާ ހަރުކަށި ޢިބާރާރުގެ ޓްރެވެލް އެޑްވައިޒަރީއެކެވެ. މީގެ ކުރިން މިފަދަ ނޯޓިސްތަކުގައި ފާހަގަކުރަނީ މުޒާހަރާތަކުގެ މައުލޫމާތެވެ. ނަމަވެސް އޮސްޓްރޭލިއާ ސަރުކާރުގެ މި ޓްރެވެލް އެޑްވައިޒަރީގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ޓެރަރިސްޓް ޙަމަލައެއް ހިނގާފާނެ ކަމުގެ ބިރު އޮތުމުން އޮސްޓްރޭލިއާ ރައްޔިތުން އެކަމަށް ސަމާލުވުމަށެވެ. މިފަދަ ނޯޓިސް ނެރުމުގެ ފުރިހަމަ ޒިންމާ
ސަރުކާރުން ނަންގަވަން ޖެހޭނެއެވެ. މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅުން ބަދަހިނުކޮށް އެޤައުމުތަކުގެ މަޝްވަރާތަކަށް ގޮންޖެއްސެވުމުގެ ހިތި ނަތީޖާއެވެ.
ވެރިކަން ހިންގާ ޕާޓީގެ ޢަމަލުތަކުން ޓުއަރިޒަމަށް ނޭދެވޭ އަސަރު ކުރާ ކަމީ ކަންބޮޑުވާ ކަމެކެވެ.
މިފަދަ ނާޒުކު ޙާއްލެގައި ފަތުރުވެރިކަމުގެ ދާއިރާ އޮތް އިރު ދާއިރާ ޕްރޮމޯޓުކޮށް އިސްތިހާރުކުރުމުގެ މައި ކުންފުނީގެ މަސައްކްތް ހުއްޓިފައިވާކަމީ ބޮޑު މައްސަލައެކެވެ. އަދި ކުންފުނީގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތް އިންތިޒާމް ކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ.