އެމް.ޑީ.ޕީ ގެ ފޮރިން ރިލޭޝަންސް ކޮމެޓީ ގެ މެމްބަރުން ޔޫރަޕުގެ އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އަދި ޑިޕްލޮމެޓުންނާއި ބައްދަލުކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ފޮރިން ރިލޭޝަންސް ކޮމެޓީ ގެ މެމްބަރުން ބްރަސަލްސް އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޔޫރަޕުގެ އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހުގެ އެކިއެކި މެމްބަރުންނާއި އަދި ޑިޕްލޮމެޓުންނާއި ބައްދަލުކުރައްވައިފިއެވެ.

އެމް.ޑީ.ޕީ ގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މި ދަތުރުފުޅުގައި ހިމެނިވަޑައިގަންނަވަނީ އެ ކޮމެޓީގެ މަޤައްރިރު އަލްފާޟިލް ޢަބްދުﷲ ޝާހިދާއި، އަލްފާޟިލް ޢަހްމަދު ތަސްމީނު ޢަލީގެ އިތުރުން އަލްފާޟިލް ޢުމަރު ޢަބްދުލްރައްޒާޤެވެ. މިބޭފުޅުންގެ މި ބައްދަލުވުންތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައިސްފައިވާ ބަދަލުތަކާއި މި ސަރުކާރުން ޤާނޫނު އަސާސީއާއި ބައިނަލްއަޤުވާމީ މުއާހަދާތަކާ ޚިލާފަށް ރައީސް މުޙައްމަދު ނަޝީދު ޖަލުގައި ޙައްޔަރުކޮށްގެން ގެންގުޅެމުންދާ މައްސަލައާއި އެހެނިހެން ސިޔާސީ ފަރާތްތައް ޙައްޔަރުކޮށްގެން ގެންގުޅެމުންދާ މައްސަލައާމެދު ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި އދ. ގެ ނިންމުމާ ދިވެހި ސަރުކާރުން ޚިލާފުވެ، ރައީސް ނަޝީދު މިނިވަން ނުކޮށް، އދ. އަށް ގޮންޖަހަމުންދާކަމުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައިވެއެވެ.

އެބޭފުޅުން ބައްދަލުކުރެއްވި ފަރާތްތަކުގެ ތެރޭގައި ޔޫރަޕުގެ އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރ އަދި ފޮރިން އެފެއާރޒާއި ކޮންސްޓިޓިޔޫޝަނަލް އެފެއާރޒް ކޮމެޓީގެ މެމްބަރ އޮނަރަބަލް ފަބިއޯ މަސިމޯ ކާސްޓަލްޑޯ ހިމެނިވަޑައިގަންނަވައެވެ. ހަމައެފަދައިން ޔޫރަޕުގެ އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރ އަދި ދެކުނު އޭޝިއާ ޤައުމުތަކުގެ ގުޅުންތަކާ ބެހޭގޮތުން ކަނޑައަޅާފައި އޮންނަ މަންދޫބުންގެ މައްޗަށް އެކުލެވޭ ކޮމެޓީގެ މުޤައްރިރު އޮނަރަބަލް ޜޯން ލަމްބަރޓް ހިމެނިވަޑައިގަންނަވައެވެ. ޔޫރަޕުގެ އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރ އޮނަރަބަލް މެޒެރިކްސް ތާމާސް އާ ވެސް ބައްދަލުކުރައްވާފައިވެއެވެ. އެބޭފުޅާއަކީ އެ މަޖިލީހުގެ ފޮރިން އެފެއާރޒް ކޮމެޓީގެ މެމްބަރެކެވެ.

މިގޮތުން ބައްދަލުކުރެއްވި ޔޫރަޕުގެ އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހުގެ އެހެން މެމްބަރުންގެ ތެރޭގައި އޮނަރަބަލް ޖާވިއާރ ނާރޓް އާއި ޗާރލްސް ޓެނޮކް ހިމެނިވަޑައިގަންނަވައެވެ. ޖާވިއާރ ނާރޓް އަކީ ފޮރިން އެފެއާރޒް ކޮމެޓީގެ މެމްބަރެއްގެ އިތުރުން ސިކިޔުރިޓީ އެންޑް ޑިފެންސް ކޮމެޓީގެ މެމްބަރެއް ވެސް މެއެވެ. ޗާރލްސް ޓެނޮކް އަކީ ފޮރިން އެފެއާރޒް ކޮމެޓީގެ މެމްބަރެއްގެ އިތުރުން އިންސާނީ ޙައްޤުތަކާ ބެހޭ ސަބް ކޮމެޓީގެ މެމްބަރެކެވެ.
އެމް.ޑީ.ޕީ ގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މެމްބަރުން ވަނީ އޮނަރަބަލް ރިޗަރޑް ހޮވިޓް އާ ވެސް ބައްދަލުކުރައްވާފައެވެ. އެބޭފުޅާއަކީ ޔޫރަޕުގެ އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރ އަދި ދެކުނު އޭޝިއާ ޤައުމުތަކުގެ ގުޅުންތަކާ ބެހޭގޮތުން ކަނޑައަޅާފައި އޮންނަ މަންދޫބުންގެ މައްޗަށް އެކުލެވޭ ކޮމެޓީގެ ނައިބް މުޤައްރިރެވެ. ހަމައެފަދައިން އެބޭފުޅާއަކީ ފޮރިން އެފެއާރޒް ކޮމެޓީގެ މެމްބަރެއްގެ އިތުރުން އިންސާނީ ޙައްޤުތަކާ ބެހޭ ސަބް ކޮމެޓީއާއި ޑިފެންސް އެންޑް ސިކިޔުރިޓީ ގެ ސަބް ކޮމެޓީގެ މެމްބަރެކެވެ. އަދި އެބޭފުޅުން އޮނަރަބަލް އެޑްއަޑް ކުކާން އާ ބައްދަލުކުރެއްވިއެވެ. އެބޭފުޅާއަކީ ޔޫރަޕުގެ އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާރޒް ކޮމެޓީގެ މެމްބަރެއްގެ އިތުރުން ޑިފެންސް އެންޑް ސިކިޔުރިޓީ ގެ ސަބް ކޮމެޓީގެ މެމްބަރެކެވެ.

މިގޮތުން ބައްދަލުކުރެއްވި އިތުރު ބޭފުޅުންގެ ތެރޭގައި ދަ ކައުންސިލް އޮފް އޭޝިއާ އޮފް ޔޫރަޕިއަން ޔޫނިއަން ގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. މި ބައްދަލުވުން ބާއްވަވާފައިވަނީ ފްރެންޗް ޕާރމަނެންޓް ރެޕްރެޒެންޓެޓިވްސް އޮފީހުގައެވެ. މީގެ އިތުރުން ޔޫރަޕިއަން އެކްސްޓާރނަލް އެކްޝަން ސާރވިސްގެ ހެޑް އޮފް ޔުނިޓް، އޭޝިއާ ޑިރެކްޓޮރޭޓް މިސް ޕޯލާ ޕަމްޕަލޯނީ އާ ވެސް ބައްދަލުކުރައްވާފައިވެއެވެ.