މިރޭ އެމްޑީޕީން ބޭއްވި ސުލްޙަވެރި އެއްވުމަށް ޤާނޫނާއި ޚިލާފަށް ފުލުހުން ހުރަސް އެޅުން ކުއްވެރިކުރަން

މިރޭ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެ.މްޑީ.ޕީ)ގެ ފަރާތުން އިންތިޒާމްކޮށްގެން ޗާންދަނީ މަގު ސީގަލް ކަންމަތީގައި ބޭއްވި ސުލްޙަވެރި އެއްވުން ޤާނޫނާ ޚިލާފަށް ފުލުހުން ރޫޅާލައި ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އަޅާފައިވާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރި ކުރަމެވެ.
މިރޭ ބޭއްވި އެއްވުމާ ގުޅިގެން ޤާނޫނު ނަމްބަރު 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤަނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން އެއްވުމުގެ ނޯޓިސް ފުލުހުންނަށް ވަނީ ދެވިފައެވެ. އަދި ފުލުހުންނަށް ދީފައިވާ ނޯޓިސްގައި މުޒާހަރާ ކުރިއަށް ދާނެ ތަނެއް އަންގާފައި ވީނަމަވެސް ފުލުހުން ވަނީ މުޒާހަރާގެ ތެރެއަށް ވަދެ ގަދަ ކަމުން އާންމުން އެ ސަރަހައްދުން ފޮނުވާލަން މަސައްކަތްކޮށްފައެވެ.

އަދި ޞުލްޙަވެރި އެއްވުމުގެ ތެރެއަށް ފުލުހުން ވަދެގަނެ އެއްވެސް ޤާނޫނީ ހަމައެއްނެތި އެއްވުމުގައި ބޭނުންކުރަމުން ގެންދިޔަ ސައުންޑް ސިސްޓަމް ވަނީ ގެންގޮސްފައެވެ. އަދި އެއްވުން ރޫޅާލުމުގައި ގަދަބާރުން ރައްޔިތުން ކޮއްޕާ ދުރުކޮށް އަދި މިހާތަނަށް އެމް.ޑީ.ޕީގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ރައީސް އިބްރާހިމް އަހްމަދު މިރޭ ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.

ފަހަކަށްއައިސް ޞުލްޙަވެރި ސިޔާސީ ޙަރަކާތްތައް ޤާނޫނާ ޚިލާފަށް ހުއްޓުވައި އެއްވެ އުޅުމުގެ މިނިވަންކަމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް ހުރަސް އަޅަމުންނެވެ. މިޕާޓީގެ ފަރާތުން މިކަން ބަލައިދިނުމަށް ތަކުރާރުކޮށް ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވާނެއެވެ. އަދި ސަރުކާރުން އެއްވުންތަކުގެ މިނިވަންކަން ހަނިކުރަމުންދާތީ އެ ކޮމިޝަނާއެކު ބައްދަލުވުމަކަށްވެސް މި ޕާޓީން އެދިފައިވާނެއެވެ.

އެއްވެ އުޅުމުގެ މިނިވަންކަމާ ޤާނޫނު އަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކަށް ފުލުހުން ތަކުރާރުކޮށް އަރައިގަނަނަމުންދާދިއުން ހުއްޓާލުމަށް ގޮވާލަމެވެ.އަދި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދައިފައިވާ މިފަދަ އަސާސީ ޙައްޤުތައް ހިމާޔަތް ކުރުމަކީ ފުލުހުންގެ ވެސް ވާޖިބެކެވެ. ފުލުހުންގެ ޒިންމާއަކީ ޞުލްޙަވެރި އެއްވުންތަކަށް ޖާގަ ދީ އެކަމަށް މަގުފަހިކޮށްދިނުމެވެ. އެހެންކަމުގައި މިފަދަ ސުލްހަވެރި ސިޔާސީ ޙަރަކާތްތަކަށް ފުރުޞަތުދީ އެކަން ކުރެވޭނެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދަށް ގޮވާލަމެވެ. އަދި ފުލުހުންގެ މުވައްސަސާއަކީ ވަކި ފަރާތަކަށް ނުޖެހި ރައްޔިތުންގެ ޚިދުމަތުގައި ދެމިއޮވެ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ތަނަކަށް ހެދުމަށް ގޮވާލަމެވެ. އަދި މިރޭ މުޒާހަރާގައި ހައްޔަރުކޮށްފައިވާ އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލަމެވެ.
18 އޮކްޓޫބަރު 2015
ބަޔާން ނެރުނީ އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓު