ހއ.އުލިގަމުގައި ބޭރުގެ ގޮތްނޭގޭ ފަރާތަކުން ބަޑި ހަތިޔާރު ގުދަން ޤާއިމުކޮށް ޙަރަކާތްތެރިވުމުގެ ހުއްދަ ސަރުކާރުން ދީފައިވާ މައްސަލައާމެދު ކަންބޮޑުވުން ފާޅުކުރުން

ހއ.އުލިގަމުގައި ބަޑި ހަތިޔާރު ގުދަނެއް ޤާއިމުކޮށް ޙަރަކާތްތެރިވުމަށް ބޭރުގެ ގޮތްނޭގޭ ފަރާތަކަށް ދިވެހި ސަރުކާރުން ހުއްދަދީގެން އެކަންކުރަމުންދާކަމުގެ މަޢުލޫމާތު މީޑީއާ މެދުވެރިކޮށް ލިބެމުންދާކަމީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އަށް ކުއްލި ސިހުމެއް ލިބުނު ކަމެކެވެ. އަދި މިކަމުގެ ކަންބޮޑުވުން މި ޕާރޓީން އިންތިހާއަށް ފާޅުކުރަމެވެ.

މިގޮތުން ރާއްޖޭގައި ބަޑި ހަތިޔާރު ގުދަނެއް ޤާއިމުކޮށް ހަރަކާތްތެރިވުމަށް ސަރުކާރުން ހުއްދަދީފައިވަނީ ބިދޭސީ ކުންފުންޔެއް ކަމުގައިވާ “ސޭފްޓީ އެޓް ސީ ލޮޖިސްޓިކްސް ލިމިޓެޑް” ނަމަކަށްކިއާ މޯލްޓާ ގައި ހިންގާ އަމިއްލަ ކުންފުންޔަކަށްކަން ހާމަވެފައިވެއެވެ. އަދި އެކުންފުނިން މިހާރު ހއ.އުލިގަމުގައި ބަޑި ހަތިޔާރު ގުދަން ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމުގެ މަޢުލޫމާތު ހާމަވެފައިވެއެވެ. މި ބަޑި ހަތިޔާރު ގުދަން އެ ރަށުގައި ޤާއިމުކުރުމަށްފަހު 200 ބިދޭސީ މީހުންގެ މައްޗަށް އެކުލެވޭ ހަތިޔާރު ގެންގުޅުމުގެ ޔުނިޓެއް ޤާއިމުކުރާ ގޮތަށް ހަމަޖެހިފައިވާކަން ވެސް ހާމަވެފައިވެއެވެ.

ދިވެހިރާއްޖޭގައި ބަޑި ހަތިޔާރު ގެންގުޅުމުގެ ހުއްދަ ޤާނޫނީ ގޮތުން ލިބިދީފައިވަނީ ހަމައެކަނި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ކަމަށްވާއިރު، ދިވެހިރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ބޭރުގެ ގޮތްނޭގޭ ކުންފުންޔަކުން ނުވަތަ އެފަދަ ފަރާތަކުން ބަޑި ހަތިޔާރު ގުދަނެއް ހަދައި، ހަތިޔާރާއެކު ޙަރަކާތްތެރިވެ، ނުވަތަ ތަމްރީނުދޭ ވަސީލަތްތައް ޤާއިމުކުރުމަކީ ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ އަދި ނުރައްކާތެރި ކަމެކެވެ. އަދި އެކަމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާ ސީދާ ގުޅުންހުރިކަމެކެވެ. އެހެންކަމުން ހއ.އުލިގަމުގައި ބަޑި ހަތިޔާރު ގުދަނެއް ޤާއިމުކުރުމަށް ސަރުކާރުން ހުއްދަދީފައިވާނަމަ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުން އެކަން ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާފުޅު އަރުވާފައިވޭތޯ ކަށަވަރުކުރަންޖެހެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިވާކަން ކަށަވަރުކުރަންޖެހެއެވެ.

އެނޫން ގޮތަކަށް އެފަދަ ހުއްދައެއް ސަރުކާރުން އެއްވެސް ފަރާތަކަށް ދިނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއަރާފާނެ ކަމެއްކަމުގައި ދެކެމެވެ. އަދި އެކަމަކީ ރާއްޖޭގެ އަވައްޓެރި ޤައުމުތަކުގެ ކަންބޮޑުވުން ވެސް އިންތިހާއަށް އިތުރުވެގެންދާނޭ ކަމެއްކަމުގައި ވެސް ދެކެމެވެ.

އެހެންކަމުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއަރާނޭ ގޮތަށް ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގައި ބަޑި ހަތިޔާރު ގުދަން ހަދައިގެން ޙަރަކާތްތެރިވުމުގެ ޙުއްދަ ސަރުކާރުން ދީފައިވާނަމަ އެ ހުއްދައެއް ވަގުތުން ބާތިލުކުރުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި މިކަން ހިނގާފައިވާ ގޮތް ރައްޔިތުންނަށް މިހިނދުން މިހިނދަށް ސާފުކޮށްދިނުމަށް ވެސް ސަރުކާރަށް މި ޕާރޓީން ގޮވާލަމެވެ.

20 އޮކްޓޯބަރ 2015
ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް