ސިޔާސީ ކަންކަމުގެ ތެރެއަށް ކޯޓުތައް ވަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް

maxresdefault

ރާއްޖެ ޓީވީގެ ފަލަސުރުހީގައި ރޭ ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރަގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރައީސް ޔާމިން އަބްދުﷲ ގާޒީއާއި ބައްދަލުކުރެއްވުމުން ސުވާލު އުފެދެނީ ކަން ހިނގި ގޮތުން ކަމަށާއި ބައްދަލުކުރެއްވުމުގެ ކުރިން، ރައީސްގެ ލޯންޗްކޮޅުގައި ހިނގި ހާދިސާ ތަހްޤީގް ކުރުމަށް ފުލުހުން ފާސްކުރަން އެދުނު ތަނެއް ފާސްނުކުރެވުނު ވާހަކަ ދެކެވިފައި ވަތީ ކަމަށެވެ. އަދި ރައީސް ޔާމިން އާއި އަބްދުﷲ ގާޒީ ބައްދަލުކުރެއްވުމަށް ފަހު ހާލަތު ބަދަލުވެގެންދިޔަ ކަމަށާއި ފުލުހުން ބޭނުންވި އަމުރު ވެސް ލިބިގެންދިޔަ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ފަނޑިޔާރުންނާއި ރައީސް ޔާމިން ބައްދަލުކުރެއްވުމުން ދޭހަވަނީ ފަނޑިޔާރުންނަށް ރައީސް ޔާމިން ނުފޫޒު ފޯރުއްވަމުން ގެންދިއުން ކަމަށާއި މިކަމުގައި ފަނޑިޔާރުގެ ވެސް މައްސަލަތަކެއް އެބަހުރި ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އެ ގޮތުން ވަކި ބޭފުޅެއްގެ ގެ ބަލާ ފާސްކުރަން ކޯޓުން އަމުރު ނުދެންވީ ކީއްވެގެންތޯ ރޮޒައިނާ ސުވާލު އުފެއްދެވިއެވެ.

މިސަރުކާރަކީ ސުޕްރީމް ކޯޓަކުން ގެނައި ސަރުކާރެއް ކަމަށް ރައީސް ޔާމިނު ވެސް ވިދާޅުވެފައިވާއިރު ސިޔާސީ ކަންކަމުގެ ތެރެއަށް ކޯޓުތައް ވަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ކޯޓްތައް ވާން ޖެހޭނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.