ހޮނިހިރުދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ސުލްޙަވެރި އެއްވުމަށް ޤާނޫނާއި ޚިލާފަށް ފުލުހުން ހުރަސް އެޅުން

ހޮނިހިރު ދުވަހުގެ ރޭ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެ.މްޑީ.ޕީ)ގެ ފަރާތުން އިންތިޒާމްކޮށްގެން ޗާންދަނީ މަގު ސީގަލް ކަންމަތީގައި ބޭއްވި ސުލްޙަވެރި އެއްވުން ޤާނޫނާ ޚިލާފަށް ފުލުހުން ރޫޅާލައި ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އަޅާފައިވާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރި ކުރަމެވެ.
ރޭ ބޭއްވުނު އެއްވުމާ ގުޅިގެން ޤާނޫނު ނަމްބަރު 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤަނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން އެއްވުމުގެ ނޯޓިސް ފުލުހުންނަށް ވަނީ ދެވިފައެވެ. އަދި ފުލުހުންނަށް ދީފައިވާ ނޯޓިސްގައި އެރޭގެ 9:45 ން 12:00 އަށް އެއްވުން ކުރިއަށް ދާނެ ކަމުގައި ވަނީ އަންގާފައެވެ.

އެހެންނަމަވެސް ޞުލްޙަވެރި އެއްވުމުގެ ތެރެއަށް ފުލުހުން ވަދެގަނެ އެއްވެސް ޤާނޫނީ ހަމައެއްނެތި އެއްވުމުގައި ބޭނުންކުރަމުން ގެންދިޔަ ސައުންޑް ސިސްޓަމަށް ގެއްލުން ދީ ޤާނޫނާ ޚިލާފަށް އެއްވުން ރޫޅާލާފައިވެއެވެ. އަދި އެއްވުން ރޫޅާލުމުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ކަމުގައިވާ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފާއި އާންމު ގިނަ ފަރާތްތަކެއްގެ ލޮލަށާއި މޫނަށް އަމާޒުކޮށް ޕެޕާރ ސްޕްރޭ ޖަހާފައިވެއެވެ. އަދިބައެއް ފަރާތްތަށް ޤާނޫނާއި ޚިލާފަށް ހައްޔަރު ކޮށްފައިވެއެވެ.މީގެ ތެރޭގައި ކުރީގެ އެމް.އެން.ޑީ.އެފްގެ ކޯޑިނޭޓަރެއްގެ މަޤާމް އަދާކުރެއްވި މުޙައްމަދު މުޝްރިފް ހިމެނިވަޑައިގައްނަވައެވެ.

ފަހަކަށްއައިސް ޞުލްޙަވެރި ސިޔާސީ ޙަރަކާތްތައް ޤާނޫނާ ޚިލާފަށް ހުއްޓުވައި އެއްވެ އުޅުމުގެ މިނިވަންކަމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް ހުރަސް އަޅަމުންނެވެ. މިޕާޓީގެ ފަރާތުން މިކަން ބަލައިދިނުމަށް ތަކުރާރުކޮށް ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވާނެއެވެ. އަދި ސަރުކާރުން އެއްވުންތަކުގެ މިނިވަންކަން ހަނިކުރަމުންދާތީ އެ ކޮމިޝަނާއެކު ބައްދަލުވުމަކަށްވެސް މި ޕާޓީން އެދިފައިވާނެއެވެ.

އެއްވެ އުޅުމުގެ މިނިވަންކަމާ ޤާނޫނު އަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކަށް ފުލުހުން ތަކުރާރުކޮށް އަރައިގަނަނަމުންދާދިއުން ހުއްޓާލުމަށް ގޮވާލަމެވެ.އަދި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދައިފައިވާ މިފަދަ އަސާސީ ޙައްޤުތައް ހިމާޔަތް ކުރުމަކީ ފުލުހުންގެ ވެސް ވާޖިބެކެވެ. ފުލުހުންގެ ޒިންމާއަކީ ޞުލްޙަވެރި އެއްވުންތަކަށް ޖާގަ ދީ އެކަމަށް މަގުފަހިކޮށްދިނުމެވެ. އެހެންކަމުގައި މިފަދަ ސުލްހަވެރި ސިޔާސީ ޙަރަކާތްތަކަށް ފުރުޞަތުދީ އެކަން ކުރެވޭނެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދަށް ގޮވާލަމެވެ. އަދި ފުލުހުންގެ މުވައްސަސާއަކީ ވަކި ފަރާތަކަށް ނުޖެހި ރައްޔިތުންގެ ޚިދުމަތުގައި ދެމިއޮވެ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ތަނަކަށް ހެދުމަށް ގޮވާލަމެވެ. އަދި ރޭގެ މުޒާހަރާގައި ހައްޔަރުކޮށްފައިވާ އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލަމެވެ.

18 އޮކްޓޫބަރު 2015
ބަޔާން ނެރުނީ އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓު