ދިވެހިރާއްޖޭގެ އިޤްތިސާދީ ކުރިމަގު ދުވަހެއް ދުވަހަކުން ބަނަވަމުންދާކަން، އެމް.ޑީ.ޕީގެ ފަރާތުން ކަންބޮޑުވުމާއެކު ފާޅުކުރަމެވެ. މިޕާޓީގެ ކަންބޮޑުވުމަކީ، ސަރުކާރުން ދަރަންޏަށް ފައިސާ ނެގުން އިތުރުވެ، ދައުލަތުގެ ޚަރަދު އިތުރުވެ، ވިޔަފާރިތައް ތަރައްޤީވުމަށް ހުރަސް އެޅެމުން އަންނާތީއެވެ.ފަތުރުވެރިކަން ދަށްވެ މުޅި ޖުމްލަ އިޤްތިޞާދީ ދުވެލި ވަނީ ދަށްވެފައެވެ. ވަކިން ޚާއްޞަކޮށް އިޤްތިޞާދުގެ މައި އިންޖީނު ކަމުގައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ދެމެހެއްޓެނިވި، އެންމެންނަށް ހަމަހަމަ އިޤްތިސާދީ ފުރުސަތު ލިބޭނޭ އިޤްތިސާދެއް ބިނާކުރުމަށް ސަރުކާރު ވަނީ ފެއިލްވެފައެވެ. ޝަރުޢީ ދާއިރާގައާއި ދައުލަތް ހިންގުމުގައި ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ބޮޑުވެ، ވަގު ނޫޓު ދައުރުވުން އިތުރުވެ އިންވެސްޓަރ ކޮންފިޑެންސަށް އެކަމުގެ އަސަރު ވަނީ ފޯރާފައެވެ. ނަތީޖާއެއްގެ ގޮތުން އާ ވަޒީފާ އުފެއްދުމަށް ހުރަސް އެޅޭނެއެވެ. އަދި ތަކެތީގެ އަގުބޮޑުވެ ދިރިއުޅުމުގެ ފެންވަރު ދަށަށް ދާނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ލަނޑުދަނޑި ޙާސިލް ނުވޭ
ފާއިތުވީ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ރިސޯޓުތަކުގެ އޮކިއުޕަންސީ ރޭޓް ވަނީ %5 ދަށަށް ގޮސްފައެވެ. ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރާ މުއްދަތު މިވަނީ 6.1 ން 5.7 ދުވަަހަށް ކުރުވެފައެވެ. ފަތުރުވެރިން ހޭދަކުރާ ރޭގެ އަދަދު މިވަނީ ހަމަމުއްދަތުގައި، %4 ދަށްވެފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ޙާސިލްކުރުމަށް ކަނޑައެޅި ލަނޑުދަނޑިތައް ޙާސިލްވެފައެެއް ނެތެވެ. 2015 ވަނަ އަހަރު ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވަނީ %8.3 އެވެ. އެހެންނަމަވެސް މި ޢަދަދު ޙާސިލްކުރުމަށް ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް 613,445 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރަން ޖެހޭނެއެވެ. 2014 ވަނައަހަރު ސެޕްޓެމްބަރ މަހުން -ޑިސެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިން ޒިޔާރާތްކުރި ޖުމްލަ އަދަދަކީ 398,967 ފަތުރުވެރިންނެވެ. މި ޢަދަދުތަކަށް ބަލައި 2015 ވަނަ އަހަރުގެ ބަޖެޓުގެ އަމާޒަށް ވާސިލްވާނެ ކަމަށް ޤަބޫލު ނުކުރެވެއެވެ.
އިޤްތިޞާދުގެ ކުރިއެރުން ދަށަށް
2015 ވަނައަހަރުގެ އިޤްތިސާދީ ކުރިއެރުން %10.5 ހުންނާނެ ކަމަށް ސަރުކާރުން 2015 ވަނައަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ލަފާކޮށްފައިވީނަމަވެސް، އެމިންވަރު ހުންނާނީ ގާތްގަނޑަކަށް %5 ގައި ކަމަށް ދާދިފަހުން ވޯލްޑްބޭންކް އިން ވަނީ ބުނެފައެވެ. އަދި 2016 ވަނައަހަރު މި އަދަދު ހުންނާނީ %3.9 ގައި ކަމަށް ފާހަގަކޮށްފައިވެއެވެ. އެމް.ޑީ.ޕީގެ ފަރާތުން 2015 ވަނައަހަރު ސަރުކާރުގެ ބަޖެޓް ދިރާސާކޮށް ނެރެފައިވާ ރިޕޯޓްގައިވެސް، މި ޕާޓީއިން ވާނީ، ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުގެ އެކުލަވާލައިފައިވާ ގޮތުން، އިޤްތިސާދު ކުރިއަރައިދާނީ ގާތްގަނޑަކަށް %5 އާ -%4 ދެމެދު ކަމަށް ފާހަގަކޮށްފައެވެ. ދައުލަތުގެ ޚަރަދަށް ޒިންމާވާންޖެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބަޖެޓް ފެއްތުމަށްޓަކައި، އިޤްތިސާދީ ކުރިއެރުން ހުންނާނެ މިންވަރު ސަރުކާރުން މިވަނީ އޮޅުވާލާފައެވެ.
ދައުލަތުގެ ޢާމްދަނީ ބޭނުން ކުރަނީ ސަރުކާރުގެ މޫނުމަތި ރީތި ކުރުމަށް
އެމް.ޑީ.ޕީ ސަރުކާރުން ޓެކްސްގެ ނިޒާމަށް ގެނައި ބޮޑެތި ބަދަލުތަކުގެ ހެޔޮ ނަތީޖާ މިއަދު ފެންނަމުން އަންނަކަން ފާހަގަ ކުރަމެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިޔު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރުުުުު މަހުގެ ނިޔަލަށް ޢާމްދަނީގެ ގޮތުގައި 10.5 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު، %16 އިތުރުވުމެކެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމާއެކުވެސް އާމްދަނީ ލިބޭ ފަދަ އިންވެސްޓްމަންޓް ނެތި ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ނުދެވެއެވެ. ރައްޔިތުންގެ ތަރައްޤީއާ ގުޅިފައިވަ މަސައްކަތަށް ޚަރަދު ކުރުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދެނީ ސަރުކާރުގެ ދޮގުތައް ފޮރުވުމަށް ދައުލަތުން ބޮޑެތި ޚަރަދު ކުރައްވައިގެން ޕަބްލިސިޓީ ކުންފުނިތަަކަށް ރައްޔިތުންގެ ޓެކްސް އާމްދަނީން ޚަރަދު ކުރުމަށެވެ. މިއީ ރައްޔިތުން ސަރުކާރާ ޙަވާލުކޮށްފައިވާ ބޮޑު އަމާނާތަކަށް ޚިޔާނާތްތެރިވުމެވެ.
ޕްރައިވެޓް ސެކްޓަރ އަށް ހީނަރުކަމެއް
ސަރުކާރުގެ ޚަރަދުތައް ފޫބެއްދުމަށް އޮގަސްޓްމަހުގެ ނިޔަލަށް ސަރުކާރުން ވިއްކާފައިވާ ޓީ-ބިލްސް އަދި ޓީ-ބޮންޑްސްގެ ޖުމްލައަކީ 18.9 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހާރުގެ މި މުއްދަތާ އަޅާބަލާއިރު %39 އިތުރު އަދަދެކެވެ. ސަރުކާރުގެ ދަރަނި ފޫބެއްދުމަށް، ދަރަންޏަށް ފައިސާ ނަގާ މިންވަރު އަންނަނީ ދުވަހެއްދުވަހަކަށް ބޮޑުވަމުންނެވެ. މުޅި ދައުލަތުގެ ކޮރަޕްޝަން ބޮޑުވުމާއި އިންވެސްޓަރުންގެ ޔަޤީންކަން ދަށްވުމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާވުމަށް ހުރި ދޮރުތައް ވަނީ ބަންދުވެފައެވެ.
އެމް.އެމް.އޭގެ ހިސާބު ޝާއިއު ނުކުރުން
މަރުކަޒީ ބޭންކް، އެމް.އެމް.އޭ އިން އަންނީ އާންމު އުސޫލުން 2 މަސްފަސްކޮށް، ސަރުކާރުގެ ޖުމްލަ ޚަރަދު އަދި އާމްދަނީ ޝާއިއުކުރަމުންނެވެ. ނަމަވެސް، އެމް.އެމް.އޭގެ ‘މަންތްލީ ސްޓެޓިސްޓިކްސް’ ގައި ސަރުކާރުގެ ޚަރަދު އަދި އާމްދަނީ އެންމެ ފަހުން ޝާއިއުކޮށްފައިވަނީ މިއަހަރުގެ މޭ މަހުގައެވެ. ސަރުކާރުގެ ޚަރަދު އަދި އާމްދަނީގެ ތަފްސީލްތައް، ރައްޔިތުންނަށް އެގޭނެގޮތަކަށް ހާމަކުރުމަށް ފިނޭންސް މިނިސްޓްރީ އަށް ގޮވާލަމެވެ. ރައްޔިތުންގެ ޓެކްސް އާމްދަނީ ޚަރަދު ކުރެވޭ ގޮތް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހެއެވެ. އެކަމުގެ ހެޔޮ އަސަރު އިޤްތިޞާދަށްވެސް ކުރާނެ ކަމުގައި ޤަބޫލު ކުރަމެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލާތު ކަންބޮޑުވާ މިންވަރަށް ދަށްވެ، ފަތުރުވެރިކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަމުގެ އަސަރުކުރުން އެއީ މިއަދު އަޅުގަނޑުމެން އެންމެ ކަންބޮޑުވާ އެއްކަމެވެ. ސަރުކާރުން ސިޔާސީ މަޤްޞަދު ޙާޞިލްކުރުމަށް ދައުލަތުގެ ޢާމްދަނީ އެއްވެސް ބެލުމެއްނެތި އިސްރާފް ކުރުން ހުއްޓާލުމަށް ގޮވާލަމެވެ. ހެޔޮގޮތުގައި ވިޔަފާރިތައް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުމަށް ގޮވާލަމެވެ. ބިނާ ކުރަނިވި ގޮތަށް ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދު ކުރުމަށް ގޮވާލަމެވެ.