ހިޖްރީ އާ އަހަރުގެ ހެޔޮ ދުޢާއާއި ތަޙުނިޔާ އަރިސްކުރުމާ 6 ނޮވެމްބަރުގެ މުޒާހަރާ

މިއަދަކީ ހިޖްރީ އާ އަހަރު ފެށޭ ދުވަސްކަމުގައިވާތީ ހިޖްރީ އާ އަހަރުގެ ހެޔޮ ދުޢާއާއި ތަޙުނިޔާ އެންމެހައި ފަރާތްތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އަރިސްކުރަމެވެ.

ހިޖްރީ އާ އަހަރަކަށް ކުރިމަތިލާއިރު ޚާއްޞަގޮތެއްގައި އަޅުގަނޑުމެން ދިވެހިންގެ ހަނދާނަށް މިއަދު އަންނަކަމަކީ ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم މައްކާއިން މަދީނާއަށް ހިޖުރަކުރައްވަން ޖެހިވަޑައިގަތް ސަބަބުކަމުގައިވާ އަނިޔާވެރިންގެ އަނިޔާވެރިކަން ހައްދުފަހަނާޅާ ގޮސްފައިވާ މިންވަރެވެ. ހަމަ އެފަދައިން ހަނދާނަށް އަންނަކަމަކީ، އިތުރު އެކަލޭގެފާނު އަދުލުވެރިކަމާއި ހަމަހަމަކަމުގެ މައްޗަށް އެކުލެވޭ އިސްލާމީ ދައުލަތެއް މަދީނާގައި ޤާއިމުކުރައްވައި އޯގާތެރި ހެޔޮވެރިކަމެއް ބިނާކުރެއްވި މަތިވެރި މިސާލެވެ.

ނަމަވެސް އޭގެ އެތަކެއް ސަތޭކަ އަހަރު ފަހުން، އަޅުގަނޑުމެންގެ ދިވެހިރާއްޖެ އިސްލާމީ ދައުލަތެއްގެ ނަމުގައި އޮވެ، މިއަދު ވެސް މި ދައުލަތުގެ އިސް ވެރިން މި ދައުލަތަށް ނިސްބަތްވާ ރައްޔިތުންނާމެދު އިންސާފުން އެއްކިބާވެ، ފަސާދައިގެ މަގު އިޚްތިޔާރުކޮށް އަނިޔާވެރިކަން އިންތިހާއަށް އިސްކުރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި އެއީ ހިޖްރީ އާ އަހަރަށް ދިވެހިން ކުރިމަތިލާއިރު ދިވެހިންނަށް އޮތް އުފާވެރިކަމަކަށްވުރެ ހިތާމަވެރިކަމެއްކަމާމެދު ޝައްކެއްނެތެވެ.

އެހެންކަމުން ހިޖްރީ އާ އަހަރާ ގުޅިގެން ކުރާ ދުޢާއަކަށް ނުވަތަ ކަނޑައަޅާ ޢަޒުމަކަށް ވާންވީ އަނިޔާވެރިކަމުން ސަލާމަތްވެގެންވާ، އަދުލުވެރިކަމާއި ހަމަހަމަކަމުގެ މައްޗަށް އެކުލެވޭ ދައުލަތެއް ދިވެހިރާއްޖޭގައި ޤާއިމުކުރުންކަމަށް ދެކެމެވެ. އަދި ނާއިންސާފުން އަނިޔާލިބެމުންދާ ރައްޔިތުން އެ އަނިޔާއިން ސަލާމަތްކުރުމަށް އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބު އަދާކުރުމުގެ ގޮތުން އެމް.ޑީ.ޕީ އިން އިންތިޒާމުކޮށްގެން 6 ނޮވެމްބަރ 2015 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މިފަދަ ދުވަހެއްގައި ގޮވާލުމުގެ މުޙިއްމުކަން ދެކި، އެކަމަށް މި ޕާރޓީން ގޮވާލަމެވެ.

14 އޮކްޓޯބަރ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް