ދިވެހި ރާއްޖޭއިން ‘އިންޑިޔާ ފަރސްޓް’ ސިޔާސަތެއް އިއުލާން ކުރުން ފާހަގަ ކުރަން

އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަޜޒް ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އިންޑިޔާ ސަރުކާރުން ޢާންމު ކުރެއްވި ނޫސް ބަޔާނުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ‘އިންޑިޔާ ފަރސްޓް’ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ އެކަން ޔަޤީންކޮށްދެއްވާފައިވާތީ އެކަން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ފާހަގަ ކުރަމެވެ.

ދުނިޔާގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމުގައިވާ އިންޑިޔާއަކީ ދިވެހިރާއްޖެއަށް އެންމެ ބޮޑަށް އެހީވަމުން އަންނަ އަދި ދިވެހިންގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި އެމް.ޑީ.ޕީން އަބަދުވަސް އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް ރައީސް އަބްދުﷲ ޔާމީން ވަނީ ވަރަށް ސާފުކޮށް ސަރުކާރުގެ ވިސްނުން އިރުމައްޗަށް ބަދަލުވަނީ ކަމުގައި ވިދާޅުވެފައެވެ. އަދި ތަކުރާރުކޮށް ވިދާޅުވަނީ ޗައިނާގެ މަޝްރޫޢެއްކަމުގައިވާ ސިލްކް ރޫޓްގައި ބައިވެރިވުމުން ދިވެހިރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓް ލިބި އިޤްތިޞާދީ ގޮތުން ހީވެސް ނުކުރާފަދަ ނަފާތަކެއް ލިބޭނެ ކަމުގައެވެ. މިހެން ވިދާޅުވެފައިވީނަމަވެސް އިންޑިޔާގެ ޚާރިޖީ ވަޒީރުގެ ބައްދައްލުވުމަށްފަހު ސަރުކާރުގެ ވިސްނުން މިހާރު ބަދަލުވެފައިވާކަން ހާމަވެއެވެ. އަދި އެކަން އެމް.ޑީ.ޕީން ފާހަގަ ކުރަމެވެ.

އިންޑިޔާ ކަނޑުގެ ރައްކާތެރިކަމާ ޞުލްޙައަށް ބުރޫ އަރާނެ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ކޮށްގެން ނުވާނެއެވެ. ވަކީން ޚާއްޞަކޮށް ދިވެހިރާއްޖެއާ އިންޑިޔާއާ މެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމަށް ހީނަރުކަން އަތުވެދާނެ އެއްވެސް ކަމެއް ކުރުމަކީ ދިވެހިރާއްޖެއަށް ލިބޭނެ ނިކަމެތި ކަމެކެވެ. ފާއިތުވީ ދުވަސްތަކުގައި އިންޑިޔާއާ ދިވެހިރާއްޖެއާ މެދު އޮތް ގުޅުން ކޮންމެވެސް މިންވަރަކަށް ހީނަރުވެފައިވަނީ ދިވެހި ސަރުކާރުން އިރުމަތީ ޤައުމުތަކަށް ޚާއްސަކަމެއް ދީގެން ޚަރިޖީ ސިޔާސަތު ބައްޓަން ކުރުމުން ކަމުގައި ދެކެމެވެ.

މި ދަނޑިވަޅުގައި އިންޑިޔާ ރައްޔިތުންނާ ސަރުކާރުން ދިވެހިރާއްޖެއާމެދު ބާއްވާ ގާތް ގުޅުމަށް ޝުކުރު އަދާ ކުރަމެވެ. އަދި ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި މެދު ނުކެނޑި ދެގޮތެއްނުވެ ދެމި ތިބޭ ކަމީ ދިވެހިރާއްޖޭ ތަރައްޤީގެ މަގުގައި އިންޑިޔާގެ މުހިއްމު ދައުރު ހާމަވާ ކަމެކެވެ.

އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރުގެ ދަތުރުފުޅުގައި އެމް.ޑީ.ޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރ ހޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މީގެ ކުރިންވެސް އެމް.ޑީ.ޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ފަދައިން އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ސީޓަށް އިންޑިޔާ ހޮވުމަށް އެމް.ޑީ.ޕީން ތާޢީދު ކުރާކަމުގެ ޔަޤީންކަން ދެއްވިއެވެ.