ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ސިޓީ ކައުންސިލުތަކުގެ މެމްބަރުންނަށް ފާޅުގައި ޖެއްސުންކުރުމުގެ ގޮތުން ސަރުކާރުގެ އަޣްލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ސިޓީ ކައުންސިލުތަކުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް އިންތިހާއަށް ކުޑަކުރުމަށް މިއަދު ފާސްކޮށްފައިވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.
މިގޮތަށް ސިޓީ ކައުންސިލުތަކުގެ މޭޔަރާއި ޑެޕިޔުޓީ މޭޔަރާއި އަދި އެ ކައުންސިލުތަކުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް އެއްވެސް މިންގަނޑަކަށް ނުފެތޭގޮތަށް ކުއްލިޔަކަށް ކުޑަކުރުމުން، އިންތިޚާބުވުމަކާ ނުލައި ސަރުކާރުން އައްޔަނުކުރާ ކޯޑިނޭޓަރަކަށް ލިބޭ މުސާރައަށްވުރެ ކުޑަވެގެންދާކަން ފާހަގަކުރަމެވެ. އަދި އެއީ އެމް.ޑީ.ޕީ ގެ އަޣުލަބިއްޔަތު އޮންނަ ސިޓީ ކައުންސިލުތަކަކަށްވީތީ ސަރުކާރުން ހިންގި ޖެއްސުމުގެ ޢަމަލަކަށްވުމުގެ އިތުރުން، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމުގެގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހިންގި ޢަމަލެކެވެ.
ސިޓީ ކައުންސިލުތަކާއި އެނޫން ވެސް ކައުންސިލުތަކުގެ ބާރުތައް ސަރުކާރުން ތަކުރާރުކޮށް ނަގަމުން ގޮސް، އަދި އެ ކައުންސިލުތަކަށް ކަނޑައެޅިފައިވާ ބަޖެޓް ތާށިކުރަމުން ދިއުމުގެ އިތުރުން ރައްޔިތުން އިންތިޚާބުކޮށްފައިވާ ސިޓީ ކައުންސިލުތަކުގެ މެމްބަރުންގެ މުސާރަ މިހާރު އެއްވެސް މިންގަނޑަކަށް ނުފެތޭގޮތަށް އިންތިހާއަށް ކުޑަކޮށްފައިވަނީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ މުޙިއްމުކަން ކުޑަކުރުމުގެ ގޮތުންނާއި ކައުންސިލުތަކުގެ މުހިއްމުކަން ކަނޑުވާލުމުގެ ގޮތުންކަން ފާހަގަކުރަމެވެ.
12 އޮކްޓޯބަރ 2015
ބަޔާން ނެރުނީ އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް