ނޫސް ބަޔާން

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާފައިވާ ޝަރީޢަތާއި، އެމައްސަލައިގެ އިސްތިއުނާފާއި، އަދި ޖުމްލަކޮށް ރައީސް މުޙައްމަދު ނަޝީދާ ގުޅޭ ގޮތުން ކެނޑިނޭޅި ސަރުކާރުން ދަނީ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ދޮގު މައުލޫމާތު ފޯރުކުރަމުންނެވެ.

އެގޮތުން، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް އިސްތިއުނާފު ކުރުމަށް ރައީސް މުޙައްމަދު ނަޝީދަށް ފުރުޞަތު ދެއްވާފައިވާ ކަމަށާއި، ރައީސް މުޙައްމަދު ނަޝީދު އެފުރުޞަތު ބޭނުން ނުކުރެއްވީ ކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލް ރައީސް މުޙައްމަދު ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރެއްވީ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގަތުމުގެ ސަބަބުން ކަމަށާއި، އަދި އެމައްސަލަގެ އިސްތިއުނާފުގެ ޝަރީޢަތުގައި ރައީސް މުޙައްމަދު ނަޝީދު ޕްރޮސިކިއުޓަރ ޖެނެރަލަށް އެއްބާރުލުން ނުދެއްވި ކަމަށާއި، ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށް ރައީސް މުޙައްމަދު ނަޝީދު އަމުރުކުރެއްވި ކަމަށް އެމަނިކުފާނު އިޢުތިރާފުވެވަޑައިގަނެފައިވާ ކަމަށާއި، ރައީސް މުޙައްމަދު ނަޝީދުގެ މައްސަލައާ ގުޅޭ ގޮތުން އ.ދ އިން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން ގޮތެއް ކަނޑައަޅަންޖެހެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށް ބުނެ ސަރުކާރުން ދޮގު ވާހަކަތައް ދަނީ ފަތުރަމުންނެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ރައީސް މުޙައްމަދު ނަޝީދު އިސްތިޢުނާފު ނުކުރެއްވީ ކަމަށް ސަރުކާރުން ބުނަމުން ގެންދާއިރު، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޙުކުމް އިސްތިޢުނާފް ކުރުމަށް ބޭނުންވާކަން ވަނީ ކްރިމިނަލް ކޯޓަށް ލިޔުމުން އަންގާފައެވެ. އަދި ހަމަ އެހެންމެ އެކަންވަނީ 2 ފަހަރެއްގެ މަތިން ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ލިޔުމުން އަންގާފައެވެ. ރައީސް މުޙައްމަދު ނަޝީދުގެ މައްސަލައިގައި ޙުކުމް ކުރިއިރު އިސްތިއުނާފު ކުރުމުގެ މުއްދަތުވަނީ 60 ދުވަހުން 10 ދުވަހުގެ މުއްދަތަށް ކުރުކޮށްފައެވެ. އިސްތިއުނާފުގެ މުއްދަތު ހަމަވެގެންދިޔައިރުވެސް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީޢަތުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވަނީ ފޯރުކޮށްނުދީ ހިފަހައްޓާފައެވެ. ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކާއި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ލިޔެފައިހުރި ވާހަކަތަކާ ތައާރުޟުވާކަން ފާހަގަކުރެވޭތީ، އެޝަރީޢަތުގެ އަޑުއެހުންތަކުގެ އޯޑިއޯ ރެކޯޑިންގ ފޯރުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އެ ރެކޯޑިންގތައް މިއަދާއަމައަށްވެސް ވަނީ ފޯރުކޮށްނުދީ ހިފަހައްޓާފައެވެ. ވީމާ، އިސްވެ ދެންނެވި މައްސަލާގައި ރައީސް މުޙައްމަދު ނަޝީދު އިސްތިއުނާފު ނުކުރެއްވީ ކަމަށް ސަރުކާރުން ބުނަމުންދާ ވާހަކައަކީ ކަން ހިނގައިދިޔަ ގޮތުގެ އަޞްލު ފޮރުވުމަށް ދައްކާ ވާހަކަތަކެކެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ސާބިތުކުރި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް އިސްތިއުނާފުކުރީ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގަތުމުން ކަމަށް ސަރުކާރުން ބުނަމުންދާއިރު، ރައީސް މުޙައްމަދު ނަޝީދު އެފަދައިން އެދިވަޑައިގެން ޕްރޮސިކިއުޓަރ ޖެނެރަލަށް އެއްވެސް ލިޔުމެއް ފޮނުއްވާފައި ނުވާކަން ފާހަގަކުރަމެވެ. އެއާ ޚިލާފަށް، ރައީސް މުޙައްމަދު ނަޝީދުގެ މައްސަލަ އިސްތިއުނާފުކޮށްދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އަރިހުގައި ރައީސް ޢަބްދުﷲ ޔާމީން އެދިވަޑައިގެންފައިވާ ކަމަށް ޚުދު ރައީސް ޢަބްދުﷲ ޔާމީން މީޑިޔާ މެދުވެރިކޮށް ވިދާޅުވެފައިވާކަންވެސް ފާހަގަކުރަމެވެ. ވީމާ، ޕްރޮސިކިއުޓަރ ޖެނެރަލް ރައީސް މުޙައްމަދު ނަޝީދުގެ މައްސަލަ އިސްތިނާފުކޮށްފައިވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ނުފޫޒު ފޯރުވިގެން ކަމުގައި ބެލުމުގެ ޖާގަ އޮތްކަމުގައިވެސް ދަންނަވަމެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުއްވި ރައީސް މުޙައްމަދު ނަޝީދުގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތަކުގައި، ރައީސް މުޙައްމަދު ނަޝީދު ޕްރޮސިކިއުޓަރ ޖެނެރަލަށް އެއްބާރުލުން ނުދެއްވިކަމަށް ސަރުކާރުން ބުނަމުންދާތީ ދަންނަވަމެވެ. ޕްރޮސިކިއުޓަރ ޖެނެރަލަކީ އެމައްސަލައިގެ އެއް ޚަސްމެވެ. އަދި ހައިކޯޓުން ނިންމާފައިވަނީ ރައީސް މުޙައްމަދު ނަޝީދަކީ އެމައްސަލައިގެ އަނެއް ޚަސްމުކަމުގައެވެ. ސަރުކާރުގެ ނަޒަރުގައި، މައްސަލައެއްގެ ޝަރީޢަތުގައި އެއް ޚަސްމު އަނެއް ޚަސްމަށް “އެއްބާރުލުން ދިނުމަކީ” ކޮބައިކަން ސާފެއް ނުވެއެވެ. މައްސަލައެއްގެ ޝަރީޢަތުގައި ޚަސްމުން އެއްބާރުލުން ދޭންޖެހޭނީ ކޯޓަށެވެ. އަދި ޝަރީޢަތްކުރާ ފަނޑިޔާރުންނަށެވެ. ރައީސް މުޙައްމަދު ނަޝީދުގެ މައްސަލަތަކުގައި އެމަނިކުފާނުވާނީ ކޯޓަށާއި މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ފުރިހަމަ އެއްބާރުލުން ދެއްވާފައެވެ.

ހައިކޯޓުގައި ހިނގައިދިޔަ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީޢަތުގައި ރައީސް މުޙައްމަދު ނަޝީދު އެއްބާރުލުން ނުދެއްވާ ކަމަށް ސަރުކާރުން ވާހަކަ ދައްކަމުން ގެންދާއިރު، ރައީސް މުޙައްމަދު ނަޝީދުގެ މައްސަލަ ކޯޓުތަކަށް ހުށަހެޅޭ ހިނދުގައާއި އަދި އެމަނިކުފާނު ޙުކުމް ތަންފީޒުކުރައްވަމުން ގެންދަވާއިރު ސަރުކާރުން ރައީސް މުޙައްމަދު ނަޝީދަށް ފޯރުކޮށްދޭންޖެހޭ އެތައް ކަމެއް ހިފަހައްޓާކަން ފާހަގަކުރަމެވެ. އެގޮތުން، މައްސަލައަށް ތައްޔާރުވެވަޑައިގަތުމަށް ވަކީލުންނާ މަޝްވަރާ ކުރެއްވުމުގެ ފުރުޞަތު ނުދޭކަން (ދެ ބައްދަލުވުން ދެމެދުގައި 14 ދުވަސް ފާއިތުވާކަން) އާއި، އަދި މައްސަލައަށް ތައްޔާރުވުމަށް މައްސަލައާ ގުޅޭ ލިޔެކިޔުންތައް ނުދިނުމުގެ އިތުރުން މައްސަލަ ނިމިގެންދާއިރުވެސް އެލިޔެކިޔުންތައް ރައީސް މުޙައްމަދު ނަޝީދަށް ނުދޭކަމާއި، ރައީސް މުޙައްމަދު ނަޝީދު އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރައްވާ ބައެއް ބައްދަލުވުންތަކުގައި ސަރުކާރުގެ މުވައްޒަފުން އެބައްދަލުވުން އަޑުއަހައި އަދި ވީޑިއޯ ރެކޯޑް ކުރާކަމާއި، އަދި ޤާނޫނީ ވަކީލުން މަސައްކަތް ކުރަންޖެހޭނީ ހަމައެކަނި ކޯޓުތަކުގައިކަމަށް ބުނެ ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުން ކޯޓުތަކުގެ ބޭރުން ކުރާ މަސައްކަތުގެ ނުރަނގަޅު ތަޞައްވަރެއް ރައްޔިތުންނަށް ދިނުމަށް ވާހަކަ ދައްކާކަން މީގެ ތެރެއިން ފާހަގަކޮށްލަމެވެ.

އަދި ދަންނަވަމެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ޢަބްދުﷲ މުޙައްމަދު ކ.ގިރިފުށީގައި ބެހެއްޓި މައްސަލައިގައި، ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށް ރައީސް މުޙައްމަދު ނަޝީދު އަމުރުކުރެއްވިކަމަށް ވިދާޅުވެ އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންފައިވާ ކަމަށް ސަރުކާރުން ބުނެ އޮޅުވާލައި ކަނޑައެޅިގެން ދޮގު ހަދަމުންދާތީ ދަންނަވަމެވެ. ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީޢަތުގައި ހުށަހެޅި ހެކިތަކުގެ ތެރޭގައިވާ އެއްވެސް ހެއްކެއްގައި އެފަދަ އިއުތިރާފެއް އެމަނިކުފާނު ވެފައި އޮތް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. އަދި، އެއްވެސް ހެއްކެއްގެ ހެކިބަހުގައިވެސް އެފަދަ އިއުތިރާފެއް ހުށަހަޅާފައެއް ނުވެއެވެ. ވީމާ، ސަރުކާރުން ރައީސް މުޙައްމަދު ނަޝީދާ ގުޅޭ ގޮތުން ދައްކަމުން އެގެންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ.

މީގެ އިތުރުން، ރައީސް މުޙައްމަދު ނަޝީދުގެ މައްސަލާގައި އދ. އިން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން ސަރުކާރުން ބުނަމުން ގެންދަނީ އެނިންމުމާ ގުޅޭ ގޮތުން ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށެވެ. އެހެންނަމަވެސް، އދ. ގެ އެނިންމުމާ ގުޅޭ ގޮތުން މިހާތަނަށް މައްސަލައެއް ހުށަހަޅާފައެއް ނުވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ކްރިމިނަލް ކޯޓުން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހިންގާފައިވާ ޓެރަރިޒަމުގެ މައްސަލަ ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހެޅުމުން އެމައްސަލަ ދިވެހިރާއްޖޭގެ ހައި ކޯޓުން ބަލައި ނުގަތުމުން އެކަން ބަލައިދިނުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އދ. ގެ ނިންމުމަށް ބަލާއިރު، ޝަރުޢީ ކޯޓަކުން ނިންމަންޖެހޭ ކަމެއް ނެތެވެ. ރައީސް މުޙައްމަދު ނަޝީދު ވަގުތުން ދޫކޮށްލުމަށް އަންގާފައިވަނީ ދިވެހި ސަރުކާރަށެވެ. އެނިންމުން ބިނާކޮށްފައިވާ ICCPR އަދި UDHR މުއާޙަދާގައި ދިވެހި ސަރުކާރުންވަނީ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އޭގައި ސައިކޮށްފައެވެ. ވީމާ، އދ. ގެ އެނިންމުމަކީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ނުލައިވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ދިވެހި ސަރުކާރުން ޢަމަލުކުރުމަށް ލާޒިމު ނިންމުމެއް ކަމުގައި ދަންނަވަމެވެ.

ވީމާ، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާފައިވާ ޝަރީޢަތާއި، އެމައްސަލައިގެ އިސްތިއުނާފާއި، އަދި ޖުމްލަކޮށް ރައީސް މުޙައްމަދު ނަޝީދާ ގުޅޭ ގޮތުން ސަރުކާރުން ކެނޑިނޭޅި ދޮގު ހަދަމުންދާ ދިޔުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި އެފަދަ ދޮގު ހެދުން ހުއްޓާލައި، އެފަދަ ނާތަހްޒީބު ދަށު ދަރަޖައިގެ ޢަމަލުތައް ހިންގުން ހުއްޓާލުމަށް ދިވެހި ސަރުކާރަށް އިލްތިމާސް ކުރަމެވެ.

10 އޮކްޓޯބަރ 2015