އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ މަސައްކަތުގެ ދާއިރާއިން ބޭރުވެ، ސަރުކާރުގެ އަތްދަށުވެ ސިޔާސީ ބަޔާން ނެރެމުންދާ މައްސަލަ ކުށްވެރިކުރުން.

ޤާނޫނު އަސާސީން ބާރު ލިބި އުފައްދާފައިވާ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ދާއިރާއިން ބޭރުވެ، ސަރުކާރުގެ އަތްދަށުވެ، އެކޮމިޝަނުން ސިޔާސީ ބަޔާން ނެރެގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ޤާނޫނާއި ޚިލާފް އަމުރުތައް އަންގަމުންދާ މައްސަލަ މިޕާޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މިގޮތުން ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެކޮމިޝަނުގެ ނަން ޤާނޫން އަސާސީއާއި އަދި ޤާނޫނާ އެއްގޮތަށް ލިޔެފައި ނުވާކަން ފާހަގަކުރަމެވެ. އެބަޔާނުގައި އޮތްގޮތަކީ ‘އިލެކްޝަން ކޮމިޝަން’ އެވެ. ނަމަވެސް ޤާނޫން އަސާސީއާއި ޤާނޫނުގައި އޮންނަ ގޮތަކީ ‘އިލެކްޝަންސް ކޮމިޝަން’ އެވެ. މިކަމުންވެސް އެ ކޮމިޝަންގެ ފެންވަރު ހާމަވަމުންދާކަން ފާހަގަކުރަމެވެ.

އެބަޔާނުގައި ލިޔެފައިވާ އަނެއްވާހަކައިގައި މިޕާޓީގެ ގުނަވަންތަކުން ނިންމާ ނިންމުންތައް ކުށްވެރިކޮށްފައިވެއެވެ. ނަމަވެސް މި ޕާޓީގެ ޙައްޤުތައް ދިފާޢު ކުރުމާއި މިޕާޓީން ކަންކަމުގައި ދެކޭ ގޮތް ނިންމުމަކީ މި ޕާޓީއަށް ލިބިގެންވާ ޙައްޤެކެވެ. އަދި ރާއްޖެއާ މެދު އ.ދ އިން ނިންމާ ނިންމުންތަކަށް ސަރުކާރުން ބޯލެނބުމަށް ގޮވާލުމަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ވާޖިބެކެވެ. ހަމައެފަދައިން އެބަޔާނުގައި ލިޔެފައިވާ އަނެއް ވާހަކައަކީ މާބޮޑަށް ހައިރާންކުރަނިވި ވާހަކައެކެވެ. އެގޮތުން އެބަޔާނުގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމް.ޑީ.ޕީ އޮވެ، ސަރުކާރުގެ އިސްވެރިންނަށާއި ސަރުކާރުގެ ނިންމުންތަކަށް ގޮންޖަހައި އެކަންކަންކަމަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް ގޮވާލުން ކުށްވެރިކުރާކަމަށެވެ.

އިދިކޮޅު ސިޔާސީ ޕާޓީއެއްގެ އެންމެ އިސްދައުރަކީ ސަރުކާރުގެ އެންމެ އިސްފަރާތްތަކުން ފެށިގެން މުޅި ސަރުކާރު ޒިންމާދާރުކުރުވުމާއި ސަރުކާރުންކުރާ ނޭއްގާނީ ކަންކަން ހުއްޓުވުން ކަމުގައި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައި ބުނެ ބަޔާން ނެރެފައިވާ އިލެކްޝަންސް ކޮމިޝަނަށް ހަނދާންކޮށްދެމެވެ. މި މިންވަރު އެގުމަށް އިލެކްޝަންސް ކޮމިޝަނުން ޣާފިލުވެފައިވާކަން ކަންބޮޑުވުމާއިއެކު ފާހަގަކުރަމެވެ.
އެކޮމިޝަނުގެ ރައީސާއި ނައިބު ރައީސް މުޅި ދުނިޔެއިން ފާޑުކިޔުން ރައްދުވިގޮތަށް، ސުޕްރީމް ކޯޓުން ވަކިކުރުމަށްފަހު، ސަރުކާރުން ބޭނުންވާ ސިޔާސީ މަޤްޞަދު ޙާސިލްކުރާ ކޮމިޝަނަކަށް އެތަން ބަދަލުކޮށްފައިވާކަން އެކޮމިޝަނުން ނެރެމުންދާ އެފަދަ ބަޔާންތަކުން ހާމަވެއެވެ.

އިލެކްޝަންސް ކޮމިޝަނަކީ އެމްޑީޕީއަށް ވުރެ ހަގު މުވައްސަސާއެއް ކަމަށްވުމުގެ އިތުރުން، އެކޮމިޝަން މިހާރު އެވަނީ އަނެއްކާވެސް ސިޔާސީ ޕާޓީތަކުގެ ދައުރާއި ، ޑިމޮކްރަސީގެ ހަމަތައް މިޕާޓީގެ ކިބައިން އުގެނެންޖެހޭ ޙާލަތަށް ގޮސްފައިކަން ދެކެމެވެ.

އަދި ޑިމޮކްރަސީ ވީކްގެ ނަމުގައި 1.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ބޭކާރުނުކޮށް، ރާއްޖޭގައި ޑިމޮކްރަޓިކް ހަމަތަކެއް އަށަގެންނެވުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ރާއްޖޭގެ އެންމެ ބޮޑު ޑިމޮކްރަޓިކް ޕާޓީ އަށް ބިރުދެއްކުން ހުއްޓާލުމަށް ގޮވާލަމެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ނަގައިނުލުމަށާއި ސިޔާސީ ކުލަވަރު ޖެހިފައިވާ ބަޔާންތައް ނުނެރުމަށް އެ ކޮމިޝަނަށް ގޮވާލަމެވެ.

9 އޮކްޓޯބަރ 2015
ބަޔާން ނެރުނީ : އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް