އިސްމާއީލް ރަޝީދު (ހ.ނޫރާނީފެހި، މ.މާޑު) އަވަހާރަވުމާއި ގުޅިގެން ތަޢުޒިޔާ ދެންނެވުން

އެމްޑީޕީ އަށް ވަރަށް އަގުހުރި ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައިވާ އިސްމާޢީލް ރަޝީދު (ހ.ނޫރާނީފެހި، މ.މާޑު) އުމުރުފުޅުން 83 އަހަރުގައި 07 އޮކްޓޯބަރ 2015 ދުވަހު އަވަހާރަވުމާއި ގުޅިގެން އެމްޑީޕީގެ އެންމެހާ މެމްބަރުންގެ ނަމުގައި އެބޭފުޅާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ.

އިސްމާޢީލް ރަޝީދު ހިމެނިވަޑައިގެންނެވީ ތަރުބިއްޔަތާއި އިހްތިރާމް ލިބެނިވި ގިނަގުނަ ފިލާވަޅުތަކެއް، އެމްޑީޕީގެ ހީވާގި މެމްބަރުންނަށް ޢަމަލީ ގޮތުން ދައްކަވައިދެއްވި ނަމޫނާ މެމްބަރެއް ކަމުގައެވެ. ދައުލަތުގެ ވަކީލު ކަމާއި ޕޯސްޓް އޮފީހުގެ ވެރިކަން ފަދަ ދައުލަތުގެ މަތީ މަގާމުތަކެއްގައި ޚިދުމަތްކުރެއްވުމަށްފަހު އިސްމާއީލް ރަޝީދު އެމްޑީޕީ ގެ އެކި ކެމްޕެއިންތަކަށް ގެނެސްދެއްވި މަސައްކަތު އަޚްލާގާއި ތަޖްރިބާ އަކީ އެމްޑީގެ މެމްބަރުން އަބަދުމެ އުފަލާއިއެކު ހަނދާން ކުރާނެ މަތިވެރި ސިފަތަކެކެވެ. އެބޭފުޅާގެ މާނަހުރި ސަމާސާ ތަކާއި ހެޔޮ ވިސްނެވުން އެއީ މެމްބަރުންގެ މެދުގައި އެކުވެރިކަން އާލާކުރެއްވުމުގެ ވަޞީލަތްތަކެއްކަން އަބަދުމެ އެމްޑިޕީގެ މެމްބަރުން ހަނދާންކުރާނެއެވެ.

އެމްޑީޕީގެ ކެންޑިޑޭޓް މުހަންމަދު ނަޝީދު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ތަކުގައި އިސްމާއީލް ރަޝީދު ވަނީ ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވައި، އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައެވެ. އުތުރު އަރުމާޒާއި ދެކުނު އަރުމާޒުގައި އަދި އިންޞާފުގެ ދަތުރު ތަކުގައި އެމްޑިޕީ އަށާއި އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބީ ހޯއްދަވައިދެއްވުމުގައި އޭނާވަނީ ބައިވެރިވެވަޑައިގެން ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށަކަށް އެމްޑީޕީން ކުރި ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. ޒުވާން މެމްބަރުންނަށް ހެޔޮމިސާލު ދެއްކެވުމުގައި އޭނާ ވަނީ ކޮންމެ ދުވަހަކު ދޮރުން ދޮރަށް ހިންގަވައި މައުލޫމާތު ދެއްވައި ހޯއްދެވުމުގައި އޭނާއަށް ކަނޑައެޅުއްވި އަދަދުތަކަށްވުރެ ވެވަޑައިގެން މިންވަރަކުން އިތުރަށްވެސް ހިންގަވައިގެން ކަމާބެހޭ (މަޢުލޫމާތު) ފައިލް ފުރިހަމަކޮށްދެއްވައި ޓީމް މެމްބަރުންނާ ހިއްޞާކުރައްވާފައެވެ. މަޑުމައިތިރި އޯގާތެރި މިޒާޖެއް އޭނާ އަބަދުމެ ހާމަކުރައްވާއިރު، ކަނޑައަޅުއްވާ ގަޑިން ގަޑިއަށް ކަންކަން ފުރިހަމަ ކުރެއްވުމާއި، ކުރައްވާ ހިންމަތްތަކުގެ މައިގަނޑުތައް ހިނގާ ނުހިނގާ މިންވަރު ބެއްލެވުމަށް އޭނާ އަބަދުމެ އިސްކަން ދެއްވާ ދެއްވުމަކީ އެއީ އެކަންކަމުން އެމްޑީޕީގެ މެމްބަރުންނަށް އަގުހުރި ފިލާވަޅުތަކެއް ލިބިގެންދިޔަ ފުރުޞަތުތަކެކެވެ.

މަރްހޫމް އިސްމާއީލް ރަޝީދުގެ ޢާއިލާގެ މެމްބަރުންނާއި ރަހްމަތްތެރީން ނަށް މިހިތާމަވެރި ދަނޑިވަޅުގައި ހިތްވަރާއި ކެތްތެރިކަން މިންވަރުކުރެއްވުން އެދި މާތްﷲ ހަޟްރަތުގައި ދުޢާދަންނަވައި މަރްހޫމް އިސްމާއީލް ރަޝީދުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވެވުން އެދި މާތްﷲ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ. (އާމީން)