ދައުލަތުގެ އެކި މުވައްސަސާތަކުން އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސްއެޅުން ކުށްވެރިކުރަން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ސުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ދައުލަތުގެ އެކިއެކި މުވައްސަސާތަކުން ހުރަސްއަޅަމުން އަންނާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރި ކުރަމެވެ. ވަކިން ޚާއްޞަކޮށް މިނިސްޓްރީ އޮފް ހައުސިންއިން ހުއްދަތައް ދިނުމުގައި ސިޔާސީ ކުލަވަރުޖެހި، ތަކުރާރުކޮށް އެމް.ޑީ.ޕީއާ މެދު ތަފާތުކުރާކަން ފާހަގަކޮށް އެކަން ކުށްވެރިކުރަމެވެ.

އޮކްޓޯބަރ މަހުގެ 8 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޕާޓީގެ ޢާންމު ޖަލްސާއަށް އާޓިފިޝަލް ބީޗް ބޭނުންކުރުމުގެ ހުއްދައަށް އެދި 28 ސެޕްޓެބަރ ވަނަ ދުވަހު މިނިސްޓްރީ އޮފް ހައުސިން އަށް ފޮނުވި ސިޓީގެ ޖަވާބު މިއަދާ ހަމައަށްވެސް ލިބިފައިނުވެއެވެ. މި ސިޓީއަށް ޖަވާބު ނުލިބުމުން އޮކްޓޯބަރ 4 ވަނަ ދުވަހުވެސް އަނެއްކާ ވާނީ ކާނިވާ ސަރަޙައްދު ނުވަތަ އާރޓިފިޝަލް ބީޗް ބޭނުންކުރުމުގެ ހުއްދައަށް އެދިފައެވެ. ދެވަނަ ސިޓީއަށް ޖަވާބު ނުލިބުމުން 6 ވަނަ ދުވަހުވެސް ސިޓީއަކުން ވާނީ އެދިފައެވެ. މި ސިޓީތަކުގެ ކޮޕީ ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސަސް އަށާއި އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށްފައެވެ.

އެމް.ޑީ.ޕީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު ޖަލްސާ އަދި މުޒާހަރާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފަރާތުން މި ޕާޓީގެ ވެރިންނާ މިއަދު ވަނީ ބައްދަލުކުރައްވައި މި ޙަރަކާތްތައް ހިނގާނެ ގޮތާ މެދު ސުވާލުކުރެއްވާފައެވެ. އެމް.ޑީ.ޕީގެ ޙަރަކާތްތައް އާންމުކޮށް ޢިއުލާންކުރުމަށް ނެރޭ ޕިކަޕް ހިފަހައްޓައި ފުލުހުން ފުރައްސާރަކުރަމުން ގެންދާތީ އެކަމާ އެމް.ޑީ.ޕީގެ ފަރާތުން ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ އެއީ އެކަމަށް ބޭނުންވާ ހުއްދަ ނެތީމާ ކަމުގައެވެ. އަދި ވިދާޅުވީ މީގެ ކުރިން ފުލުހުން ޢިއުލާންކޮށްފައިވާ ގޮތާ ޚިލާފަށް ހުއްދަ ދޫކުރާނީ ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން ކަމުގައެވެ. ވިޔަފާރިވެރިންގެ ޖަމްޢިއްޔާއަކީ ދައުލަތުގެ މުވައްސަސާއެއް ނޫނެވެ. އަދި ޤާނޫނު އަސާސީން ލިބިދޭ ބާރެއްގެ ބޭނުންކުރުމުގެ ހުއްދައަށް އެފަރާތުގައި އެދެންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ. މިއީ ދައުލަތުގެ އެންމެ މުހިއްމު އެއް މުވައްސަސާ ކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފަރާތުން ދެއްކެވި ވަރަށް ޒިންމާދާރުކަންކުޑަ ދެކޮޅުނުޖެހޭ ވާހަކައެކެވެ.

މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބައްދަލުވުމުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ހައުސިންއަށް އަންގާފައިވީނަމަވެސް މިނިސްޓްރީގެ ފަރާތުން ބައިވެރިވެފައި ނުވާކަން ފާހަގަ ކުރަމެވެ. ހައުސިން މިނިސްޓްރީން ދޭންޖެހޭ ހުއްދަތައް ދިނުމުގައި ވަނީ ސިޔާސީ ކުލަވަރު ޖެހިފައިއެވެ.

ޤާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ދަށުން ދަޢުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާކަމަށާއި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ހުއްދަ ހޯދުމަކާ ނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޙައްޤު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށާއި މިނިސްޓްރީ އޮފް ހައުސިންގއަށް ހަނދާކޮށްދެމެވެ.