ރާއްޖެ ޓީވީ އިމާރާތުގައި ހުޅުޖަހައި އަނދައި އަޅިޔަށް ހަދައިލި މައްސަލައަށް މިއަދު 2 އަހަރު ފުރިގެން ދާއިރު އެއަމަލު ހިންގި މުޖިރިމުން ހޯދައި އަދަބުދީފައި ނުވާތީ އެކަމުގައި ދިވެހި ސަރުކާރު ކުއްވެރިކުރުން

7 އޮކްޓޫބަރު 2013ވަނަ ދުވަހު ރާއްޖެ ޓީވީގެ އިމާރާތުގައި ހުޅުޖަހައި އަނދައި އަޅިޔަށް ހަދައިލިތާ މިއަދަށް 2 އަހަރުފުރިގެންދާއިރު އެއަމަލު ހިންގި މުޖިރިމުން ހޯދައި އަދަބުދީފައިނުވާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުއްވެރިކޮށް ރައީސް ޔާމިން ގެ ސަރުކާރު ކުއްވެރިކުރަމެވެ.

އެ ނުރައްކާތެރި ޖަރީމާ އަކީ ކުރިން ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއްކަން ފާހަގަކުރަމެވެ. އަދި އެ ހަމަލާގައި ރާއްޖެ ޓީވީގެ އިމާރާތާއި އެންމެހައި ތަކެތި އެއްކޮށް އަނދައި އަޅިޔަށްވެ، ރާއްޖެ ޓީވީއަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުންތަކެއް ވެފައިވެއެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެމައްސަލައިގެ ފުރިހަމަ ތަހުޤީގެއް ހިންގައި އެއްވެސް ފަރާތެއް ޝަރީއަތުގެ ކުރިމަށްޗަށް ހާޒިރުކޮށްފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ރާއްޖެ ޓީވީއަށްއެދިން ހަމަލާއަކީ އެ ސްޓޭޝަންއަށް އިންޒާރުތަށް ކުރިން ދިނުމަށްފަހު ދީފައިވާ ހަމަލާއެއްކަމާއި، އަދި ރާއްޖެ ޓީވީ ހިމާޔަތް ކޮށްދިނުމަށް ފުލުހުންގެ ކިބައިން ތަކުރާރުކޮށް އެދިފައިވަނިކޮށް ދިން ހަމަލާއެއްކަން ފާހަގަކުރަމެވެ. އަދި އޭގެކުރިން އެ ޓީވީ ސްޓޭޝަން ގެ ނޫސްވެރިޔާ އިބްރާހިމް ވަހީދު (އަސްވާޑު)އަށްވެސް މަރުގެ ހަމަލާއެއް ދީފައިވާވަނިކޮށްކަން ފާހަގަކުރަމެވެ.

ރާއްޖެޓީވީ އަނދައި އަޅިޔަށް ހަދައިލައި، އަސްވާޑަށް މަރުގެ ހަމަލާދިން ދިނުމަކީ ރާއްޖެ ޓީވީގެ އިތުރުން މުޅި މިނިވަން ނޫސްވެރިކަމަށް ދިންހަމަލާއެއްކަން ފާހަގަކުރަމެވެ.

މި ނުރައްކާތެރި ޖަރީމާތާކުގެ އަމަލު ހިންގައި އަދި އެކަން ރާވައި ހަދާފައިވާ ފަރާތްތަކާއިމެދު މިއަދާއި ހަމައަށްވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމަކީ ސަރުކާރުގެ ވަރަށް ބޮޑު ފެއިލިއަރ އެއްކަމާއި ނުވަތަ ސަރުކާރު އަޑީގައި އޮވެގެން ހިންގި ޖަރީމާތަކެއްކަމަށް ތުހުމަތު ކުރުމުގެ ޖާގައޮތް ކަމެއްކަމުގައި ގަބޫލުކުރެވެއެވެ.
އެހެންކަމުން ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުން މި މައްސަލަތަށްވަގުތުން ބަލައި އެ ޖަރީމާތަށް ހިންގި ފަރާތްތަކަށްހައްޤު އަދަބުދިނުމަށް އަދިވެސް އެއްފަހަރު މި ޕާޓީން ގޮވާލަމެވެ.
7 އޮކްޓޫބަރު 2015
ބަޔާން ނެރުނީ އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓު