ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ބައިނަލްއަޤްވާމީ ކަންތައްތަކާބެހޭ ކޮމިޓީގެ މުޤައްރިރު އަލްފާޟިލް ޢަބްދުﷲ ޝާހިދު ކޮމަންވެލްތުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ ޖޮސަފިން އޮޖިއަމްބޯ އާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ލަންޑަންގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ކުރީގެ ރައީސް އަދި އެމް.ޑީ.ޕީގެ ގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖޭގެ ޤާނޫނުތަކާއި އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާއި ޙިލާފަށް ދިވެހި ސަރުކާރުން ބަންދުކޮށްގެން އުޅޭ މައްސަލާގައި އެމަނިކުފާނު މިނިވަންކުރުމަށް ކޮމަންވެލްތުން އިތުރު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ސިޔާސީ މަޤްސަދުގައި ޖަލަށްލާފައިވާ އެހެނިހެން ފަރާތްތަކާއިބެހޭ މަޢުލޫމާތާއި ސަރުކާރުން ޚުދުމުހުތާރު ވެރިކަމެއް ކުރަމުން ގެންދިއުމަށްޓަކައި ހިންގަމުންދާ ޢަމަލުތަކުގެ މަޢުލޫމާތު ދެއްވިއެވެ.
ނިޔު ޔޯކްގައި މިދިޔަ މަހު ބޭއްވި ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕުގެ ޖަލްސާއިން ނެރެފައިވާ ބަޔާނުގައި ތަފްސީލްކޮށް ރާއްޖޭގެ ސަރުކާރުން ޑިމޮކްރެޓިކް އުސޫލްތަކާއި ޚިލާފަށް، އަދި ކޮމަންވެލްތުގެ އެންމެ އަސާސީ އެއް މަސްދަރު ކަމުގައި ހިމެނޭ މިނިވަން ޖުޑިޝަރީއެއްގެ އުސޫލުތަކާއި އިދިކޮޅަށް ކުރަމުންގެންދާ ކަންތައްތަކުގެ ވާހަކަ ބަޔާންކޮށްފައި އޮތްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމަންވެލްތަކީ ޑިމޮކްރަސީއާއި ހެޔޮވެރިކަމާއި ޤާނޫނުގެ ވެރިކަން ދަމަހައްޓައި އަދި މިނިވަން ޖުޑިޝަރީއެއް ޤާއިމުކުރުމުގެ އުސޫލުތައް ކުރިއެރުވުމަށް އުފެދިފައިވާ ބައިނަލްއަޤުވާމީ ޖަމާއަތެއްކަމުގައި ދެކެވަޑައިގައްނަވާކަމަށާއި އެހެންކަމުން ކުރިއަށްއޮތްތާނގައި މިހާރަށްވުރެ ޙަރަކާތްތެރިކޮށް ކޮމަންވެލްތުގެ މަސައްކަތް ފެންނާނޭކަމަށް އުއްމީދުކުރައްވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.