ރައީސް ނަޝީދުގެ މައްޗަށް ޙުކުމްކުރެވިފައިވަނީ ރާއްޖެއާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކަމަށް އ.ދ. އިން ނިންމި ނިންމުމަށް މަރުޙަބާކިޔުމާއެކު، އެ ނިންމުން ބަލައިގަތުމަށް ދިވެހި ސަރުކާރަށް ގޮވާލުން

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޑިމޮކްރެޓިކް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށް، އެ މަނިކުފާނަށް 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ ރާއްޖެއާއި ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނުތަކަކާ ޚިލާފަށް ކަމަށް އ.ދ. ގެ ވޯކިންގ ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަން އިން ނިންމި ނިންމުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން މަރުޙަބާކިޔަމެވެ. އަދި، އެ ނިންމުމަށް އިޙްތިރާމް ނުކުރާނެ ކަމަށާއި، ބަލައިނުގަންނާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާ ބުނުން ކުށްވެރިކޮށް، އެ ނިންމުން އަނބުރާ ގެންގޮސް، އ.ދ. ގެ ނިންމުން ބަލައިގަތުމަށް ދިވެހި ސަރުކާރަށް ވެސް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލަމެވެ.

ދިވެހި ސަރުކާރުގެ މި ފަދަ ގޮތް ދޫނުކުރުންތަކަކީ އޭގެ ސަބަބުން ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް ނުހަނު ގެއްލުން ހުރި ކަންކަން ކަމުގައި އެމްޑީޕީގެ ދިއްދޫ ދާއިރާއިން ދިވެހި ސަރުކާރަށް ހަނދާންކޮށްދެމެވެ. އަދި އެ ކަންކަމުގެ ސަބަބުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެ އެކަހެރިވެ، ދުނިޔޭގެ ހަމައާއި އުސޫލުތަކަށް ގޮންޖަހާ ގައުމަކަށް ދިވެހިރާއްޖެ ވަމުންދާ ކަމާއި، މި ކަންކަން ބަލަހައްޓައިގެން ދިވެހި ރައްޔިތުން އަބަދު ނުތިބޭނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ދިވެހި ސަރުކާރަށް ދެމެވެ. އަދި ރާއްޖޭގައި މިއަދު އޮތް ޕީޕީއެމްގެ ސަރުކާރަކީ ރައްޔިތުންގެ ލޯތްބާއި، ރައްޔިތުންގެ ރުހުމާއެކު ވެރިކަމަށް އައިސްފައިވާ ސަރުކާރެއް ނޫންކަމާއި، ބައިނަލްއަޤްވާމީ ހުރިހާ ހަމަތަކާއި، އިންސާފުން އެއްކިބާވެފައިވެ، ހައްދު ފަހަނައަޅާފައިވާ ޣައިރު ޤާނޫނީ ސަރުކާރެއް ކަމުގައި ވެސް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ދެކެމެވެ. މީގެ އިތުރުން، ސަރުކާރުގެ ނިވާފަތްގަނޑަކަށްވެ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާއި ޖުޑިޝަރީއިން ރައީސް ނަޝީދުގެ ޝަރީޢަތް ކުރިއަށް ގެންގޮސްފައިވާތީ، މި ޣައިރު ޤާނޫނީ މުޑުދާރު ޢަމަލުގެ ބައިވެރިއެއްގެ ގޮތުން ދިވެހިރާއްޖޭގެ ޖުޑިޝަރީ ދިވެހި ރައްޔިތުންެގ ކިބައިން މަޢާފަށް އެދެން ޖެހޭނެ ކަމުގައި ވެސް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ދެކެމެވެ.

މިކަންކަން މިހެން ހުރުމާއެކު، މިއަދުން މިއަދަށް ރައީސް ނަޝީދު ދޫކޮށްލުމަށް ދިވެހި ސަރުކާރަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލަމެވެ. އަދި، ޤާނޫނީ މަގާއި ދުނިޔޭގެ ހަމައާއި އިންސާފު ދޫކޮށްގެން ދިވެހިރާއްޖެއަށް ދިމާވާ ކޮންމެ ހިތާމައަކާއި ގެއްލުމެއްގެ ފުރިހަމަ ޒިންމާ ރައީސް ޔާމީން ނަގަން ޖެހޭނެ ކަމުގައި ވެސް ދަންނަވަމެވެ.

ބަޔާން ނެރުނީ:
އެމްޑީޕީގެ ދިއްދޫ ދާއިރާގެ ސެކްރެޓަރީ ޖެނެރަލް އަލީ ހާޝިމް