ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އިންތިޒާމްކޮށްގެން ޗާނދަނީ މަގުގެ ސީގަލް ކަންމަތީގައި މިރޭ ބޭއްވި ސުލްޙަވެރި އެއްވުން ޤާނޫނާ ޚިލާފަށް ފުލުހުން ރޫޅާލައި ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅުން އެންމެ ހަރު އަޑުން ކުށްވެރި ކުރަމެވެ.
މިރޭ ބޭއްވުނު އެއްވުމާ ގުޅިގެން ޤާނޫނު ނަމްބަރު 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤަނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން އެއްވުމުގެ ނޯޓިސް ފުލުހުންނަށް ވަނީ ދެވިފައެވެ. އަދި ފުލުހުންނަށް ދީފައިވާ ނޯޓިސްގައި މިރޭގެ 9 ން ފެށިގެން 4 ގަޑިއިރަށް އެއްވުން ކުރިއަށް ދާނެ ކަމުގައި ވަނީ އަންގާފައެވެ. މި ނޯޓިސް ފޮނުވުމުން ފުލުހުންގެ ފަރާތުން ރައްދު ލިބި، އެ ރައްދުގައި އެއްވުމަށް ފުލުހުންގެ އިއުރާޒެއް އޮތްކަމަށް ބުނެފައިނުވާކަން ފާހަގަ ކުރަމެވެ.
އެހެންނަމަވެސް ޞުލްޙަވެރި އެއްވުމުގެ ތެރެއަށް ފުލުހުން ވަދެގަނެ އެއްވެސް ޤާނޫނީ ހަމައެއްނެތި އެއްވުމުގައި ބޭނުންކުރަމުން ގެންދިޔަ ސައުންޑް ސިސްޓަމްތައް ނިއްވާލުމަށް ޤާނޫނާ ޚިލާފަށް އަމުރުކޮށް އެއްވުން ވަނީ ރޫޅާލާފައެވެ.
ފަހަކަށްއައިސް ޞުލްޙަވެރި ސިޔާސީ ޙަރަކާތްތައް ޤާނޫނާ ޚިލާފަށް ހުއްޓުވައި އެއްވެ އުޅުމުގެ މިނިވަންކަމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް ހުރަސް އަޅަމުންނެވެ. މިޕާޓީގެ ފަރާތުން މިކަން ބަލައިދިނުމަށް އެދިހިއުމަން ރައިޓްސް ކޮމިޝަނުގައި ވާނީ އެދިފައެވެ.
އެއްވެ އުޅުމުގެ މިނިވަންކަމާ ޤާނޫނު އަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކަށް ފުލުހުން ތަކުރާރުކޮށް އަރައިގަތުން ބަލައިނުގަނެވޭނެއެވެ. ރައްޔިތުން ބުރަ މަސައްކަތުން ހޯދައިފައިވާ މި ޙައްޤުތައް ހިމާޔަތް ކުރުމަކީ ޚުދު ފުލުހުންގެ މައްޗަށް ލާޒިމު ކަމެކެވެ. ފުލުހުންގެ ޒިންމާއަކީ ޞުލްޙަވެރި އެއްވުންތަކަށް ޖާގަ ދީ އެކަން މަގުފަހިކޮށްދިނުމެވެ. އެހެންކަމުގައި މިފަދަ ސުލްހަވެރި ސިޔާސީ ޙަރަކާތްތަކަށް ފުރުޞަތުދީ އެކަން ކުރެވޭނެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދަށް ގޮވާލަމެވެ. އަދި ފުލުހުންގެ މުވައްސަސާއަކީ ވަކި ފަރާތަކަށް ނުޖެހި ރައްޔިތުންގެ ޚިދުމަތުގައި ދެމިއޮވެ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ތަނަކަށް ހެދުމަށް ގޮވާލަމެވެ.