އދ. ގައި ފަލަސްތީނުގެ ދިދަ ފުރަތަމަފަހަރަށް އުފުލުމުގެ މުނާސަބަތުގައި މަރުޙަބާ ކިޔުން

ފަލަސްތީނުގެ ދިދަ ފުރަތަމަ ފަހަރަށް އެމެރިކާގެ ނިޔު ޔޯކް ގައި ހުންނަ އދ. ގެ މައި މަރުކަޒުގައި އިއްޔެ ރަސްމީކޮށް އުފުލާފައިވާތީ އެކަމާމެދު އުފާކޮށް ފަލަސްތީނުގެ ރައްޔިތުންނަށާއި ފަލަސްތީނުގެ ރައީސް މަޙުމޫދު ޢައްބާސަށާއި އެ ޤައުމުގެ ސަރުކާރަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން މަރުޙަބާ ދަންނަވަމެވެ.

އދ. ގެ މައި މަރުކަޒުގައި ފަލަސްތީނުގެ ދިދަ ރަސްމީކޮށް ފުރަތަމަ ފަހަރަށް އުފުލެވުނު ދުވަހަކީ ވަރަށް ތާރީޚީ ދުވަހެއްކަން ފާހަގަކުރަމެވެ. އަދި އެކަމަކީ ފަލަސްތީނު މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އދ. އިން ބަލައިގަތުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންގެންދާ މިންނެތް މަސައްކަތަށް ލިބުނު ކާމިޔާބެއްކަމުގައި ދެކެމެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ އަކީ ފަލަސްތީނު މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އޮތުމަށް އަބަދުވެސް ވަކާލާތުކުރާ ސިޔާސަތެއްގެ މައްޗަށް އެކުލެވޭ ޕާރޓީއެކެވެ. އަދި އަވަސް ފުރުސަތެއްގެ ތެރޭގައި ފަލަސްތީނު ފުރިހަމަ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި މުޅި ދުނިޔެއިން ބަލައިގަތުމަކީ މި ޕާރޓީން ނުހަނު ބޮޑަށް އެދި އެދި އޮތްކަމެކެވެ.

1 އޮކްޓޯބަރ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް