ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތާއި ގުޅިގެން އެމަނިކުފާނުގެ ފަރާތުން އދ. ގެ ވާކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް ހުށަހެޅި މައްސަލަ ސަރުކާރާއި ދެކޮޅަށް ނިންމުމާއި ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންނާއި ބައްދަލުކުރައްވާ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅު ސިޔާސީ މަންފާ އަށް ރައީސް ނަޝީދު ރަހީނު ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން އ.ދގެ ނިންމުމަށް ބޯލެބުމަށާއި ނުލަބައިފިނަމަ ރައީސް ނަޝީދު މިނިވަން ކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރައްވާނެކަމަށެވެ. އެގޮތުން ސީދާ ހަރަކަތް ފެށުމާއި މުޅި ރާއްޖެ ޝާމިލުވާ ގޮތުގައި މުޒަހަރާ ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވޯކިން ގްރޫޕުން ސަރުކާރާއި ދެކޮޅަށް މައްސަލަ ނިންނުމުމާއި ގުޅިގެން ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އދ. ގެ ވާކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއިން ނިންމާފައިވާ ނިންމުން ދިވެހި ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށާއި ސަރުކާރުން އެ މައްސަލަ ނިންމި ގޮތް ބަލައި ނުގަންނަ ކަމަށެވެ.