ރައީސް ނަޝީދުގެ ޖަލު ހުކުމަކީ ޤާނޫނާ ޚިލާފް ހުކުމެއްކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ނިންމުމަކީ، ދިވެހި ސަރުކާރު ތަބާވުމަށް ލާޒިމް ހުކުމެއްކަމަށް ފޮރިން މިނިސްޓްރީއާއި، ދިވެހި ސަރުކާރާއި، ދިވެހި ދައުލަތުގެ އެންމެހައި ފަރާތްތަކަށް ހަނދާންކޮށްދީ، ރައީސް ނަޝީދު މިހާރުން މިހާރަށް މިނިވަން ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަން – އެމް.ޑީ.ޕީ ޕާރލިމެންޓަރީ ގްރޫޕް ލީޑަރ އިބްރާހީމް މުޙައްމަދު ޞާލިޙް

30 ސެޕްޓެމްބަރގައި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި، ސެޕްޓެމްބަރު 17 ގައި އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޑަބްލިޔޫ.ޖީ.އޭ.ޑީ) އިން ރައީސް ނަޝީދާ އެއްކޮޅަށް މައްސަލަ ނިންމި ނަމަވެސް އެ ނިންމުން ސަރުކާރުން ބަލައިނުގަންނާނޭ ކަމަށް ބުނި ބުނުމަކީ ބައިނަލްއަޤްވާމީ ޙުކުމްތަކަށް ދިވެހިސަރުކާރުން ޙުރުމަތްތެރިކޮށް ނުހިތާކަމުގެ ބުރްހާނީ ހެއްކެކެވެ.
މައްސަލައިގެ ދެ ޚަޞްމުން ތިބެފައި، އެތަނުން އެއް ޚަޞްމެއްގެ ކޮޅަށް މައްސަލަ ނިންމުމުން އަނެއް ޚަޞްމު އެ ޙުކުމަށް ތަބާވުމަކީ ޠަބީޢީ ޢަދާލަތުގެ އަސާސެވެ. އަދި ދުނިޔޭގެ ހުރިހާ ޖަސްޓިސް ސިސްޓަމެއްގައިވެސް އެކަން އޮންނަ ގޮތެވެ.
ރައީސް ނަޝީދާއި އެމަނިކުފާނުގެ ޢާއިލާއާއި ގާނޫނީ ޓީމްއިން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާމުގެ ހައްޔަރާއި، އެމަނިކުފާނުގެ މައްޗައް ހިންގާފައިވާ ޝަރީއަތަކީ ބޭއިންސާފުން ހިންގާފައިވާ ކަންތައްތަކެއް ކަމަށެވެ. މިހެން މިކަންކަން އޮތްއިރު، އެ މައްސަލަ މުސްތަޤިއްލު ފަރާތަކުން ފައިސަލާ ކުރުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވަނީ، އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރު)ގެ މުޢާހަދާގައި ރާއްޖެ ސޮއިކޮށްފައިވާތީވެއެވެ.
އައި.ސީ.ސީ.ޕީ.އާރުގެ މުޢާހަދާއަށް ރާއްޖެ ތަބާވާން ލާޒިމްވަނީ، ޤާނޫނީ ގޮތުންނާއި، ބައިނަލްއަޤްވާމި ގޮތުންނާއި، ޝަރުޢީ ގޮތުންނެވެ. އަދި އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޑަބްލިޔޫ.ޖީ.އޭ.ޑީ)ގެ ނިންމުމަށް ސަރުކާރުން ތަބާވާން ޖެހެނީ މި ޕްރޮސެސްއަކީ ސަރުކާރުން ފުރިހަމައަށް ބައިވެރިވެ، މިއަދާ ހަމައަށްވެސް ޖަވާބްދާރީ ވަމުންއައިސްފައިވާ ޕްރޮސެސްއަކަށް ވާތީވެސްމެއެވެ.
އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޑަބްލިޔޫ.ޖީ.އޭ.ޑީ)ގެ މިނިންމުމަށް ސަރުކާރުން ތަބާނުވާނޭކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ރާއްޖެ އެއްބަސް ވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ބައިނަލްއަޤްވާމީ ޤާނޫނާޚިލާފަ ވުމެވެ.
ތަބާނުވެއްޖެނަމަ، ދިވެހި ސަރުކާރާއި، ކަމާބެހޭ މުއައްސަސާތަކުގައި ތިއްބެވި މަސްއޫލުވެރިންނާ ދެކޮޅަށް ބައިނަލްއަޤްވާމީ ފިޔަވަޅު އެޅުމަކީ ދުރުކަމެއް ނޫންކަން ހަނދުމަކޮށްދެމެވެ. އަދި މިފަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ، އާޚިރުގައި އޭގެ ނަތީޖާ ތަހައްމަލު ކުރަންޖެހޭނީ ދިވެހި ރައްޔިތުންކަން، ދިވެހި ސަރުކާރަށް ފަހުމްވާނެކަމުގައި ހީކުރަމެވެ.
“ރައީސް ނަޝީދުގް ޖަލު ހުކުމަކީ ޤާނޫނާ ޚިލާފް ހުކުމެއްކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޑަބްލިޔޫ.ޖީ.އޭ.ޑީ)އިން ގެ ނިންމި ނިންމުމަކީ، ދިވެހި ސަރުކާރު ތަބާވުމަށް ލާޒިމް ހުކުމެއްކަމަށް ފޮރިން މިނިސްޓްރީއާއި، ދިވެހި ސަރުކާރާއި، ދިވެހި ދައުލަތުގެ އެންމެހާ ފަރާތްތަކަށް ހަންދާންކޮށްދީ، ރައީސް ނަޝީދު މިހާރުން މިހާރަށް މިނިވަން ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަން، އެމް.ޑީ.ޕީ ގެ ޕާރލިމެންޓްރީ ގްރޫޕުގެ ލީޑަރ ހިންނަވަރު ދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާހިމް މުޙައްމަދް ސޯލިހް ވިދާޅުވިއެވެ.

ބަޔާން ނެރުނީ އެމް.ޑ.ީ.ޕީގެ ޕާރލިމެންޓްރީ ގްރޫޕް
1 އޮކްޓޫބަރު 2015