ރާއްޖެ ޓީވީ ގެ ސީ.އޯ.އޯ ޙުސެން ފިޔާޒް މޫސާ އަށް ސަރުކާރުގެ ދެ އޮފިޝަލަކު ޙަމަލާދިނުމަށް އުޅުނު އުޅުން ކުށްވެރިކުރުން

ރާއްޖެ ޓީވީއަށާއި މުވައްޒަފުންނަށް ތަކުރާރުކޮށް އަމާޒުކުރަމުންދާ ޙަމަލާތަކުގެ ތެރެއިން، ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޙުސެއިން ފިޔާޒް މުސާއަށް 28 ސެޕްޓެމްބަރު 2015 ވަނަ ދުވަހު ސަރުކާރުގެ ދެ އޮފިޝަލަކު ހަމަލާދޭން އުޅެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅާފައި ނުވާތީ އެކަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރު އަޑުން ކުއްވެރިކުރަމެވެ.

މިގޮތުން ރާއްޖެ ޓީވީ ގެ ސީ.އޯ.އޯ ޙުސެން ފިޔާޒް މޫސާ އަށް ސަރުކާރުގެ ދެ އޮފިޝަލަކު ރުޅިވެރިކަމާއެކު އަތް އިސްކޮށް ޙަމަލާދިނުމަށް މަސައްކަތްކޮށްފައިވަނީ “ފިނިފެންމާ” ލޯންޗްގައި ހިނގި ޙާދިސާގައި ޒަޙަމްވި ފަރާތްތައް އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު ވަގުތު އެތަން ކަވަރުކުރެއްވުމަށް ޙުސެން ފިޔާޒް މޫސާ މަސައްކަތްކުރައްވަމުން ގެންދަވަނިކޮށެވެ.

ރާއްޖެ ޓީވީއަށާއި އެތަނުގެ މަސައްކަތްކުރާ ފަރާތްތަކަށް މީގެ ކުރިންވެސް ވަނީ ރާވައިގެން ތަކުރާރުކޮށް ވަރަށް ނުރައްކާތެރި ހަމަލާތައްދީ، ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ކުރިމަތިކުރުވައިފައިކަން ފާހަގަކުރަމެވެ. ނަމަވެސް މިއަދާއި ހަމަޔަށް މިމައްސަލަތަކުގެ ފުރިހަމަ ތަޙްޤީގެއް ހިންގައި ޝަރީއަތެއް ކުރެވިފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ރާއްޖޭގެ މިނިވަން މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި ތަންތަނަށް ތަކުރާރުކޮށް ބޮޑެތި ޙަމަލާތައްދީ ބިރުދައްކަމުންދިއުމުގެ ސަބަބުން ރާއްޖޭގައި މިނިވަންކަމާއިއެކު މީޑިއާތަކުން މަސައްކަތްކުރުމަށް ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ. މިކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ވެސް ދަނީ ރާއްޖެއާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެހެންކަމުން، މިފަދަ މައްސަލަތަކުގެ ފުރިހަމަ ތަޙްގީޤް ހިންގައި ވަގުތުން ފިޔަވަޅު އެޅުމަށާއި މިނިވަންކަމާއެކު މީޑިއާތަކުން މަސައްކަތްކުރުމުގެ މަގުފަހިކޮށްދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް މި ޕާރޓީން އަނެއްކާ ވެސް ގޮވާލަމެވެ.

ބަޔާން ނެރުނީ : އެމްޑީޕީ ސެކްރެޓޭރިއެޓް
30 ސެޕްޓެމްބަރ 2015