ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އާއި ބައްދަލުކުރުމަށް އެމަނިކުފާނުގެ އާއިލާ ބޭފުޅުންނަށް ދެމުން ދިޔަ ފުރުސަތު އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ނާޒިމް ސައްތާރަށް ނުދޭތީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ގާނޫނީ ވަކީލް ނާޒިމް ހުށަހެޅުއްވި އެ މައްސަލާގައި ވަނީ ރައީސް ނަޝީދު އާއި ބައްދަލުކުރުމުގެ ފުރުސަތު މީގެ ކުރިން ހަފްތާއަކު އެއްފަހަރު ދެމުން ގޮސް މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެ ފުރުސަތު ނުދޭނެ ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށެވެ. އެ ގޮތަށް އަންގާފައިވަނީ އާންމުކޮށްފައިވާ ކޮން ގާނޫނަކުން ނުވަަތަ ކޮން ގަވައިދެއްގެ ދަށުން ކަމެއް ނޭނގޭއިރު ރައީސް ނަޝީދަށް ލިބިދޭ އިނާޔަތްތައް ހިފެއްޓިފައިވާ ކަމެއް ކަރެކްޝަނުން ބަޔާންކޮށްފައި ނުވާ ކަމަށް އެ މައްސަލާގައި ފާހަގަ ކޮށްފައި ވެއެވެ.