ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވަމުން ގެންދެވި ލޯންޗްކޮޅުގައި ހިނގި ނުރައްކާތެރި ޙާދިސާ ތަޙްޤީޤްކުރުމަށް ގޮވާލަން

ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީންގެ ދެކަނބަލުން މިއަދު ހެނދުނު މާލެ ވަޑައިގަންނަވަނިކޮށް އެމަނިކުފާނާ އަދި ސަރުކާރުގެ ބައެއް ވެރިން ދަތުރު ކުރައްވަމުން ގެންދެވި ފިނިފެންމާ ލޯންޗުކޮޅުގައި ހިނގި ނުރައްކާތެރި ޙާދިސާއާ މެދު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އިންތިހާއަށް ކަންބޮޑުވުން ފާޅު ކުރަމެވެ.

މިފަދަ ނުރައްކާތެރި ޙާދިސާއެއް ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކަށް ޙާއްޞަކުރެވިފައިވާ ލޯންޗުކޮޅުގައި ހިނގުން މިހާރުން މިހާރަށް ތަޙްޤީޤްކޮށް މިކަމުގައި އިޙުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ އެންމެހައި ފަރާތްތަކަށް ގޮވާލަމެވެ.

މިދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާއަށާއި މި ނުރައްކާތެރި ޙާދިސާގައި އަނިޔާ ލިބުނު އެމް.އެން.ޑީ.އެފްގެ ސަރޖަންޓް ފަރސްޓް ކްލާސް މުޙައްމަދު ޢަބްދުލް ނާސިރަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓަރީ ފާތިމަތު މުޙައްމަދު ޞާލިހަށް އަވަސް ޝިފާއަކަށް އެދެމެވެ.