އ.ދގެ މެމްބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ އޮންނަތާ 50 އަހަރު މިއަދު ފުރޭއިރު، އ.ދގެ ޗާރޓާރ އަށް ބޯލެބުމަށް ސަރުކާރަށް ގޮވާލުން

ދިވެހިރާއްޖެ އ.ދގެ މެމްބަރު ޤައުމެއްގެ ގޮތުގައި ބައިވެރިވިތާ މިއަދަށް 50 އަހަރު ފުރޭހިނދު، އ.ދގެ ޗާރޓާރަށް އަށް ބޯލަނބައި، ހަމަތަކަށް ރުޖޫއަ ވުމަށް ދިވެހި ސަރުކާރަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ގޮވާލަމެވެ.

ދިވެހިރާއްޖެ އ.ދގެ މެމްބަރު ޤައުމެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ 21 ސެޕްޓެމްބަރު 1965ގައެވެ. އަދި ރާއްޖެ އެގޮތުގައި އަމަލުކޮށްފައި ވަނީ ތަހުޒީބު ދުނިޔެއެއްގައި ރާއްޖެއަށް ކުރިއެރުމާއި ހަމަޖެހުން ހޯދުމުގެ މަޤުސަދުގައެވެ. އ.ދގެ ޗާރޓަރުގައި ބަޔާންކޮށްފައިވާ މައިގަނޑު ހަމަތަކާއި އުސޫލުތަށް ކުރިއަރުވައި ނަގަހައްޓާނެ ޤައުމަކަށް ދިވެހިރާއްޖެ ވާނޭ ކަމަށް ދިވެހިރާއްޖެ އިން އިޤުރާރުވެފައިވެއެވެ.

މިގޮތުން އަންނަން އޮތް ޖީލުތައް ރައްކާތެރިކޮށްދޭނެ ޤައުމެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށާއި، މިނިވަންކަމާއި، އިންސާނީ ހައްޤުތަކާއި ، އިންސާނީ ޝަރަފާއި ކަރާމާތާއި ހަމަހަމަކަން ކުރިއަރުވައި ރައްކާތެރި ކޮށްދޭނެ ޤައުމެއްގެ ގޮތުގައި ދެމިއޮންނާނޭ ކަމަށް ދިވެހިރާއްޖެ އިޤުރާރުވެފައިވެއެވެ. ހަމަ އެފަދައި އަދުލު އިންސާފާއި، ރައްޔިތުންގެ ރައްކާތެރިކަމާއި ހަމަޖެހުން ޤާއިމުކޮށް ކުރިއަރުވާ ޤައުމަކަށް ވާނޭކަމުގެވެސް އިޤުރާރު ވެފައިވެއެވެ. އަދި އ.ދގެ އެކިއެކި މުއާހަދާތަކާއި އެއްބަސްވުންތަކާއި، ބައިނަލްއަޤުވާމީ ޤާނޫންތަކާއި އެއްގޮތަށް އަމަލުކުރާނޭ ޤައުމަކަށް ވާނޭ ކަމުގައިވެސް ރާއްޖޭއިން އިޤުރާރުވެފައިވެއެވެ.

ނަމަވެސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ސަރުކާރުން އ.ދގެ ހަމަތަކާއި އުސޫލުތަކުން ނެއްޓި، އަދި ބައިނަލްއަޤްވާމީ ޤާނޫންތަކާއި ޚިލަފަށް އަމަލުކޮށް، ރާއްޖޭގެ ރައްޔިތުންނަށް ނުހައްޤުން އަނިޔާވެރިވެ، އިންސާނީ ހައްޤުތަކަށް ފާޅުގައި އަރައިގަނެ، އަދި ހަމަހަމަކަން ނަގައިލަމުންދާކަން ފާހަގަ ކުރަމަމެވެ.

ދިވެހި ސަރުކާރުން އެފަދައިން އަމަލުކުރަމުންދާކަމުގެ ކަންބޮޑުވުން އ.ދގެ އިންސާނީ ހައްޤުތަކާއި ބެހޭ އެންމެ އިސްވެރިޔާ އާއި، އ.ދގެ ހިއުމަން ރައިޓްސް ކައުންސިލް އާއި، ފަނޑިޔާރުންނާއި ވަކީލުންނާއި ބެހޭ އ.ދގެ އެންމެ އިސް ވެރިޔާ ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެ އ.ދގެ މެމްބަރު ޤައުމެއްގެ ގޮތުގައި ބައިވެރިވިތާ މިއަދަށް 50 އަހަރު ފުރޭހިނދު، އ.ދގެ ޗާރޓާރަށް އަށް ބޯލަނބައި، ހަމަތަކަށް ރުޖޫއަ ވުމަށް ދިވެހި ސަރުކާރަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އިލްތިމާސްކޮށް ގޮވާލަމެވެ.

21 ސެޕްޓެމްބަރު 2015
ބަޔާން ނެރުނީ : އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓް