ރައީސް މުޙައްމަދު ނަޝީދުގެ މައްސަލައިގެ ހައިކޯޓުގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ޙުކުމް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2015/132/Cr-Cޤަޟިއްޔާ ޕްރޮސިކިއުޓަރ ޖެނެރަލް ސުޕްރީމް ކޯޓަށް އިސްތިއުނާފް ކޮށްފައިވާ ކަމަށް ބުނެ 17 ސެޕްޓެމްބަރު 2015 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނޫސް ބަޔާނެއް ނެރުއްވާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިސްވެ ދެންނެވި ނޫސް ބަޔާނުގައި ރައީސް މުޙައްމަދު ނަޝީދާ ގުޅޭ ގޮތުން ޙަޤީޤަތް އޮޅޭ ގޮތަށް ގިނަ ވާހަކަތަކެއް ލިޔުއްވާފައިވާތީ ދަންނަވަމެވެ. އެ ނޫސް ބަޔާނުގައިވަނީ، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް އިސްތިއުނާފުކުރެއްވުމުގެ ޙައްޤު ރައީސް މުޙައްމަދު ނަޝީދަށް އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކުރައްވާފައި އޮތް އިރު ރައީސް މުޙައްމަދު ނަޝީދު އެޙުކުމް އިސްތިއުނާފުކުރައްވާފައި ނުވާކަމަށެވެ.

ރައީސް މުޙައްމަދު ނަޝީދަށް އެމައްސަލަ އިސްތިއުނާފު ކުރެއްވުމުގެ ޙައްޤު އޮތް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ދެންނެވި ނިންމުން ނިންމާފައިވަނީ 10 ސެޕްޓެމްބަރު 2015 ވީ ހުކުރު ދުވަހު ކަމަށްވީއިރު އެނިންމުމާ ގުޅޭ ގޮތުން ރައީސް މުޙައްމަދު ނަޝީދާ މަޝްވަރާ ކުރެއްވުމަށްޓަކައި އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ބައްދަލުކުރެއްވުމަށް އެދިވަޑައިގަތުމުން މޯލްޑިވްސް ކަރެކްޝަން ސަރވިސް އިން އެފުރުޞަތު ދެއްވާފައިވަނީ 17 ސެޕްޓެމްބަރު 2015 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުއެވެ. އަދި ހަމައެދުވަހު ޕްރޮސިކިއުޓަރ ޖެނެރަލް ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ހައިކޯޓުގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލް އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

މިކަންކަން ހިނގާފައިވާ ގޮތަށާއި މިކަންކަން ހިނގާފައިވާ ތާރީޚުތަކަށް ބެލުމުން މިއޮފީހަށް ޤަބޫލުކުރެވެނީ، ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވާ އިސްތިއުނާފު ކުރެއްވުމުގެ ޙައްޤު ބޭނުން ކުރެއްވުމުގެ ފުރުޞަތު ސަރުކާރުން ހިފެހެއްޓުމަށްފަހު ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލް މަސައްކަތްކޮށްފައިވާ ކަމެވެ. އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރެއްވީވެސް އެމައްސަލައިގައި ރައީސް މުޙައްމަދު ނަޝީދުގެ ކަންބޮޑުވުންތައް ރަނގަޅުނޫންކަން ސާބިތުކޮށްދިނުމަށްޓަކައި ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަ މައްސަލަތައް އިސްތިއުނާފްކުރުމަށް މައްސަލައިގައި ހިމެނޭ ޚަސްމުންނަށް 60 ދުވަހުގެ ފުރުޞަތު ލިބިދީފައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މިމައްސަލަ ކުރުމުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، އެމައްސަލައާ ގުޅޭ ގޮތުން ރައީސް މުޙައްމަދު ނަޝީދުގެ ކަންބޮޑުވުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ފުރުޞަތު ނުދިނުމުގެ ނިޔަތުގައި ކަމުގައި ދެކެމެވެ.

އަދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ނޫސް ބަޔާނުގައި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަނެ އިސްތިއުނާފު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވާފައި ނުވާ ކަމަށް ބުނެފައިވާތީ ދަންނަވަމެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްވެ ދެންނެވި މައްސަލައިގައި ހައިކޯޓުން ރައީސް މުޙައްމަދު ނަޝީދަށް އެންގެވި އެންމެހައި ކަންކަމަށް ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ވަނީ ޢަމަލު ކުރައްވާފައެވެ. އެގޮތުން އެމައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ޚުދު ރައީސް މުޙައްމަދު ނަޝީދުވަނީ ބައިވެރިވެވަޑައިގެންފައެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ހައިކޯޓަށް ހުށަހެޅި މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމި ނިންމުމަކީ ރައީސް މުޙައްމަދު ނަޝީދުގެ ޢަމަލަކާ ނުވަތަ ދެއްކެވި ވާހަކަފުޅަކާ ގުޅިފައިވާ ކަމެއް ނޫންކަމުގައިވެސް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހުށަހަޅާ މައްސަލަތަކުގައި، ރައީސް މުޙައްމަދު ނަޝީދުގެ ޙައްޤުތައް ގެއްލޭ ގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލާއި ކޯޓުތަކުން ޢަމަލުކުރަމުން ގެންދާކަމީ މިއޮފީހުން ނުހަނު ކަންބޮޑުވާ ކަމެކެވެ. ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރު ދުވަހުގެ ޖަލު ޙުކުމުގެ މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ކްރިމިނަލް ކޯޓުގައި ހިނގައިދިޔަ އަޑުއެހުންތަކުގެ އޯޑިއޯ ރެކޯޑިން ހޯދުމަށް އެކިފަހަރުމަތިން އެދުނުކަމުގައި ވީނަމަވެސް މިއަދާ ހަމައަށްވެސް އެ ރެކޯޑިންގ ދެއްވާފައިނުވާކަން ފާހަގަކުރަމެވެ. އަދި، މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ބައްދަލުކުރައްވައި މައުނަވީ ގޮތެއްގައި މަސައްކަތް ކުރެއްވޭނޭ ގޮތެއް ހަމަޖެހުމާއި، މައްސަލަ އިސްތިއުނާފު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި ޤާނޫނީ ވަކީލުންނަށް އެކަށީގެންވާ ވަގުތު ލިބިދިނުމުން މެނުވީ ރައީސް މުޙައްމަދު ނަޝީދަށް މައުނަވީ ގޮތެއްގައި އެމައްސަލަ އިސްތިއުނާފު ނުކުރެއްވޭނޭކަންވެސް މިފުރުޞަތުގައި ދަންނަވަމެވެ. އަދި މައްސަލަ އިސްތިއުނާފު ކުރެއްވުމުން، ޝަރީޢަތުގެ އަޑުއެހުންތައް ހިނގާއިރު ބައިނަލްއަޤްވާމީ އޮބްޒަރވަރުންނަށް ޝަރީޢަތުގެ ކަންކަން އޮބްޒަރވް ކުރުމުގެ ފުރުޞަތު ލިބުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ޝަރީޢަތުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވުނީމާ މެނުވީ ރައީސް މުޙައްމަދު ނަޝީދު ކުރައްވާ އިސްތިއުނާފަކީ މައުނަވީ އިސްތިއުނާފަކަށް ވާނޭ ކަމަށް ޤަބޫލުނުކުރެވޭ ވާހަކަ ދަންނަވަމެވެ.