ޖަލުގައި އީވާން ނަސީމް މަރައިލުމާއި އަދި ބަޑިޖައި އިތުރު ގައިދީން މެރި ޖަރީމާއަށް 12 އަހަރު ފުރުން ފާހަގަކުރުން

ސެޕްޓެމްބަރ 19 ވަނަ ދުވަހަކީ މ.އޭޝިއާ އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު މާފުށީ ޖަލުގައި ހައްޔަރުކޮށް ބަހައްޓައިގެން ސިފައިން އެނާގެ ގައިގާ ތަޅައި ލާއިންސާނީ އެތަކެއް އަނިޔާއެއް ކުރުމަށްފަހު އޭނާ މަރާލައި، އަދި އާއިލާއަށް ސިއްރުން އޭނާގެ ހަށިގަނޑު ވަޅުލަން އުޅުނު ބޮޑުވެގެންވާ ޖަރީމާއަށް 12 އަހަރު ފުރޭ ހިތާމަވެރި ދުވަހެވެ. އަދި އެޖަރީމާއާ އިދިކޮޅަށް ޖަލުގައި އިޙްތިޖާޖުކުރި އެތަކެއް އެހެން ގައިދީން ތަކެއްގެ ގަޔަށް ބަޑިޖަހައި އެމީހުން މެރުމާއެކު އެނޫން ގައިދީންތަކެއް ޒަޙަމްކުރި އަނިޔާވެރި ޙާދިސާއާ ގުޅިފައިވާ ދުވަސް ވެސް މެއެވެ.

އީވާން ނަސީމް މަރާލާފައިވަނީ ރަޙުމްކުޑަ އަނިޔާވެރި މަރަކުންކަން ސާބިތުކޮށްދެއްވުމަށް މަސައްކަތްކުރައްވައި، އީވާން ނަސީމުގެ މަރުގެ ސެޓްފިކެޓްގައި ސޮއިކުރުމުގެ ކުރިން އެ މަރުޙޫމްގެ މަރު ތަޙްޤީޤުކޮށް މަރުވި ސަބަބު ބެލުމަށް ޑޮކްޓަރުންނަށް ގޮވާލެއްވި ބޭފުޅަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް މުޙަންމަދު ނަޝީދުކަން ފާހަގަކުރަމެވެ. އީވާން ނަސީމުގެ އިހާނާތްތެރި މަރާ ގުޅިގެން، ރާއްޖޭގެ ޖަލުތަކުގައި އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، ބޮޑެތި އަނިޔާތައް ދެމުންދިޔަކަމާއި، އެ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު މަރުވެފައިވާކަމަށް އޭރު ތުންތުންމަތިން ދެކެވެމުން ދިއަ ވާހަކަތަކުގެ ޙަގީގަތް ދިވެހިރައްޔިތުންނަށާއި ދުނިޔެއަށް ހާމަވެގެން ދިޔައެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިއައެވެ.

ސިފައިން އީވާން ނަސީމު މަރައިލުމާއި، އެއަށްފަހު ޖަލުގައި ބަޑިޖަހައި އެހެން ގައިދީން މަރައި އަދި ޒަޙަމްކުރި މައްސަލައިގެ ތަޙްޤީޤް ރިޕޯޓުން އެކިބައިތައް އުނިކޮށް، އެ ތަޙްޤީޤުގެ ޙަޤީޤަތް މިއަދާހަމައަށް ވެސް ރައްޔިތުންނަށް ހާމަކޮށްފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ޖަލުގައި ބަޑިޖަހާފައިވަނީ ސިފައިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އޯޑަރ ކުރަން ތިބި ފަރާތްތަކުގެ އޯޑަރަށް ކަމަށްވާނަމަ، އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވާތީއާއި، ބަޑިޖަހާފައިވަނީ އޯޑަރުގެ މަތިން ނޫންކަމަށްވާނަމަ ސިފައިންގެ ޤާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަޙްޤީޤެއް ހިންގައި އެކަމަށް ޝަރީއަތްކޮށްފައި ނުވާތީ، އެކަމުގެ ޙަޤީޤަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހިފައިވާކަން ފާހަގަކުރަމެވެ.

ޚުދުމުހްތާރުކަމާއި އަނިޔާވެރިކަން ހައްދުފަހަނާޅައި ގޮސް އެތައް ބަޔަކު މަރައި، ލާއިންސާނީ އަނިޔާކުރުމުގެ ބައިވެރިން އަދި ވެސް ޝަރީޢަތެއްގެ ކުރިމައްޗަށް ގެނެވިފައި ނުވާއިރު، އެފަރާތްތަކުން އަނެއްކާ އަލުން އެ ސަޤާފަތް ދިރުވަމުންދާކަމުގެ ބިރުވެރިކަން ރައްޔިތުންނަށް ކުރިމަތިވެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެފަދަ ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް އަދަބު ލިބެންޖެހޭނޭކަމަށް މި ޕާރޓީން ޤަބޫލުކުރަމެވެ.

19 ސެޕްޓެމްބަރ 2015
ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް