އަންހެނުންގެ ލޮބީ ގްރޫޕް އެކުލަވާލުމަށް ތައްޔާރުވަނީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ރޫހުގެ ފަރާތުން ދިވެހި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ލޮބީ ގްރޫޕް އެއް އެކުލަވާލުމުގެ މަސައްކަތްފަށައިފިއެވެ. މި ލޮބީ ގްރޫޕްގެ މައިގަނޑު މަސައްކަތަކަށްވާނީ ސަރުކާރުން ހިންގާ އެކި އެކި މުޖުތަމައުއާ ގުޅުންހުރި މަސްކަތްތައް ހިނގާ ނުހިނގާގޮތް އަދި އެމް.ޑީ.ޕީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެހީތެރިވެދިނުމެވެ.

އެމް.ޑީ.ޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގުގައި އަންހެނުންގެ ރޫހުގެ ފަރާތުން އެކި އެކި ކެމްޕެއިންތަކުގައި، މުޒާހަރާތަކުގައި ، އިހްތިޖާޖްތަކުގައި އަދި ޖަލްސާތަކުގެ ތައްޔާރީތަކުގައިވެސް އަންހެން ކަނބަލުން މިހާތަނަށް ވެދެއްވައިފައިވާ ބޮޑެތި މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ.

އަންހެނުންގެ ރޫހުގެ ލޮބީ ގްރޫޕް ގެ ގޮތުގައި އިންތިހާބު ކުރެވިގެންދާނީ ކޮންމެ ރަށަކުން ރައީސް އަކާއި ނައިބު ރައީސްއެކެވެ. އެމް.ޑީ.ޕީގެ ދާއިރާތަކުގެ އިންތިހާބުގެ ތެރޭގައި ލޮބީ ގްރޫޕްގެ އިންތިހާބުެސް ގިން ރަށްތަކެއްގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އަންހެނުންގެ ރޫހުގެ ދިގު މުއްދަތުގެ ލަނޑުދަނޑިތަކުގެ ތެރޭގައި 6 މަސް ދުވަސް ތެރޭގައި އަންހެނުންގެ ރޫހުގެ ކޮމިޓީތަށް އެކުލަވާލުންވެސް ހިމެނެއެވެ.

އަދި މިރޭ އަންހެނުންގެ ރޫހުގެ ފަރާތުން މަލޭގެ ހުރިހާ ދާއިރާއެއްގެ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ވަނީ ޖަލްސާއެއް ސޯލްޓް ކެފޭގައި ބޭއްވުމަށް ރާވާފައެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ގިނަ އަންހެން ކަނބަލުންގެ ހިޔާލު ހޯދުމާއި ލަފާ ލީޑާރޝިޕް އާއި ހަމަޔައް ގެންގޮސްދިނުމެވެ.